އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފޯރުކޮށްދޭ ބަންކަރިންގ ޚިދުމަތުން 124 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިމާދު ވިދާޅުވީ، އިހަވަންދިއްޕޮޅުން ބަންކަރިންގ ޚިދުމަތް ފެށި ނަމަވެސް، މި ވިޔަފާރީގެ އެންމެ ރަނގަޅު ނަތީޖާ ފެންނަމުންދަނީ މާލެ ސަރަހައްދުން ކަމަށެވެ.
"ބަންކަރިންގަ އަދިވެސް އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ކޮލޮމްބޯ ފަދަ ކައިރި ޤައުމުތަކާއި ކޮމްޕީޓުކުރަން ވެއްޖެއްޔާމު އެތައް ކަމެއް ރަނގަޅުކުރަން ޖެހޭ. އަޅުގަނޑުމެން މިހާރު މިދަނީ މިކަމަށް މަޝްވަރާތައްވެސް ކުރަމުން،" ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯގެ ބަންކަރިންގ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން ހާމަވާ އެއް ކަމެއްގެ ގޮތުގައި ޝިމާދު ފާހަގަކުރެއްވީ ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ ލައިނަކަށް އެ ކުންފުނިން ޚިދުމަތް ދެވިފައިވާ ކަމެވެ. އެގޮތުން މި ޝިޕިންގ ލައިނަށް 1,200 ޓަނުގެ ފެން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއިން އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެން ބަންކަރިންގެ ޚިދުމަތް ބައިނަލްއަޤުވާމީ ޝިޕިންގ ލައިނަރތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި ބަންކަރިންގެ ޚިދުމަތް ރަނގަޅަށް ދެވެމުންދާކަން،" ޝިމާދު ވިދާޅުވިއެވެ.
Advertisement
18 މެއި 2025