އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު
ކަންކަން ކުރިމަތިވުމުން ކުރާނެ ރަނގަޅު ދުޢާއަކަށް ގިނަ ބައަކު އެދެއެވެ. އެހެންވެ އަހުރެން މިބުނެދެނީ މާފަސޭހަ މާފައިދާ ބޮޑު ގޮތެކެވެ. އެއީ ކޮންމެ ކަމަކަށް ބޭނުންވިޔަސް ނުވަތަ ކޮންމެ ފަދަ ބޮޑު މުޞިބާތެއް ކުރިމަތިވިނަމަވެސް ފުރަތަމަ މިފަދައިން ޛިކުރުކުރާށެވެ!
لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ، وَرَبُّ الْأَرْضِ، وَرَبُّ الْعَرْشِ الْكَرِيمِ
ދެން އެމީހަކު ބޭނުންވާ ކަމަކަށް އެދިގެން ދުޢާކުރާށެވެ! މިއީ ސުންނަތުން ޘާބިތުވާން އޮތް ކަމެކެވެ. ކަންބޮޑުވުންތައް އެންމެ ބޮޑަށް ކުރިމަތިވެވަޑައިގަތުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅުކުރެއްވެވި ގޮތެވެ.
ވީމާ ތިބާއަށް ހުސްވެ ހަތަރު އުދަރެސް ފެނުގައި ޖެހިއްޖެކަމަށް ޤަބޫލުކުރެވުމުން ނުވަތަ އެފަދަ ބޮޑު ޙާލަތެއް ކުރިމަތިވުމުންވެސް މިފަދައިން ޢަމަލުކުރާށެވެ! ފުރަތަމަ މިޛިކުރުކިޔާނީއެވެ. ދެން ޔާ ﷲ! ކިޔައި ތިމާ އެދެން ބޭނުންވާ ކޮންމެ ކަމަކަށްވެސް އެދިދަންނަވާނީއެވެ.
މިޘާލަކަށް:
ޔާ ﷲ! މިއަޅާއަށް ޝިފާ ދެއްވަވާނދޭވެ!
ޔާ ﷲ! މިއަޅާއަށް ދަރިއަކު ދެއްވަވާނދޭވެ!
ޔާ ﷲ! މިއަޅާއަސް ރިޒުޤް ތަނަވަސްކޮށްދެއްވަވާނދޭވެ!
ޔާ ﷲ! މިއަޅާގެ ދަރިފުޅަށް ތެދުމަގު ދައްކަވާނދޭވެ!
މިފަދައިން އެމީހަކު ބޭނުންވެގެން ހުރި ކަންތަކުގެ ވާހަކަ ދަންނަވައި ދުޢާކުރަމުން ގެންދަންވީއެވެ! އިން ޝާ ﷲ އެމީހަކަށް އެކަމެއް ހިންމަވައި ދެއްވަވާނެތެވެ.
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން
Advertisement
18 މެއި 2025