އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު
ރަމަޟާންމަހު ގިނަ އަޅުކަން ކުރެވުމުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަންނަން ބޭނުންވާނަމަ އަޅުކަންކުރުންމަތީގައި ދެމިތިބެން ޖެހެއެވެ. ތަޤްވާވެރިވުމަކީ އެއީއެވެ. ފުރިހަމަ ގޮތުގައި ތަޤްވާވެރިވެވުމުން އެމީހަކު އަބަދުވެސް މަސައްކަތްކުރާނީ ވީހާ ގިނައިން އަޅުކަންކުރެވޭތޯއެވެ. މިއަދަށްވުރެ ގިނައިން މާދަމާ ކުރަން މަސައްކަތްކުރާނެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! ފާއިތުވި ރަމަޟާން މަހު އަހުރެމެން އެންމެންވެސް ފަރުޟު ނަމާދުތަކާއި ރަވާތިބް ސުންނަތާއި ރޭއަޅުކަންކުރީމުއެވެ. އެއް ބައަކު ތަރާވީޙް ނަމާދުގެ 8 ރަކްޢަތާއި ވިތުރިގެ 3 ރަކްޢަތްވެސް ކުރީމުއެވެ. އަނެއް ބައަކު އެ 11 ރަކްޢަތުގެ އިތުރުން ދަމުނަމާދުވެސް ކުރިއެވެ.
މީސްތަކުންނޭވެ! މިހުރިހާ ނަމާދުތަކެއް ރަމަޟާން މަހުގައި ކުރުމަށްފަހު ރަމަޟާން މަސް ދިއުމުން އެންމެ ކުޑަމިނުން ފަރުޟު ނަމާދުތަކާއި ރަވާތިބް ސުންނަތާއި ވިތުރި ނުކޮށް ހުއްޓާލަން ހެޔޮވެދާނެ ހެއްޔެވެ؟
މީސްތަކުންނޭވެ! ރަމަޟާން މަހު އަހުރެމެން ކުރި އަޅުކަން ޤަބޫލުފުޅު ކުރެއްވެވިކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ކުރެވެން އޮތީ އުންމީދެކެވެ. އެ އުންމީދުގައި ކުލަޖަހުން އޮތީވެސް ރަމަޟާން މަހަށްފަހު ތަޤްވާވެރިވެވުނުވަރަކުންނެވެ. ތަޤްވާވެރިކަން އިތުރުކުރެވުނުވަރަކުންނެވެ.
މީސްތަކުންނޭވެ! ރަމަޟާންމަހަށް ފަހުގައިވެސް އެންމެ ކުޑަމިނުން ހިފަހައްޓަން މިބުނި 3 ޢަމަލުގައި ހިފަހައްޓަމުން ދަމުނަމާދުގެ 2 ރަކްޢަތް ނަމަވެސް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ނޫންނަމަ އެއިގެ މާނައަކީ ނިމިގެން ދިއަ ރަމަޟާން މަހުން ތިބާއަށް އެއްވެސް ފައިދާއެއް ނުކުރި ކަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
16 މެއި 2025