އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު
މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ އޭޓީއެމްތަކުން 1.3 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ނ. އަތޮޅުގެ ބައެއް ރަށްރަށުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، މުޅި ރާއްޖެއިން ފެންނަމުންދަނީ ފައިސާ ޖަމާކުރުމަށް އޭޓީއެމް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ މަންޒަރު ކަމަށެވެ. މިގޮތުން އޭޕްރީލްގެ ނިޔަލަށް މާލެ ފިޔަވައި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ އޭޓީއެމްތަކުން 240,000 މުއާމަލާތް ކޮށްފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، މީގެ ދެ މަސް ކުރިން ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިދިޔަ އޭޕްރީލްގެ ނިޔަލަށް 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. މިއީ 2000 އަށްވުރެ ގިނަ މުއާމަލާތް ކަމަށާއި، އޭޓީއެމް ޚިދުމަތް ލިބެން ނެތްނަމަ އެއީ ޚިދުމަތް ހޯދުމަށް ކުރަންޖެހޭ 2000 ދަތުރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިދިޔަ ރަމަޟާން މަހު ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާފައިވާ ކަމަށާއި، އެ އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް 8000 މުއާމަލާތް ހިންގާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ 45 މިލިއަން ރުފިޔާގެ މުއާމަލާތެވެ. އަދި ފައިސާ ނެގުމަށް 27,000 މުއާމަލާތް ކޮށްފައިވާ ކަމަށާއި، އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތް ކަމަށް އޭނާ ހާމަކުރެއްވިއެވެ. މި މުއާމަލާތްތަކަކީ ގާތްގަނޑަކަށް 5 ހަފްތާގެ ތެރޭގައި ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށްވެސް ބީއެމްއެލްގެ ސީއީއޯ ފާހަގަކުރެއްވިއެވެ.
މި ތަފާސްހިސާބުތަކުން ދައްކައިދެނީ އަތޮޅުތެރޭގައި އޭޓީއެމް ޚިދުމަތަށް އޮތް ބޭނުންތެރިކަމާއި، މި ޚިދުމަތް ފުޅާވަމުންދާ މިންވަރެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހައިން ލިބިގަތުމަށް ލިބިގެންދާ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
Advertisement
15 މެއި 2025