އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު
ޙަޤީޤީ އެކުވެރިންނަކީ އަނެކާލައްވައި ވީހައި ގިނައިން އަޅުކަން ކުރުވަން މަސައްކަތްކުރާ މީހެކެވެ. ފާފަތައް ނުކުރަން ހިތްވަރުދޭ މީހެކެވެ. މަރުހަނދާންކޮށްދޭ މީހެކެވެ. މިކިޔައިދެނީ މިފަދަ ހުރިހާ ކަމަކަށްވެސް އަގުހުރި ނަޞޭޙަތެއްގެ ވާހަކައެވެ.
އެއީ 2 އެކުވެރިންނެވެ. ޢުމުރުން 60 އަހަރުވެފައިވާ 2 މީހުންނެވެ. ޒަމާންތަކަކަށްފަހު ބައްދަލުވެގެން ވާހަކަދައްކަމުން އެކަކު ސުވާލުކުރިއެވެ.
"ރަހްމަތްތެރިޔާއެވެ! އަހަރެމެން މިހާރު ތިބީ ޢުމުރުން 60 ގައެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމުން ދިގު ޢުމުރެއް ދެއްވަވައިފިއެވެ. ރަޙްމަތްތެރިޔާ ނިކަން ބުނެބަލާށެވެ! މިއަދުވެސް މަރުވެދާނެކަމަށް ތައްޔާރުވާން ރަހްމަތްތެރިޔާ ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ސުންނަތް ނަމާދުތައް ކުރަން ހެއްޔެވެ؟ ދަމުނަމާދުކުރަންހެއްޔެވެ؟ ފާފަތައް ފުއްސަވައިދެއްވެވުން އެދި ޞަދަޤާތްކުރަން ކުރަމުހެއްޔެވެ؟"
ރަޙްމަތްތެރިޔާ ވަރަށް ދެރަވެލާފައި ބުންޏެވެ! ފަރުޟު ނަމާދުތައް ކުރަމެވެ. އެކަމަކު ތިއަ ބުނި ކަންކަން ކުރެވެނީ ވަރަށް މަދުންނެވެ."
ރަޙްމަތްތެރިޔާ ބުންޏެވެ. "ރަޙްމަތްތެރިޔާއެވެ! ކޮންމެ ބޮޑު ކަމެއް ކުރިމަތިވުމުން އަހަރެމެން މިކިޔަނީ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ އެވެ.
الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
"އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ." (އަލް ބަޤަރާ: 156)
ރަޙްމަތްތެރިޔާއެވެ! ނިކަން ބުނެބަލާށެވެ! " އަހުރެމެންނަކީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން އަހުރެމެންނަކީ އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ" ބުނަމުން އެނބުރި ދިއުމުގެ ދަތުރަށް ތައްޔާރުނުވާނަމަ އަހުރެމެން މިކުރާ ދުޢާ އާއި ކުރާ ޢަމަލާއި ދިމާކުރެވޭނީ ކިހިނަކުންހެއްޔެވެ؟
އަހުރެން މިހާރު ހުރިހާ ސަމާލުކަމެއްވެސް މިދެނީ އެކަމަށެވެ. އެކަލާނގެ ޙަޟްރަތަށް އެނބުރި ދިއުމަށެވެ. ދިރިއުޅުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ކުރަމެވެ. ޢާއިލާއަށް ވަޤުތުދެމެވެ. ދެން ހުރި ހުރިހާ ވަޤުތުތަކެއް މިހޭދަކުރަނީ އެނބުރި ދިއުމަށް ތައްޔާރުވުމަށެވެ. ރަޙްމަތްތެރިޔާގެ ކިބައިންވެސް އަހުރެން އެދެނީ އެކޮޅަށް ކުރަންޖެހޭނެ ދަތުރަށް ތައްޔާރުވާން މަސައްކަތްކުރަން ފެށުމަށެވެ.
ހަމައެކަނި ފަރުޟުތައް އަދާކޮށްލުމަކުން ނުފުދޭނެއެވެ. ވީހާގިނައިން ސުންނަތް އަޅުކަންކުރަމުން ގެންދާށެވެ! ޚާއްޞަކޮށް ރޭއަޅުކަންކުރަންފަށާށެވެ! ރަހްމަތްތެރިޔާއަކީވެސް އަހުރެންނަށްވުރެ މާބޮޑަށް އެކަންކަން އެނގޭނެ މީހެކެވެ. އަހުރެން މިކުރިކަމަކީ ޞަހާބީން ފަދައިން އެކަކު އަނެކަކާއި ބައްދަލުވުމުން ހަނދުމަކޮށްލައިދިނީއެވެ."
ދެން ކަންކަން ވީގޮތް އެނގޭހެއްޔެވެ؟ ދެމީހުން އެހިސާބުން ވަކިވީއެވެ. ރަޙްމަތްތެރިޔާ ދެއްކި ވާހަކަތަކަށް އަނެއް ރަޙްމަތްތެރިޔާ ޢަމަލުކުރިއެވެ. އުޅުން ބަދަލުކޮށްލިއެވެ. އަޅުކަންކުރުމުގައި އަނެއް ރަހްމަތްތެރިޔާއާއި ވާދަކުރަން މަސައްކަތް ފެށިއެވެ.
އޭނާގެ އުޅުން އެގޮތަށް ބަދަލުކޮށްލިތާ މާގިނަ ދުވަހެއް ނުވެ އޭނާ މިދިނިޔެ ދޫކޮށް އެކޮޅަށް ދަތުރުކޮށްފިއެވެ. އިން ޝާ ﷲ. ހެޔޮލަފާ، ހީވާގި އަޅުވެރިއެއްގެ ގޮތުގައެވެ. އޭނާއަށް އޭނާގެ ރަޙްމަތްތެރިޔާގެ ސަބަބުން އެކުރީ ކޮންފަދަ ބޮޑު ފައިދާއެއް ހެއްޔެވެ؟ އިން ޝާ ﷲ
މިވާހަކަ މިކިޔައިދިނީ ޢިބްރަތަކަށްޓަކައެވެ. ހެޔޮލަފާ އެކުވެރިން ބެއިތިއްބުމުގެ ފައިދާ ބޮޑުކަން ބަޔާންކުރުމަށެވެ. ދުނިޔެވެސް އާޚިރަތްވެސް ލިބެން އޮތީ ހެޔޮލަފާ މީހުންނާއި އެކު ގުޅުން ބާއްވައިގެންކަން ބުނެދިނުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
14 މެއި 2025