އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު
ކާޑެއްދޫ އެއާޕޯޓުގައި ހުވަނި ގިނަވެ، އެކަމުގެ ކަންބޮޑުވުންތައް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ވުޒާރާއިން ވަނީ ހުވަނި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި މައްސަލަ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގެ ޒަރީއާއިން ކަމަށާއި، އެއާޕޯޓުން ރަސްމީކޮށް އެއްވެސް އެހީތެރިކަމަކަށް އެދިފައި ނުވާކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ. ނަމަވެސް މައްސަލަ ސަމާލުކަމަށް އައުމާއެކު، ވުޒާރާގެ ކަމާ ގުޅުންހުރި އިދާރާއިން ވަނީ އެއާޕޯޓާ ގުޅައި، މިހާތަނަށް އެކަމުގައި ޢަމަލުކޮށްފައިވާ ގޮތުގެ މަޢުލޫމާތު ސާފުކޮށްފައެވެ.
އެއާޕޯޓަށް ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި ހުވަނި ކޮންޓްރޯލްކުރުމާ ބެހޭ ފަންނީ މަޢުލޫމާތު ކަރުދާހެއް ހިމެނޭ ކަމަށް ވުޒާރާއިން ބުނެއެވެ. އަދި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޢުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ހުވަނި ކޮންޓްރޯލްކުރުމަކީ ރަށު ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ހުވަނި ކޮންޓްރޯލްކުރުމަށް އެ ރަށެއް މެނޭޖްކުރާ ފަރާތްތަކުން ދުރާލާ ތައްޔާރުވުން މުހިންމު ކަމަށް ވުޒާރާއިން ވަނީ އިންޒާރު ދީފައެވެ.
ވުޒާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި، މިފަދަ ހުރިހާ ފަރާތްތަކަށްވެސް ހުވަނި ކޮންޓްރޯލްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ ވުޒާރާއިން ފޯރުކޮށްދޭނެއެވެ.
Advertisement
18 މެއި 2025