އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 6 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑުމެން މިހާރު މިދައްކަނީ ދުޢާގެ އަދަބުތަކުގެ ވާހަކައެވެ. މިއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، މި އަދަބުތައް އަދާކުރުމަށް ބާރުއެޅިފައިވީ ނަމަވެސް، މިއީ ކޮންމެ ފަހަރަކު ކުރެވިދާނެ ކަމެއް ނޫނެވެ. މިކަން މިހެން އޮތުމުން ކޮންމެވެސް ވަރަކަށް އޮޅުން އަރައެވެ.
ސުންނަތުން އަޅުގަނޑުމެންނަށް އެނގެނީ ކީރިތި ރަސޫލާ ﷺ ބައެއް ފަހަރު މި އަދަބުތައް އަދާކުރައްވާ ކަމާއި އަދި އަނެއްބައި ފަހަރު އަދާނުކުރައްވާ ކަމެވެ. އެހެންކަމުން މި އަދަބުތައް އަދާކުރަނީ އެކަމަށް ފުރުޞަތު ލިބޭ ހިނދުގައެވެ. އަދަބުތައް ފުރިހަމަ ނުކުރެވޭތީ ދުޢާ ކުރުން ހުއްޓާލައިގެން ނުވާނެއެވެ.
މިސާލަކަށް، މިއަދު އަޅުގަނޑުމެން ވަރަށް އަވަހަށް މަޝްވަރާކޮށްލާނީ އަދަބުތަކުގެ ތެރެއިން އެއް އަދަބެއްގެ ވާހަކައެވެ. އެއީ ވުޟޫއެވެ. ވުޟޫ ކުރުމަކީ ރަނގަޅު ކަމެކެވެ. ތިބާ ވުޟޫގައި ހުރުން ހެޔޮވެގެންވެއެވެ. އެހެންނަމަވެސް ވުޟޫ ނެތް ނަމަ ދުޢާ ނުކުރާނީތޯއެވެ؟ ނޫނެކެވެ، އެހެން ނުހަދާށެވެ.
އެހެންކަމުން، މިއަދާއި މާދަމާގެ ވާހަކައިގައި އަޅުގަނޑުމެން ވާހަކަދައްކާނީ ވަކި އަދަބުތަކެއްގެ މައްޗަށެވެ. މި އަދަބުތައް ތިބާއަށް ފުރިހަމަކުރެވޭ ނަމަ، އެއީ ވަރަށް ރަނގަޅު ކަމެކެވެ. އެހެންނަމަވެސް އެ އަދަބުތައް ފުރިހަމަ ނުކުރެވުނު ނަމަވެސް ދުޢާ ކުރާށެވެ. މިކަން ސާފުވެއްޖެތޯއެވެ؟ މި އަދަބުތަކުގެ ތެރެއިން އެއް އަދަބެއް ފުރިހަމަ ނުކުރެވުނު ކަމުގައި ވިޔަސް ދުޢާ ކުރުން ހުއްޓާނުލާށެވެ....
އަދި ޙަޤީޤަތުގައި ކީރިތި ރަސޫލާ ﷺ އެކަލޭގެފާނު އަމިއްލަފުޅަށް ގިނަފަހަރު މި ހުރިހާ އަދަބުތަކެއް ނުހިމަނުއްވައި ދުޢާ ކުރައްވައެވެ. އެހެންކަމުން މިއީ ވަގުތު އޮތް ހިނދު، ޙާލަތު ތަންދޭ ހިނދު، ތިބާއަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ތިބާ އިޖާބަ ވުމަށް ވަރަށް ބޮޑަށް އެދޭ ދުޢާއެއް ކުރާއިރުއެވެ. އާއެކެވެ. ތިބާ ހުރިހާ ކަމެއް ފުރިހަމަ ކުރާނެކަން ޔަޤީން ކުރަން ޖެހޭނެއެވެ. އެހެންނޫނީ ތިބާ ހަމައެކަނި ކާރުގައި އިށީނދެ ދުޢާ ކުރިޔަސް، އެއީ މައްސަލައެއް ނޫނެވެ. ތިބާ މި ހުރިހާ އަދަބުތަކެއް ފުރިހަމަ ކުރާކަށް ނުޖެހެއެވެ. އެހެންވީމާ އަޅުގަނޑުމެން ފަށަމާ ހިނގާށެވެ. މިއަދާއި އިރާދަކުރެއްވިއްޔާ މާދަމާ މި މަޢުޟޫޢު ކުރިއަށް ގެންދާނަމެވެ.
ފުރަތަމަ އަދަބަކީ، أنَّ رسولَ اللَّهِ - صلَّى اللَّهُ عليهِ وسلَّمَ – رَأَى رَجُلًا يُصَلِّي يدعو لم يحمَدِ اللَّه ولم يصلِّ على النَّبيِّ - صلَّى اللَّهُ عليهِ وسلَّمَ - فقالَ عجِلَ هذا ثمَّ دعا فقالَ لهُ ولغيرِهِ إذا صلَّى أحدُكم فليبدَأْ بتحميدِ اللَّهِ والثَّناءِ عليهِ ثمَّ ليصلِّ على النَّبيِّ صلَّى اللَّهُ عليهِ وسلَّمَ ثمَّ يدعُو بَعْدَ ذَلِكَ بما شاءَ
"ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ، މީހަކު ނަމާދުކުރަނިކޮށް ދެކެވަޑައިގަތެވެ. އެމީހާ ދުޢާކުރަމުން ދިޔައެވެ. އެކަމަކު އޭނާ ﷲ އަށް ޙަމްދު ނުކުރެއެވެ. އަދި ނަބިއްޔާ ﷺ އަށް ޞަލަވާތް ނުކިޔައެވެ. ފަހެ ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވެވިއެވެ. މިމީހާ އަވަސްވެއްޖެއެވެ. ދެން އެމީހާ (އަލުން) ދުޢާކުރިއެވެ. ފަހެ ރަސޫލާ ﷺ އެމީހާއަށާއި އެހެން މީހުންނަށް ޙަދީޘްފުޅުކުރެއްވެވިއެވެ. ތިޔަބައިމީހުންކުރެ މީހަކު ނަމާދުކުރާ ހިނދު، ފުރަތަމަ ﷲ އަށް ޙަމްދުކޮށް، އެއިލާހަށް ޘަނާ ކިޔުމުން ފަށާހުށިކަމެވެ. ދެން ނަބިއްޔާ ﷺ އަށް ޞަލަވާތް ކިޔާހުށިކަމެވެ. އޭގެ ފަހުގައި އޭނާ އެދޭ ކަމަކަށް ދުޢާކުރާހުށިކަމެވެ."
އަނެއްކާވެސް އަހަރެން ދެންމެ ބުނި އެއްޗަކަށް އަނބުރާ ދަމާ ހިނގާށެވެ. ކޮންމެ ދުޢާއެއްގައި ތިބާ ޙަމްދުން ފަށާކަށް ނުޖެހެއެވެ. އެކަމަކު ތިބާ ހަމަ އިށީނދެ އިނދެ، ވަގުތު އޮވެ، ޚާއްޞަ ދުޢާއެއް ކުރަން ބޭނުންވާ ހިނދު، ހަމައެކަނި "ޔާ ރައްބީ! އަހަރެން ވަޒީފާއެއް ބޭނުމޭ" މިހެން ނުބުނާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދު ކުރުމުން ފަށާށެވެ. ތަސްބީޙަ ކިޔުމުން ފަށާށެވެ. ޙަމްދު ކުރުމުން ފަށާށެވެ. މިއީ ނަބިއްޔާ ﷺ ގެ ގިނަ ދުޢާތައް ފެށުނު ގޮތެވެ. އެހެންވީމާ ﷲ އަށް ޙަމްދު ކުރުމުން ފަށާށެވެ.
އަދި ﷲ އަށް ޙަމްދު ކުރުމުގެ ގޮތްތަކުގެ ތެރެއިން އެއް ގޮތަކީ އެކަލާނގެ ނަންފުޅުތަކާއި ސިފަފުޅުތައް ބަޔާންކުރުމެވެ.
Advertisement
14 މެއި 2025