އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު
އެއީ ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އެހެންކަމާއިއެކުވެސް ބައްޕަގެ ތަނަވަސްކަން އޭނާއަށް ލިބުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އެއީ ވާރިސުން ވަގު ލިޔުންތަކެއް ތައްޔާރުކޮށް ބައްޕަގެ މުދަލުން ބޮޑު ބައެއް އަތުލަން މަސައްކަތްކުރާތީއެވެ. ކޯޓުން މައްސަލަތައް ނުނިމި އައީ ދިގުލަމުންނެވެ.
އެއްދުވަހަކު މަގުމަތިން މުސްކުޅި އަންހެނަކާއި ބައްދަލުވިއެވެ. އަންހެންކުއްޖާ އޭނާ އާއި ވާހަކަދައްކައިލުމުން އެމުސްކުޅިޔާ ކިޔައިދިނެވެ. "އަހުރެންގެ ހުރީ އެންމެ ފިރިހެން ދަރިއެކެވެ. އިތުރު އެއްވެސް މީހަކު ނެތެވެ. އެދަރިފުޅު އަހުރެން ގެއިން ނެރެ މަގުމަތިކޮށްލީއެވެ. އަތުގައި އެއްވެސް ފައިށާއެއް ނެތުމުން ކައިބޮއިމިހަދަނީ ސަލާންޖަހައިގެންނެވެ. ނިދަނީ މަގުމަތީގައެވެ."
އަންހެން ކުއްޖާގެ ހިތުގައި ރަޙުމް އުފެދި އޭނާގެ ގެއަށް ގެންދިއައެވެ. ފިރިމީހާއަށް އަންހެންމީހާ ތަޢާރަފްކޮށްދެމުން އޭނާއަށް ޖެހިފައިވާ ޙާލުގެ ވާހަކަ ކިޔައިދީ މިގެނައީ ގޭގައި ބަހައްޓައިގެން ގެންގުޅެންކަމަށް ބުންޏެވެ. އޭނާގެ މަންމައަށްޓަކައި ކުރާ އަޅުކަމެއްގެ ގޮތުން މުޅި ޢުމުރަށް އަންހެން މީހާގެ ހުރިހާ ކަމެއް ބަލަހައްޓައިދޭނެ ކަމަށްވެސް ބުންޏެވެ.
ފިރިމީހާއަށް ބުނެވުނީ އަނބިމީހާއަށް ސިހުން ލިބުނު ވާހަކައެކެވެ. "އުނދަގޫ ބޮޑުވެގެން ގެއިން ނެރެލީމާވެސް ސަލާމަތެއް ނުވެވުނެވެ." އެހިސާބުން ގެއަށް މިގެނެވުނީ ފިރިމީހާގެ މަންމަކަން އެނގުމުން އަނބިމީހާ ބުންޏެވެ. "ސުބްޙާނަﷲ! އަހުރެންނަށް ކައިވެނިކުރެވިގެން މިއުޅެނީ ހިތުގައި އެއްވެސް ރަޙުމެއް ކުލުނެއް މީހަކާއެވެ. މަންމައަށް ނެތް ލޯތްބެއް ކުލުމެއް އަހުރެންނަށް ހުންނާނީ ކިހިނަކުންހެއްޔެވެ؟ އެކަމަކު ހަމަ އެންމެ ފުރުޞަތެއް ދޭނަމެވެ. މަންމައާއިމެދު ކުރިން ކަންތައް ކުރެވުނު ގޮތަށާއި ދެންމެ ތިއަބުނި ބަހަށް ހަމަ މިހާރު ތައުބާވާށެވެ. އަދި މަންމަގެ ކިބައިން މާފަށްވެސް އެދޭށެވެ. އެއަށްފަހު މަންމައާއިދިމާއަށް ނުބައި ގޮތަކަށް ބަލައިލި ނަމަވެސް މިގެއިން ކަލޭ ބޭރުކޮށްލާނަމެވެ. އަހުރެންނަކީ ކުރާނެ ކަމަށް ބުނާ ކަންކަން އެގޮތަކަށް ކުރާނެ އަންހެނެއްކަން ކަލެއަށް ރަނގަޅަށް އެނގޭނެއެވެ."
ޒުވާނާ ފަހުން މަންމައަށް ކިޔައިދެމުން މަންމައާއިމެދު އެގޮތަށް ކަންތައް ކުރެވުނީ މަންމަގެ ފަޤީރުކަމުން ކައިވެންޏަށް ހުރަސްއެޅިދާނެތީކަމަށް ބުންޏެވެ. ޖަވާބުގައި މަންމަ ބުންޏެވެ. "އަދިވެސް ތިއަހަދަނީ ބޮޑެތި ދޮގުތަކެވެ. ތިއައީ ތެދެއްނަމަ އަނބިމީހާ އަހުރެން މިގެއަށް ގެނެސް މިގޭގައި ގެންގުޅޭނެކަމަށް ބުނީމާ އެނުބައި ބަސްތައް ބުނީ ކީއްވެގެން ހެއްޔެވެ؟ އަހުރެންގެ ހުރި ނިކަމެތިކަމުން މިއީ މަންމަކަން ހާމަކުރަން ބޭނުން ނޫންނަމަ މިއީ މަންމަކަމަށް ނުބުނެވެސް އުޅެވުނީސް ނޫން ހެއްޔެވެ؟ އެކަމަކުވެސް މައްސަލައެއް ނެތެވެ. މަންމަގެ ހެޔޮދުޢާއެވެ! ތިއައީ އަހުރެން އެކަނިމާއެކަނި ގެންގުޅެ ބޮޑުކުރި ދަރިފުޅެވެ. މަންމަގެ ތަނަވަސްކަން ހުސްވީ ދަރިފުޅަށް ކިޔަވައިދޭށެވެ! އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. ދަރިފުޅު މަންމައާއިމެދު އެގޮތަށް ކަންތައް ކުރުމުންވެސް މަންމަ މާފުކުރީމެވެ. ދުޢާކުރަމުން އައީ ދެމައިންނަށް އެކުގައި އުޅެވޭނެ ދުވަހެއް ދެއްކެވުން އެދިގެންނެވެ. ކަންތައްތައް މެދުވެރިކުރެއްވެވި ގޮތް ނިކަން ދެކިބަލާށެވެ!"
މަންމަ އެހެން ބުނުމުން ދަރިފުޅު ވަރަށް ޙައިރާންވިއެވެ. އެއީ އެހައި ނުބައިކޮށް މަންމައާއިމެދު ކަންކަން ކުރުމުންވެސް އެކަމަށް ނުވިސްނައި ހެޔޮދުޢާކޮށްދިނީތީއެވެ.
އެއް ދުވަހު ހެނދުނު ސައިބޮއި ނިމިގެން މަންމަ ބުންޏެވެ. "މަނަމައަށް ހީވަނީ ދަރިފުޅުގެ މައްސަލަ ވަރަށް އަވަހަށް ކޯތުން ނިމިދާނެ ހެންނެވެ. ނިމޭނީ ދަރިއުފާވާނެ ގޮތަށް ހެންނެވެ. މަންމަ ތިއަ ދަރިފުޅަށްޓަކައި ވަރަށް ގިނައިން ދުޢާކުރަމެވެ."
އެވާހަކަ ދެކެވުނުތާ 3 ވަނައަށް ދުވަހު ކޯތުގައި އޮތް މައްސަލައިގެ ޙުކުމް އިއްވީ ދަރިފޫލުގެ ހުރިހާ ޙައްޤުތަކެއް ދަރިފުޅަށް ލިބޭނެ ގޮތަށެވެ. އެކަމުގެ ސަބަބުން އަންހެންކުއްޖާގެ ހިތުގައި މަންމަގެ މައްޗަށް އޮތް ލޯތްބާއި ކުލުނު އެތައް ގުނައަކަށް އިތުރުވެގެން ދިއައެވެ.
މިއީ އަޅުގަނޑު ބަލާފައިވާ ވީޑިއޯއެއްގައި ކަންތައްތައް ހިނގައިދިއަ ގޮތެވެ. މައިންނަށް ނިކަމެތިކޮސް ހިތާ ދަރިންނަށް ރަނގަޅު ފިލާވަޅެކެވެ. މައިންގެ ހެޔޮދުއާގެ ބާރު އެނގިގެންދާކަން އެއީ ވިސްނާލުން ރަނގަޅު ކަމެކެވެ.
ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-
Advertisement
16 މެއި 2025