އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަހައްޖުދް ނަމާދުކުރަން އާދަކޮށްފި މީހަކަށް ފަރުޟް 5 ނަމާދުގެ ވަޤުތު ޖެހުމުން ނަމާދުކުރަން އަވަސްވެ ނުގަނެ ނުހުރެވޭނެ!: ޢުމަރު ސުލައިމާން

ތަހައްޖުދް ނަމާދުކުރަން އާދަކޮށްފި މީހަކަށް ފަރުޟް 5 ނަމާދުގެ ވަޤުތު ޖެހުމުން ނަމާދުކުރަން އަވަސްވެ ނުގަނެ ނުހުރެވޭނެ!: ޢުމަރު ސުލައިމާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

ޢާންމު އުޞޫލަކުން ބަލާނަމަ ރަމަޟާންމަހަށްފަހު ރޭއަޅުކަން ނުވަތަ ތަހައްޖުދް ނަމާދުގެ ވާހަކަދެއްކުން ވެފައި އޮންނަނީ ވަރަށް ބީރައްޓެހި ކަމަކަށެވެ. އެއީ ގިނަބައަކު އެކަމަށް ސަމާލުކަން ނުދޭތީއެވެ. ރޭއަޅުކަން ނުވެސްކުރާތީއެވެ.  

އެހެންވެ ބައެއް މީހުން ބުނެއެވެ. "އަހުރެމެންނަށް މިއުޅެނީ ފަރުޟު 5 ނަމާދުވެސް ޤަވާއިދުން ނުކުރެވިގެންނެވެ. ވީއިރު ތަހައްޖުދް ނަމާދުގެ ވާހަކަދެއްކުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟"  

އެމީހުން އެބުނާ ބަހުގައި ބުރަދަނެއްވެއެވެ. އެހެނީ އެންމެ މުހިންމީ ފަރުޟު 5 ނަމާދުކުރުމެވެ. ސުންނަތް އަޅުކަން އަންނާނީ ފަރުޟު ނަމާދުގެ ފަހަތުންނެވެ. އެހެންކަމާއިއެކުވެސް މީހުންގެ ކިބައިން ލިބޭ މަޢުލޫމާތުގެ މައްޗަށް ބުރަވެހުރެ ބަހެއް ބުނެލާނަމެވެ.  

ފަރުޟް 5 ނަމާދުކުރަން ބުރައަކަށްވެ ބައެއް ނަމާދުތައް ނުކުރެވޭ މީހުން، ދަމުނަމާދުކުރަން ފަށައެވެ. ދަމުނަމާދުގެ ފޮނިމީރުކަން އެމީހުންނަށް އިޙްޞާޞްކުރެވެން ފެށުމުން ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުން އިތުރުވެގެންދެއެވެ. އިސާހިތަކު އެމީހުންނަކީ ފަރުޟު 5 ނަމާދުކުރާ ބައަކަށް ބަދަލުވެގެންދެއެވެ. ވަޤުތު ޖެހުމާއިއެކު ނަމާދުކުރަން އަވަސްވެގަންނަ ބައަކަސް ބަދަލުވެގެންދެއެވެ.  

އެކަން އެހެން އެވަނީ ސީދާ މިވެނި ސަބަބަކާއިހުރެކަން ބުނަން އުނދަގޫވެދާނެއެވެ. ނަމަވެސް އަހުރެންގެ ވިސްނުމުން ބަހެއް ބުނެލާނަމެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ދަމުނަމާދުކުރަން ހިތް ޖެހުމެވެ. އެޙާލަތުގައި ދަމުނަމާދުގެ ފައިދާ އެމީހަކަށް ކުރާނީ ފަރުޟު 5 ނަމާދު އަދާކުރުމުންކަން ވިސްނެނީއެވެ. އެހެންވެ ފަރުޟު 5 ނަމާދު އަދާކުރަން ދެވޭ ސަމާލުކަން އިތުރުވެގެންދަނީއެވެ.  

އެއްވެސް ޙާލެއްގައި މިއީ ފަރުޟްނަމާދުތަކަށް އިހްމާލުވަމުން ސުންނަތް ނަމާދުތަކަށް ރައްކައުތެރިވާން ބުނުމެއް ނޫނެވެ. ކުރިންވެސް ބުނި ފަދައިން ފުރަތަމަ ކަމަކަށް އޮތީ ފަރުޟު 5 ނަމާދު ބަރާބަރަށް ކުރަމުން ގެންދިއުމެވެ. ޚާއްޞަކޮށް ޖަމާޢަތުގައި ކުރަމުން ގެންދިއުމެވެ. މުސްލިމުންގެ ގޮތަކީ އެއީއެވެ.  

ކޮންމެއަކަސް އަހުރެންގެ އާދޭހަކީ ރަމަޟާން މަސް ނިމުމުން ރޭއަޅުކަމާއި ދުރުހެލިނުވުމެވެ. ފަރުޟުތަކަށް ރައްކައުތުރިވުމެވެ. ހަމައެފަދައިން ތަހައްޖުދް ނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދުކަމަށްވާއިރު ތަހައްޖުދް ނަމާދަށްވެސް ރައްކައުތެރިވުމެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް