އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު
ދެމީހަކު ކައިވެނިކުރީއެވެ. ޢުމުރުން 20 އަހަރުގައެވެ. ކައިވެންނށް 30 އަހަރުޥީއެވެ. 30 އަހަރުވަންދެން އަނބިމީހާ ކުރި މަސައްކަތަކީ ދަރިންބެލުމާއި ގޭގެ މަސައްކަތެވެ. ފިރިމީހާ ގެއަށް އަންނަ ގޮތަށް ވަރިކޮށްލަނީއެވެ.
މިޙާލަތުގައި އެއަނބިމީހާގެ އެންމެ ބޮޑު ބިރަކަށްވާނީ ކޮންކަމެއް ހެއްޔެވެ؟ ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ އެންމެ ބޮޑު ބިރަކަށްވާނީ ފައިސާ ކަމެވެ. ދިރިއުޅެން ކުރަންޖެހޭ ޚަރަދުތައް ކުރާނެ ގޮތެއް ކަމެވެ.
ކިޔަވައިގެން ހުރިނަމަވެސް ވަޒިފާއެއް އަދާނުކުރާތީ ތަޖުރިބާއެއް ނެތެވެ. އަދި ކިޔެވި އެއްޗެއްވެސް ހުންނާނީ "އައުޓްޑޭޓް" ވެފައެވެ. ޢުމުރުން 50 އަހަރުވާއިރު ހުންނާނީ މޫނުގެ ތާޒާކަން ގެއްލި މޫނުގައި ރޫޖެހެންފަށައިފައެވެ. އޭނާއަށް ރަނގަޅު ވަޒީފާއެއް ދޭނީ ކާކު ހެއްޔެވެ؟
ދެމަފިރިން އެކުގައި އުޅެމުންގޮސް ޢުމުރުގެ ފަހުކޮޅަށް އެޅޫނީމާ ކައިވެނި ރޫޅައިލުމުން މިމައްސަލަތައް ކުރިމަތިވާނެއެވެ. މިމައްސަލަތަކެއް އަހުރެން ކިޔާނީ މައްސަލަތަކެއް ނޫނެވެ. ދޭއަނިޔާތަކެވެ.
ކައިވެންޏަކީ މިހައި އަގެއް ނެތް އެއްޗަކީ ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެނެއްނުވާނެއެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި މާއަގުބޮޑު އެއްޗެކެވެ. މިބުނި ފަދައިން އަނިޔާވެރިވީުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނެވެ.
މީސްތަކުންނޭވެ! ކައިވެނީގެ އެންމެ ބޮޑު ބޭނުމަކީ ކައިވެނީގެ ސަބަބުން ދެމީހުންގެ ހިތަށްވެސް ފިނިކަން ލިބުމެވެ. އަނެކާގެ ހިތުގައި ހުޅުޖެހުމެއް ނޫނެވެ.
މިބުނި ފަދައިން އަނިޔާލިބޭ އަނބިންނަށް ބުނެލަން އޮތީ މާޔޫސްނުވާށެވެ! ﷲ ތަޢާލާގެ މަގުގައި ޘާބިތުވެލާށެވެ! ބަދަލު ދެއްވަވާނީ ކޮންގޮތަކަށް ކަމެއް ނުއެނގޭނެއެވެ. އެނގޭ ކަމަކީ މާފުރިހަމަ ބަދަލެއް ދެއްވަވާނެ ކަމެވެ. އިން ޝާ ﷲ
ހަމައެއާއިއެކު އަނިޔާވެރިންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. ދުނިޔޭގައިވެސް އެމީހަކަށް ކަރުނައަޅަން ނުޖެހި ނުދާނެކަން އަބަދުވެސް މިއަންނަނީ ފެންނަމުންނެވެ!
- ޝައިޚް ޝުޢައިބް އަބޫ ޔޫސުފްގެ ދަރުސަކުން
Advertisement
1 ޖޫން 2025