އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޮންކެޔޮ: ދުޅަހެޔޮ ޞިއްޙަތަކަށް ވަރަށް ގިނަ ފައިދާކޮށްދޭ މުހިންމު ބައިވެރިއެއް!

ދޮންކެޔޮ: ދުޅަހެޔޮ ޞިއްޙަތަކަށް ވަރަށް ގިނަ ފައިދާކޮށްދޭ މުހިންމު ބައިވެރިއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 9 ސިކުންތު

ދޮންކޭލަކީ އެވޭލާ ޒަމާނުގައި ދިވެހިން މައިގަނޑު ކެއުމެއްގެ ގޮތުގައި ބޭނުންކުރި މޭވާއެކެވެ. މި މޭވާ ނިސްބަތްވަނީ މޫސޭ   އާއިލާއަށެވެ. އާންމު ގޮތެއްގައި ދޮންކެޔޮ ގަސް 2 އަކާއި 9 މީޓަރާއި ދެމެދުގެ މިންވަރަށް ދިގުވެއެވެ. ދޮންކެޔޮ އެންމެ ފުރަތަމަ ފެނިފައިވަނީ އޭޝިއާގެ ދެކުނު އިރުމަތީ ސަރަހައްދުން ކަމަށް ގިނަ ލިޔުންވުންތަކުގައި ބުނެފައިވެއެވެ. ގިނަ އަދަދެއްގެ ދޮންކެޔޮ އުފެއްދުމުގެ މަސައްކަތް ފެށިފައިވަނީ 1834 ވަނަ އަހަރުއެވެ.  އެންމެ ގިނައިން ދޮންކެޔޮ އުފައްދަނީ އޭޝިއާގެ ގައުމުތަކުގައެވެ. އޭގެ ތެރެއިންވެސް ވަކިން ހާއްސަކޮށް އިންޑިއާ ފާހަގަ ކޮށްލެވެއެވެ. 

1000 ވުރެން ގިނަ ވައްތަރުގެ ދޮންކެޔޮ ދުނިޔޭގެ އެކި ސަރަހައްދުތަކުގައިވެއެވެ. އޭގެ ތެރެއިން ރާއްޖެއިން އާންމުކޮށް ފެންނަނީ މަދު ވައްތަރެކެވެ. ރާއްޖެއިން ފެންނަ ވައްތަރުގެ ތެރޭގައި ބޮންތި ރަތް ކެޔޮ، ފުސް ކެޔޮ، މާޅޮސް ކެޔޮ، ދިގު ކެޔޮ، ސަންފާ ކެޔޮ ހިމެނެއެވެ. ހަށިގަނޑަށް ފައިދާ ލިބައްއިދޭ ތަފާތު އެކި ބާވަތުގެ ވިޓަމިންތައް ދޮންކޭލުގައި ހިމެނެއެވެ. 

ދޮންކޭލުގައި ގިނަ އަދަދަކަށް ޕޮޓޭޝިއަމް ހިމެނެއެވެ. އާދައިގެ ދޮންކެޔޮ ވަކަކުން ދުވާލަކު ހަށިގަނޑަށް ބޭނުންވާ ޕޮޓޭޝިއަމްގެ 23 އިންސަތަ ލިއްބައިދެއެވެ. ޕޮޓޭޝިއަމްއަކީ ހަށިގަނޑުގެ މަސްތަކަށް ފައިދާ ހުރި ބާވަތެކެވެ. އެގޮތުން، މަސްތައް ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވުމާއި މަސްތަކުގައި ރިއްސުން ދުރުކޮށްދެއެވެ. ސައިސްވެރިން ދެކިލައްވާ ގޮތުގައި ކެއުމުގައި ޕޮޓޭޝިއަމް މަދުން ހިމެނޭނަމަ ސްޓުރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. 65 އަހަރުން މަތީގެ 5600 މީހުންނާއިއެކު ކުރެވުނު ދިރާސާއެއްގައި ދައްކާ ގޮތުން ޕޮޓޭޝިއަމް މަދުން ބޭނުންކުރާ މީހުންގެ ތެރެއިން 50 އިންސަތަ މީހުންނަށް ސްޓުރޯކް ޖެހުމުގެ ފުރުސަތު ބޮޑެވެ. ދޮންކޭލަކީ ގިނަ އަދަދަކަށް ޕޮޓޭޝިއަމް ހިމެނޭ މޭވާއެއް ކަމުން، މި މޭވާ ކެއުމުން ސްޓުރޯކް ޖެހުމުގެ ފުރުސަތު ހަނިވެގެން ދެއެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ދެކިލައްވާ ގޮތުގައި ދޮންކެޔޮ ކެއުމުން ސްޓުރޯކް ޖެހުމުގެ ފުރުސަތު ކުޑަވޭތޯ ޔަގީން ކުރުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހެއެވެ. ދޮންކޭލުގެ އިތުރުން ތަފާތު އެކި ވައްތަރުގެ މެވާއާއި ތަރުކާރީގައި ޕޮޓޭޝިއަމް ހިމެނެއެވެ. 

ދޮންކޭލުގައި ހިމެނޭ ގިނަ ވިޓަމިންތަކުގެ އެހީގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ. އެގޮތުން ގާތްގަނޑަކަށް ހަށިގަނޑަށް ބޭނުންވާ ބ6 ގެ 41 އިންސަތަ ދޮންކެޔޮ ވަކަކުން ލިބެއެވެ. އަދި ދޮންކެޔޮ ކެއުމުން ކަންކަމަށް ރަނގަޅަށް ފޯކަސް ( ކުރަން ހުންނަ ކަންކަމަށް ސާމާލުކަންދެވޭ ގޮތް) ކުރެވޭ ގޮތްވެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކޮށްދިނުމަށް އެހީތެރިވެދެއެވެ. ނަފްސާނީ ގޮތުންނާއީ ޖިސްމާނީ ގޮތުން މީހާ ވަރުގަދަ ކޮށްދެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ދޮންކެޔޮ ކެއުމްން މޫޑް ރަނގަޅު ކޮށްދެއެވެ.

އާދައިގެ މެދު މިނެއްގެ ދޮންކެޔޮ ވަކަކުން 350މގ ގެ ޕޮޓޭޝިއަމް ލިއްބައިދެއެވެ. ޕޮޓޭޝިއަމްއަކީ ލޭގެ ޕްރެޝަރާއި ހިތުގެ މަސައްކަތް ރަނގަޅަށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ މާއްދާއެކެވެ. އެމެރިކާގެ ފޫޑް އެންޑް އެޑްމިނިސްޓްރޭޓިވްއިން ވަނީ ދޮންކޭލުން ލޭގެ ޕްރެޝަރު ދައްކޮށްދޭކަމަށް ބުނުމުގެ ރަސްމީ ހުއްދަވެސް ދޮންކޭލުގެ ސިނާއަތުގައި އުޅުއްވާ ބޭފުޅުންނަށް ދެއްވާފައެވެ.

ދޮންކޭލަކީ ބަނޑު ފާރަށް އަދި މޭ އެންދުމަށްވެސް ރަނގަޅު މޭވާއެކެވެ. އެގޮތުން ދޮންކޭލުގައި ހިމެނޭ މާއްދާއަކުން ބަނޑުގެ ފަށަލައެއްގެ ބޯމިން އިތުރުކޮށެދެއެވެ. ދޮންކޭލުން ބަނޑުގައި އުފެދޭ އެސިޑް ނިއުޓަރަލައިޒް ( ސާފު ) ކޮށްދީ މޭއެންދުން ދުރުކޮށްދެއެވެ. ޖަނަވާރުން މެދުގައި ކުރެވުނު ދިރާސާއްއްގައި ދޮންކޭލައި ކިރު އެއްކޮށްގެން ބޭނުންކުރުމުން އެސިޑް ސެކްރީޝަން ހިފަހައްޓައިދެއެވެ.   

ދޮންކޭލުގައި 3 ވައްތަރެއްގެ ގުދުރަތީ ހަކުރު ހިމެނެއެވެ. އެއީ ސުކްރޯސް، ފުރުކްޓޯސް އަދި ގުލްކޯސްއެވެ. ދޮންކެޔޮ ވަކެއް ކާލުމުން ވަގުތުން ހަށިގަނޑަށް ހަކަތަ ލިއްބައިދެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި 2 ވައް ދޮންކޭލުން 90 މިނެޓް  ކަސްރަތުކުރުމަށް ބޭނުންވާ ވަރަށް ހަކަތަ ލިއްބައިދެއެވެ. 

ދޮންކޭލުން ސިއްހަތަށް ގިނަ ގުނަ ފައިދާތައް ލިއްބައިދެއެވެ. ވަރަށް ގިނަ ބަޔަކު ކެއުމުގައި ދޮންކެޔޮ ބޭނުންކުރެއެވެ. ދޮންކެޔޮ އެހެނިހެން މޭވާތަކަކާއި އެއްކޮށްގެން ސެލެޑްއެއް ހަދާލައިގެންވެސް ބޭނުންކުރެވިދާނެއެވެ. އަގުގެ ގޮތަށް ބަލަލިޔަސް ދޮންކޭލަކީ ފިހާރަތަކުގައި އެހެން މޭވާތަކަށް ވުރެން އަގު ހެޔޮ މޭވާއެކެވެ. އާންމު ގޮތެއްގައި އަހަރުގެ ކޮންމެ ހިސާބަކުވެސް ދޮންކެޔޮ ލިބެއެވެ. ދޮންކޭލަކީ ގިނަ އަދަދަކަށް ހަކުރު އެކުލެވޭ މޭވާއެއް ކަމުން ދޮންކެޔޮ ކެއުމުގައި ހަކުރު ބަލި މީހުން ސަމާލުވުން މުހިއްމުއެވެ. މަދުން ނަމަވެސް ބައެއް ބޭފުޅުން ދޮންކެޔޮ ކެއުމުން އެލާރޖިކްވެއެވެ. 

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައޫލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.

 

-- އުންމު ނަވާރު

 

 

 

 A brief history of bananas / Bananas - Pacific Lutheran University. Available at: https://community.plu.edu/~bananas/brief-history/.

Banana facts and figures (no date) EST: Banana facts. Available at: https://www.fao.org/economic/est/est-commodities/oilcrops/bananas/bananafacts/en/.

Kumar*, K.P.S. et al. (2015) Traditional and medicinal uses of banana, Journal of Pharmacognosy and Phytochemistry. Available at: https://www.phytojournal.com/archives?year=2012&vol=1&issue=3&part=A&ArticleId=22.

Seymour, G.B. (1993) Banana, SpringerLink. Available at: https://link.springer.com/chapter/10.1007/978-94-011-1584-1_3.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް