އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާންމަހު ނަމާދުތަކާ އިތުރު އަޅުކަން ކުރިނަމަވެސް ރަމަޟާން މަސް ނިމުމުން ފަރުވާކުޑަކޮށްލައިގެން ހުއްޓާ މަރުވެއްޖެނަމަ އޮތީ ހާދަ ހިތާމަވެރި ގޮތެކެވެ!

ރަމަޟާންމަހު ނަމާދުތަކާ އިތުރު އަޅުކަން ކުރިނަމަވެސް ރަމަޟާން މަސް ނިމުމުން ފަރުވާކުޑަކޮށްލައިގެން ހުއްޓާ މަރުވެއްޖެނަމަ އޮތީ ހާދަ ހިތާމަވެރި ގޮތެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 1 ސިކުންތު

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފާއިތުވެ ފުރިހަމަ މަސްދުވަސް ފާއިތުވީއެވެ. ތިމާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ފޯރީގައި ރަމަޟާން މަހު 5 ނަމާދުކުރި މީހުންނަށް މިހާރު ކުރެވެނީ ކިތައްނަމާދުބާވައެވެ؟ ތަރާވީޙް އާއި ވިތުރި ކުރި މީހުންނަށް ޢިޝާނަމާދުގެ ފަހު ސުންނަތް ކޮށްލެވޭ ހެއްޔެވެ؟ 

މިސްކިތްތަކަކުން އެކަމެއް ނުފެނެއެވެ. މިސްކިތް ފުރި ބާރުވެ މަގުމަތީގައި ނަމާދުކުރިތާ އަދި މިވީ މަހެއްހައި ދުވަހެވެ. މިސްކިތްތަކުން ފެންނަނީ 3،4 ސަފެވެ. ހަމަ ޤައިމުވެސް ކޮންމެވެސް ބައަކު ނަމާދާއި ދުރުހެލިވެއްޖެއެވެ.  

އެހެންކަމުން އަމިއްލަ ނަފްސްގެ މައްޗަށް ވިސްނައިލަން އެބަޖެހެއެވެ. ތިމާގެ ޙާލާއިމެދުގައެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އެމީހެއްގެ ޢަމަލުތައް ބައްލަވައި ވޮޑިގަންނަވާނީ އެމީހަކު އުޅެ ނިމިދިއަ ގޮތުގެ މައްޗަށް ކަމަށްވާތީއެވެ. ނަމާދުތަކަށް ފަރުވާ ކުޑަކޮށްގެން ހުއްޓައި މަރުވެއްޖެނަމަ ތިމާއާއިމެދު ވެގެންދާނެ ގޮތް ހިތްމައްޗަށް ގެންނަން މަސައްކަތްކުރަމުން ވިދާޅުވެލައްވާށެވެ!  

ހަމައެކަނި ރަމަޟާން މަހު އަޅުކަންކުރާމީހަކީ އަޅުކަންކުރި މީހަކަށް ނުވާނެ!: ޑރ. ޢަލީ ޒާހިރު 

މީސްތަކުންނޭވެ! ރަމަޟާން މަހުގައި އަޅުގަނޑުމެން ވަރަށް ގިނަ ހެޔޮ ޢަމަލުތަކެއް ކޮށްފީމުއެވެ. ގިނަ ބައަކު ޚަތިމްކޮށްފިއެވެ. ނަމާދުކުރިއެވެ. ޞަދަޤާތްދިނެވެ. ގާތްތިމާގެ މީހުންގެ ޙާލު ބެލިއެވެ. ސުވާލަކީ ރަމަޟާން މަހަށް ފަހުގައި މިސްކިތްތައް ފަޅުކޮށްލާނީ ހެއްޔެވެ؟ ކުރަމުން އައި ހެޔޮ ޢަމަލުތައް ކުރުން އަނެއްކާވެސް ދެން އަންނަ ރަމަޟާން މަހާއި ބައްދަލުވަންދެން މަޑުޖައްސައިލާނީ ހެއްޔެވެ؟  

އެގޮތަށް ކަންކަން ކޮށްފިނަމަ އަޅުގަނޑުމެން ރަމަޟާންމަހުގައި އަޅުކަންކުރިކަމަކަށް ނުވާނެއެވެ! ވާނީ ޘަޤާފަތެއްގެ ގޮތުން ކޮށްލި ކަންކަމަށެވެ. މީސްތަކުން މިސްކިތަށް އަރައި އުޅޭތީ އަރައިލީ ކަމަށެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުން ދަރުމައަށް އެދިގެން އަޅުކަންކުރާ މީހަކު އަޅުކަންކުރާ މީހަކު އަޅުކަންކުރާނީ ހަމައެކަނި ރަމަޟާން މަހަކު ނޫނެވެ.  

އިމާމް އަޙްމަދު ބަޔާންކުރައްވަވާފައިވާ ގޮތުގައި ހެޔޮ ނިޔަތުގައި އަޅުކަންކުރާ މީހަކަށް އެކަމުގެ ހިތްހަމަޖެހުން ލިބޭނީ ސުވަރުގެ ވަންނަން އެއްފިޔަވަޅު ސުވަރުގޭގައި އެޅުމުން ކަމަށެވެ. އެނގިގެން މިދަނީ ހެޔޮ ނިޔަތުގައި އަޅުކަންކުރާ މީހަކުނަމަ އަބަދުވެސް ހުންނަންވާނީ އަޅުކަންކުރުމުގައި ކަމެވެ.  

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް އެ ޢަމަލެއްކުރުން މަތީގައި ދެމިހުންނަ ޢަމަލެވެ. ވީމާ ރަމަޟާން މަހު އަޅުކަންކޮށްފައި ރަމަޟާން މަސް ދިއުމުން އަޅުކަމާއި ދުރުހެލިވާން ހެޔޮ ނުވާނެއެވެ!  

ރަމަޟާން މަހު ކުރި ވަރަށް އަޅުކަންނުކުރެވުނު ނަމަވެސް ރަމަޟާން މަސްދިއުމުންވެސް ދެމިތިބެންވާނީ އަޅުކަންކުރުމުގައެވެ. ﷲ ތަޢާލާގެ މަގުގައި ތިބާއަށް ގޮވައިލެވޭ ކޮންމެ ތަނަކުން ފެންނަންވާނެއެވެ. ޙަރާމްކުރެއްވެވި ކަންކަން ކުރާ ތަނަކުން ފެނިގެން ނުވާނެއެވެ.  

މީސްތަކުންނޭވެ! އެމީހާގެ ޢަމަލުތައްވާނީ އެމީހާ ނިމިދިއަ ގޮތެއްގެ މަތީގައެވެ. ހެޔޮ ޢަމަލުކުރުމުގައި ދެމިހުންނަ މީހާ ނިމިދާނީ ހެޔޮޢަމަލުކުރުންމަތީގައެވެ. ހެޔޮކަންކަން ކުރުން ދޫކޮށްލައި ނުބައި މަގުން ހިނގައްޖެ މީހާގެ ނިމުން ނުބައި ގޮތުގައި އެމީހަކާއި ބައްދަލުކުރުން ގާތެވެ.  

ހެޔޮ ޢަމަލުކުރުންމަތީގައި ނިމިއްޖެ މީހާ ﷲ ގެ ދަރުބާރަށް ޙާޒިރުކުރެވޭނީ ހެޔޮޢަމަލުކުރި މީހެއްގެ ގޮތުގައެވެ. އުންމީދުކޮށްގެން މަސައްކަތްކުރަންވީ އެފަދަ މީހަކު ކަމުގައިވުމަށެވެ.

 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސް އަޑު އައްސަވައިލެއްވުމަށް:

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް