އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 14 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެ މައްސަލަތައް މަދުވަން އެދޭނަމަ ފުރަތަމަ ކަމަކަށްވެސް ސުންނަތުގައިވާ ގޮތަށް މުޢާމަލާތުކުރަންފަށާށެވެ! މުޢާމަލާތު ކުރުމުގައި އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި ޤަދަރުދޭށެވެ!
އަހުރެމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލް ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންގެ ގާތަށް ފޮނުއްވުނީ އަޅުގަނޑުމެން އުޅެންވީ ގޮތް ދައްކަވައިދެއްވުމަށެވެ. އެގޮތުން މުޙައްމަދު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ އަޅުގަނޑުމެންނަށް ކައިވެނީގައި އަދި ދިރިއުޅުމުގައި އަނބިންނާއި މުޢާމަލާތުކުރާނެ އަދި ލޯބިދޭނެ ގޮތް އަންގަވާފައިވެއެވެ.
އަދި ޚަދީޖަތުގެފާނާއި ޢާއިޝަތުގެފާނުގެ އަރިހުން އައިސްފައިވާ މިފަދަ ދިރިއުޅުމުގެ ވާހަކަތަކުން އަޅުގަނޑުމެންނަށް ދިރިއުޅުމުގައި އުޅެންވީ ގޮތް ދަސްވެގެންދެއެވެ. އެގޮތުން ދިރިއުޅުމުގައި އަނބިންނާއި މެދު ޢަމަލުކުރަންވީ ބައެއް ގޮތްތައް ތިރީގައި ބަޔާން ކޮށްލާނަމެވެ.
· ޖިސްމާނީ އަދި ޖަޒުބާތީ ހަމަޖެހުމަކީ މުހިންމު ކަމެކެވެ
ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނާއި މެދު ޢަމަލުކުރަމުން ދިޔައީ ވަރަށް އިހާނެތިކޮށެވެ. ކަންކަން ކުރުމުގެ އަދި ކަންކަން ނިންމުމުގެ ބާރު އޮންނަނީ ފިރިހެނުންގެ އަތުގައެވެ. އަދި އަންހެނުންނަކީ ވަރަށް ނިކަމެތި ބައެއް ކަމަށް އެބައިމީހުން ދެކެމުން ދިޔައެވެ. ނަމަވެސް ރަސޫލާ ޞައްލަ ﷲ ޢަލައިިހި ވަސައްލަމް އަޅުގަނޑުމެންނަށް ނަމޫނާ ދައްކައިދެއްވީ އެއާއި ޚިލާފަށް ކައިވެނީގެ ގުޅުން ދެމިއޮންނާނީ އަނބިމީހާ އާއި ފިރިމީހާގެ ދެމެދުގައި އިތުބާރާއި، ލޯތްބާއި، އިޙްތިރާމް އޮވެގެން ކަމެވެ. މީގެ އިތުރުން ކައިވެނީގައި ހުރިހާ ކަމެއް ނިންމުމުގެ ބާރު އޮންނާނީ ފިރިހެނުންގެ އަތުގައި ނޫން ކަމަށާއި، އަނބިން ހުރިހާ ކަމެއްގައި ފިރިންގެ ދަށުވެގެން ތިބެން ނުޖެހޭކަން ވެސް ބަޔާން ކޮށްދެއްވާފައިވެއެވެ.
ޚަދީޖާ ރަޟިޔަ ﷲ ޢަންހާ ރަސޫލުالله އާއި ކައިވެނި ކުރެއްވުމުން އެކަކު އަނެކަކު ފުރިހަމަކުރި ހަމަހަމަ ބައިވެރިއެއްގެ ގޮތުގައި ބޮޑު ދައުރެއް އަދާކުރެއްވިއެވެ. ރަސޫލާއަށް އެންމެ ފުރަތަމަ ވަޙީ ބާވައިލެއްވުނުއިރުގައި އެކަލޭގެފާނު ގެއަށް ވަޑައިގަތީ ތުރުތުރު އަޅުއްވާ ޙާލުކޮޅުގައެވެ. އަދި ނިވާވާނެ ރަޖައެއް ހޯއްދެވިއެވެ. ޚަދީޖާ ރަޟިޔަ ﷲ އަންހާ އެކަލޭގެފާނަށް ރަޖައެއް ހޯއްދަވާދެއްވާ ލޯބިވާ ފިރިކަލުން ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރިއެވެ. އެވަގުތު އެކަމަނާ ސިދަލަށް ތެދަށް ވިސްނަވަމުން ގެންދަވާ، ރަސޫލާއަށް ދިމާވަމުންދާ ގޮތް ދެނެގަތުމަށް މަސައްކަތް ކުރެއްވިއެވެ. އަދި އެޙާދިޘާ އެނގުމާއެކު ޚަދީޖަތުގެފާނު ރަސޫލާއަށް ހިތްހަމަޖެހުން ހޯއްދަވައިދެއްވާ އެކަލޭގެފާނުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އަދި އެކަލޭގެފާނަކީ އެހެން މީހުން ބަލަހައްޓާ ރަނގަޅު މީހެއް ޙަޤީޤަތައް ވާހަކަދައްކަވާ ފަޤީރުންނަށް އެހީތެރިވެދެއްވާ، މެހެމާނުންނާ މެދު ދީލަތިކަމާއެކު މުޢާމަލާތްކުރައްވާ ބޭކަލެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި އެކަމަނާއަށް ،މާތްالله އެކަލޭގެފާނު، ދޫކޮށްނުލައްވާނެ ކަމުގެ ޔަގީންކަން އޮތެވެ.
ޚަދީޖަތުގެފާނު ވިދާޅުވެފައިވެއެވެ.
قَالَتْ خَدِيجَةُ كَلاَّ أَبشِر فَوَاللَّهِ لَا يُخْزِيكَ اللَّهُ أَبَدًا، وَاللهِ إِنَّكَ لَتَصِلُ الرَّحِمَ، وَتَصدُق الحَدِيثَ وَتَحْمِلُ الْكَلَّ، وَتَكْسِبُ الْمَعْدُومَ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الْحَقِّ
މާނައީ: ކަލޭގެފާނު އުފާފުޅުކުރައްވަވާށެވެ! ﷲ ތަޢާލާ ގަންދެއްވަމެވެ. الله ސުބުޙާނަހޫ ވަތަޢާލާ ދުވަހަކުވެސް ކަލޭގެފާނު ބަދުނާމު ނުކުރައްވަވާނެތެވެ. الله ސުބުޙާނަހޫ ވަތަޢާލާ ގަންދެއްވަމެވެ. ކަލޭގެފާނު އެހެން މީހުންނާ ރަނގަޅު ގުޅުމެއް ބަހައްޓަވައެވެ. ހަގީގަތަށް ވާހަކަފުޅުދައްވައެވެ. ކަލޭގެފާނު ފަޤީރުންގެ ބުރަ އުފުއްލަވައި، ނިކަމެތިންނަށް އެހީތެރިވެދެއްވައެވެ. ކަލޭގެފާނުގެ މެހެމާނުންނަށް ދީލަތިކަމާއެކު ޚިދުމަތްކުރައްވަވައި މުސީބާތްތައް ކުރިމަތިވާ މީހުންނަށް އެހީތެރިވެވަޑައިގެންދެއްވަމުއެވެ.
މި ބަސްފުޅުންވެސް އެނގޭ ގޮތުގައި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަށް، ޚަދީޖަތުގެފާނު ޖަޒުބާތީ ގޮތުން ހަމަޖެހުން ފޯރުކޮށްދެއްވިއެވެ. އެކަމަނާ އެކަލޭގފާނުގެ ހެޔޮ ސިފަތަކަށް އަލިއަޅުވާލައްވައި، އޭނާ ފަދަ ހެޔޮލަފާ މީހަކު ﷲ ދޫކޮށްނުލައްވާނެކަން ހަނދާންކޮށްދެއްވާ ޔަޤީންކަން ދެއްވިއެވެ. އެކަމަނާ އިންތިޒާމު ކުރެއްވީ ރަސޫލާ އާއި އެކަމަނާގެ ބޮޑުބޭބެ ވަރަގަތު ބުން ނައުފަލް އާއި ބައްދަލުކުރެއްވުމަށެވެ. ރަސޫލާވެސް އެކަމަނާގެ ބަސް ގަބޫލުކުރެއްވިއެވެ.
ﷲ ތަޢާލާ ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٢١﴾
މާނައީ: "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. (21)"
Advertisement
14 މެއި 2025