އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 47 ސިކުންތު
އަޅުގަނޑުމެން ފިރިހެނުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ އެއްކަމަކީ މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ދިއުމެވެ. ޖަމާޢަތުގައި ނަމާދުކުރުމެވެ. އެހެންކަމާއިއެކުވެސް ޖަމާޢަތުގައި ނަމާދުކުރަން ޢުޒުރު ދައްކާ ބައަކު އުޅެއެވެ. އެހެންވެ މިގެނެސްދެނީ ގުޅުންހުރި މަޢުލޫމާތު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ކުޅަދާނަކަންލިބިގެންވާ ފިރިހެނުންގެ މައްޗަށް މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމަކީ ވާޖިބު ކަމެކެވެ. އެކަމުގެ ދަލީލުތައް ބައިވަރެވެ. އޭގެ ތެރޭގައި:
1- ﷲ ވަޙީ ކުރައްވާފައިވެއެވެ.
(وإذاكنتفيهمفأقمتلهمالصلاةفلتقمطائفةمنهممعكوليأخذواأسلحتهم…)
މާނައަކީ: "އެބައިމީހުން (މުސްލިމުން) ގެތެރޭގައި ކަލޭގެފާނުން ހުންނަވައި، އެމީހުންނަށްޓަކައި ނަމާދު ގާއިމްކުރައްވައި، (އެބަހީ ބަންގި އާއި ގަމަތް ދެއްވައި) ފިނަމަ، އެމީހުންގެތެރެއިން ބަޔަކު، ކަލޭގެފާނުންގެ އަރިހުގައި ނަމާދަށް ގާއިމްވާހުށި! އަދި،އެބައިމީހުން، އެބައިމީހުންގެ ހަތިޔާރު ހިފާހުށި!....." (ސޫރަތުއް ނިސާ ގެ102 ވަނަ އާޔަތް)
މިއާޔަތުގެވަޖްހުލް އިސްތިދްލާލަކީ: ޖަމާޢަތުގައި ނަމާދު ކުރުމަށް ﷲ ސުބްޙާނަހޫވަތަޢާލާ އަމުރު ކުރައްވާފައިވާކަން، އަދި ދެވަނަ އަށް އަންނަމީހުންވެސްޖަމާޢަތުގައި ނަމާދުކުރުމަށް އަންގަވާފައިވުން، ހަމަ މިއާޔަތުގެފަހަތުބައިގައި ވަޙީކުރައްވަނީ (ولتأتطائفةأخرىلميصلوافليصلوامعك…)
މާނައަކީ: "އަދި ނަމާދު ނުކޮށްތިބިބަޔަކު އަންނަހުށި! އަދި، އެބައިމީހުންކަލޭގެފާނުންގެ އަރިހުގައި ނަމާދުކުރާހުށި!"
(މިއާޔަތުގައި މިވަނީހަނގުރާމައިގެ މައިދާނުގައި ނަމާދު ކުރާނެ ގޮތުގެ ވާހަކައެވެ).
މިއާޔަތުންދޭހަވާ ގޮތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ޢައިނިއްޔަ ފަރްޟެކެވެ. (ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމެވެ). އެހެނީ ޖަމާޢަތުގައި ނަމާދު ކުރުމަކީ ސުންނަތެއް ކަމުގައިވީނަމަ ހަނގުރާމައިގެ މައިދާނުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް އަމުރު ނުކުރެއްވެވީހެވެ. އަދިޖަމާޢަތުގެ ނަމާދަކީ ކިފާޔަތުގެ ފަރްޟެއް (އެއްބަޔަކު ކުރުމުން ދެން ތިބިމީހުންގެ މަތިން ފުދިގެންވާ ފަރުޟު) އެއް ނަމަ، ދެވަނަ ޖަމާޢަތުގެ މީހުންވެސް ޖަމާޢަތުގައި ނަމާދު ކުރުމަށް އަމުރެއް ނުކުރެއްވެވީހެވެ. ފުރަތަމަ ޖަމާޢަތުގެ މީހުން ޖަމާޢަތުގައި ކުރުމުން ދެންތިބިމީހުން ގެމަތިން ފުދުނީހެވެ. އަދި ހަނގުރާމައިގެ ބިރުވެރި ޙާލަތުގައިވެސް ޖަމާޢަތުގައި ނަމާދު ކުރުމަށް އަމުރު ކުރައްވާފައިވުމުން ދޭހަވަނީ،ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބު ކަމެއް ކަމެވެ.
2- އަބޫހުރައިރާ-ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. "މުނާފިގުންގެ މައްޗަށް އެންމެ ބަރު އުނދަގޫ ނަމާދަކީ ޢިޝާ ނަމާދާއި ފަތިސްނަމާދެވެ. އެދެނަމާދުގައިވާ މާތްކަން އެބައިމީހުންނަށް އެނގޭނަމަ ބަނޑުޖަހައިގެން ނަމަވެސް މިސްކިތަށް އައީހެވެ، ނަމާދަށް ގަމަތް ދިނުމުންމީސްތަކުންގެ ތެރެއިން މީހަކާ އިމާމުވެ ނަމާދު ކުރުމަށް ޙަވާލުކޮށްފައ، ޖަމާޢަތަށް ނައިސް ތިބި މީހުންގެ ގެތަކަށް ގޮސް ހުޅުޖައްސަވައިފާނަމޭ ތިމަން ކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަންނަވައެވެ".
3- އިމާމް އަޙްމަދު-ރަޙިމަހު ﷲ- ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ގޭގޭގައި އަންހެނުންނާއި ކުޑަކުދިން ނުތިބޭނަމަ، ޢިޝާނަމާދަށް ގަމަތް ދިނުމަށްފަހު މިސްކިތަށް ނައިސް ތިބޭމީހުންގެ ގެތަކުގައި ހުޅުޖެއްސެވުމަށް އަމުރުކުރެއްވީމުހެވެ".
4- އެއް ދުވަހަކު ލޮލަށް ނުފެންނަ ލޯފަންމީހަކު އައިސް ކީރިތި ރަސޫލާ-ޞައްލަﷲޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާ މިސްކިތަށް ގެންގޮސްދޭނެ މީހަކު ނެތެވެ. އެހެންކަމުން ތިމަންނާ ޖަމާޢަތަށް މިސްކިތަށްނުގޮސް ހުރުމުގެ ހުއްދަ ދެއްވުން އެދެމެވެ. ދެން ރަސޫލު ﷲ-ޞައްލަ ﷲޢަލައިހި ވަސައްލަމަ- އޭނާ އަށް އެކަމުގެ ހުއްދަ ދެއްވިއެވެ. އެމީހާނިކުމެގެން ދާން ހެދުމުން ރަސޫލު ﷲ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އޭނާއަށް ގޮވާލައްވާ ގެންނެވިއެވެ. އަދި ސުވާލު ކުރެއްވިއެވެ. "ތިބާ އަށް ބަންގީގެ އަޑު އިވޭ ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "އާދޭހެވެ"، ކީރިތިރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ "އެހެންވެއްޖެނަމަ (ބަންގީގެ އަޑުއިވިއްޖެނަމަ) އެޔަށް އިޖާބަ ދޭށެވެ".
ޖަމާޢަތަށް ނަމާދަށް ނުގޮސް ގޭގައި ނަމާދު ކުރުމަކީ ރަގަޅު ގޮތް ކަމުގައިވީނަމަ، ލޯފަންމީހާ އަށް އެހުއްދަ ދެއްވީހެވެ.
5- އިބްނު ޢައްބާސް-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތިރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ބަންގީގެ އަޑުއިވި، ޢުޛުރެއް މެދުވެރިނުވެ، މިސްކިތަށް ނުދިޔަ މީހާ ގެ ނަމާދެއްނުވެއެވެ". ދެންނެވުނެވެ. "ޢުޛުރަކީ ކޮބައިތޯއެވެ؟، ޙަދީޘް ކުރެއްވިއެވެ. "ބިރުވެރިކަމެއް ނުވަތަ ބަލިމަޑުކަމެކެވެ".
6- ޢަބްދުﷲ ބިން މަސްޢޫދު- ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "މާދަމާ މުސްލިމެއްގެ ގޮތުގައި މާތް ﷲ އާއި ބައްދަލުކުރަން އެދޭމީހާ ބަންގީގެ އަޑުއިވޭ ހިނދުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށްރައްކައުތެރިވާށެވެ. ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ތިޔަބައިމީހުންގެ ނަބިއްޔާގެ މައްޗަށް ހިދާޔަތުގެ މަގުތައް ޝަރްޢުކުރައްވާފައެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ނަބިއްޔާ އަށް ދެއްކެވި ހިދާޔަތުގެ މަގުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މިސްކިތަށް ނުގޮސް ފަސްޖެހި ގޭގައި ނަމާދު ކުރާ މީހެއް ފަދައިންތިޔަބައިމީހުން ގޭގައި ނަމާދުކޮށްފިނަމަ، ތިޔަބައިމީހުންގެ ނަބިއްޔާގެސުންނަތް ދޫކޮށްލެވުނީއެވެ. ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިނަމަ، މަގުގެއްލި ހަލާކުވެގެން ހިނގައިދާނެއެވެ. އެއްވެސްމީހަކު ވުޟޫކޮށްގެން ނަމާދަށް މިސްކިތަށް ގޮސްފިކަމަށްވަނީނަމަ، އޭނާގެކޮންމެ ފިޔަވަޅަކަށް ހެޔޮކަމެއް ދެއްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް އޭނާގެ ދަރަޖަ މަތިކުރައްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް ފާފައެއް ފުއްސަވައިދެއްވާނެއެވެ. މިސްކިތަށް ޖަމާޢަތަށް ނައިސް ތިބޭކަން ކަށަވަރީ މުނާފިގުކަން އެނގި ބަޔާންވެގެންވާ މީހުންނެވެ".
މިޙަދީޘުން ދޭހަވާ ގޮތުގައި މިސްކިތުގެ ޖަމާޢަތަށް ޙާޟިރު ނުވެ ތިބޭނީ ކަނޑަ އެޅިގެން މުނާފިގުންނެވެ.
ކޮންމެއަކަސް މިސްކިތުގެ ޖަމާޢަތަކީ މިފަދަ މަތިވެރި ދަރަޖައެއް ދެއްވާފައިވާކަމަކަށްވީ ހިނދުގައި މިސްކިތަށް ނައިސްތިބުމަކީ އެއްގޮތަކަށް ވެސްކޮށްގެންވާނެ ކަމެއް ނޫނެވެ. މިފަދަ ކަމެއް ކުރާމީހެއްނަމަ، އަވަހަށްއެކަމަކުން ތައުބާވެ ރުޖޫޢަވުން ހުއްޓެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
1 ޖޫން 2025