އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު
ދައްކަން މިއުޅެނީ ރަސޫލް އެންމެ ގިނައިން ކުރެއްވެވި ޢަމަލުފުޅުތަކުގެ ތެރެއިންވެސް ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ކުރެވެންވެސް އޮތްކަންތަކާއި އަހުރެމެން ބީރައްޓެހިވެގެންއުޅޭކަމުގެ ވާހަކައެވެ.
ފުރަތަމަ ކަމަކީ ރަސޫލާ ﷺ ދެކެ ލޯބިވުމެވެ. އެކަންކުރެވޭނީ ގިނަގިނައިން އެވާހަކަ ބުނުމަކުން ނޫނެވެ. ދުވާލަކު 10،000 އެހެން ބުނި ނަމަވެސް ސުންނަތުގައިވާ ޢަމަލުތައް ނުކުރާނަމަ އެމީހަކީ ރަސޫލާ ﷺ ދެކެ ލޯބިވާ މީހަކަށް ނުވެވޭނެއެވެ.
އެއްވެސް ކަމެއް ރަސޫލް ﷺ ކުރެއްވެވި ގޮތަށް ނުވަތަ ކުރެއްވެވި މިންވަރަށް އަހަރެމެންނަކަށް ނުކުރެވޭނެއެވެ. ނަމަވެސް ގިނައިން ކުރެއްވެވި އަމަލުފުޅުތައް ކުރުން ގިނަކުރަން މަސައްކަތްކުރަން ޖެހޭނެއެވެ. ސުންނަތަށް ޢަމަލުކުރުމަކީ އެއީއެވެ.
އެގޮތުން އިތުރު ޞާޙިބާ ﷺ ގެ ޢަމަލުފުޅުތަކަށް ބަލައިފިނަމަ ކޮންމެ ދުވަހަކު އެންމެ ގިނައިން ކުރައްވަވަމުން ގެންދެވި އެއްކަމަކީ ގިނަގިނައިން ތައުބާވެވަޑައިގަތުމެވެ. ތައުބާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތްއިރުގައިވެސް މެއެވެ.
އިތުރު މާތް ޞާޙިބާ ﷺ އަކީ ދުވަހަކުވެސް އެއްވެސް ފާފައެއް ކުރެއްވެވި ބޭކަލެއް ނޫނެވެ. އަދި ﷲ ތަޢާލާވަނީ އިތުރު މާތް ޞާޙިބާ ﷺ ގެ އިސްވެދިއަ ފާފަތަކާއި މުސްތަޤްބަލުގައި ކުރެއްވެވޭނެ ފާފަތަކަށްވެސް ޢަފޫކުރައްވައިވައި ދެއްވަވައިފައެވެ.
އަހަރެމެންނަށް ބަލައިފިނަމަ އަބަދު މިތިބެނީ ފާފަ ކުރެވިކުރެވިއެވެ. އަބަދު މިތިބެނީ ތައުބާވާނަ ޖެހިފައެވެ. ރަސޫލް (ﷺ) ދުވާލަކު 100 ފަހަރު ތައުބާވެވަޑައިގަތުން މަތީގައި ދެމިހުންނެވިއިރު އަހަރެމެންނަށް ދުވާލަކު އެންމެ ފަހަރަކުވެސް ތައުބާ ވެވޭ ހެއްޔެވެ؟ ނުވެވޭނަމަ އަހަރެމެންގެ ހާލަކީ ކޮބައިހެއްޔެވެ؟
ރަސޫލް (ﷺ) އެހައި ގިނައިން ތައުބާވެވަޑައިގަންނަވަމުން ގެންދެވީ ތަޤްވާވެރިކަން އިތުރު ކުރެއްވެވުމަށެވެ. އަހަރެމެން ތަޤްވާވެރިކަން އިތުރުކޮށްދެއްވެވުން މިއެދެނީ ތައުބާ ނުވެތިބެއެވެ. ވީމާ ލިބޭނީ ކޮން ތަޤްވާވެރިކަމެއް ހެއްޔެވެ؟
ތައުބާވުން މިއަދުވެގެން މިދަނީ މީސްތަކުންނާއި އެންމެ ބޮޑަށް ބީރައްޓެހި ޢަމަލަށެވެ. އަހުރެންނަށް ބުނަން އެނގޭ ކަމަކީ ސުވަރުގެ ވަދެވުންވަނީ ތައުބާވުން ގިނަކުރިވަރަކުން ކަމެވެ. ރަސޫލް (ﷺ) ވެސް އެހައިގިނައިން ތައުބާވެވަޑައިގަތީ ހިތްޕުޕުޅުގައި ސުވަރުގެ ވަދެވަޑައިގަތުމަށް އޮތް ދަހިވެތިކަން ބޮޑުކަމުންކަން ޔަޤީނެވެ.
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
12 މެއި 2025