އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 41 ސިކުންތު
ރާއްޖެ ތަމްސީލްކުރާ ހާލަތްތަކުގައި ދިވެހި ލިބާސް ލާން ޖެހޭ ވަކި ހައިސިއްޔަތެއް އޮންނަ ކަމަށާއި، މިހާރު ވެސް ރާއްޖެ ތަމްސީލްކުރުމަށް ދިވެހި ލިބާހެއް ލާ ނަމަ އެކަންކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އެ ދާއިރާ ދިރާސާކުރައްވާ ފާޠިމަތު ނަދުޙާ އަބްދުލްމުޙްސިން ފާހަގަކުރައްވައިފިއެވެ.
ނަދުޙާ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ކަޅުއޮށްފުންމި ކެތި ނަކަތުގެ ސިންތާގައި "ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާސް" މި މައުޟޫޢު ހުށަހަޅުއްވަމުން ނެވެ. އެ ސިންތާ ކުރިއަށް ދިޔައީ އިއްޔެ ހަވީރު ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ އިސްވަރު އޮފީހުގައެވެ.
މި ފަހަރުގެ ސިންތާ ކަސަބު ލިބާހަށް ޚާއްސަކޮށްފައިވާއިރު، މި ސިންތާގައި ލިބާހުގެ ޚާއްސަ ކަންކަން ދައްކުވައިދެއްވީ ނަދުޙާއެވެ. ނަދުހާ އަކީ ދިވެހި ލިބާސް ދިރާސާކުރުމުގެ މަސައްކަތުގައި މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ބޭފުޅެކެވެ.
ޒަމާނީ ބަދަލުތަކާއެކު ދިވެހި ސަގާފަތަށް ހުޅަނގުގެ ގޮތްތައް ވަދެ، ސަގާފަތް ރަމްޒުކޮށްދިނުމަށް ތަފާތު ވައްތަރުތަކުގެ ހެދުންތައް ބޯވަޅުގެ ޑިޒައިން ރަމްޒުކޮށްދޭ ރޭނދާތަކާއި އެކު މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެކަމަށް އަލިއަޅުއްވާލައްވައި ނަދުޙާ ވިދާޅުވީ، އެ ފަދަ ހެދުންތަކަކީ ދިވެހި ލިބާހުން ޚިޔާލު ލިބިގަނެގެން އުފެއްދޭ ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ހެދުންތައްކަމަށެވެ. ޒަމާނާއެކު އެ ފަދަ އީޖާދުތައް ފެންނާނެ އަދި ފެންނަމުންދާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ތަރިކައެއް ނޫނެވެ. ދިވެހި ފަންނުވެރި ދިވެހި ލިބާހެއް ނޫނެވެ. އެހެންކަމުން ދިވެހި ރާއްޖެ ތަމްސީލްކުރުމުގައި ލިބާސް ބޭނުންކުރާ ނަމަ، އޭގެ ރަސްމީ ގޮތުގައި ބޭނުންކުރުމަށް ނަދުޙާ ވަރަށް އެދިވަޑައިގަތެވެ.
އެގޮތުން އެ ލިބާހަކީ ރަނގަޅަށް ފަހާފައިވާ ކަސަބު ބޯވަޅު އެޅި ލިބާހަކަށް ވާން ޖެހޭނެ ކަމަށާއި، އެއާ އެކު ފައްޓަރުބައި އެޅުމާއި އަތުގަ އެންމެ މަދުވެގެން ދެ ގަނޑު އުޅާ އެޅުމާއި އަންހެނުން ފަހަތަށް ފޭލި އަނދެފައި ހުންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރަށް ބުރުގާ ނާޅާނަމަ ބޮލުގައި ކަނާތަށް ހުޅި ޖަހާފައި ރުމާފަޅި އެޅުމާއި، ބުރުގާ އަޅާ ނަމަ ވެސް ކަނާތުގައި ހުޅި ބަހައްޓައިގެން ބުރުގާ އެޅުމާއި މުދިބައި އެޅުން ވެސް ހިމެނެ އެވެ. އެކަމަކު މުދިބަޔަކީ މިހާރު ނުލިބޭ އެއްޗަކަށްވީމަ އޭގެ ބަދަލުގައި އެ ޒާތުގެ އެހެން އެއްޗެހި ބޭނުން ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ ތަމްސީލްކުރުމަށް ލިބާސްލުމުގެ ބޭނުމަކީ އޭގެ އަސްލަށް އޮޅުން ނާރާނެ ގޮތަށް ކުރިއަށް އޮތް ޖީލަށް އެ ފޯރުކޮށްދިނުން ކަމަށެވެ. އަދި ދިވެހިވަންތަކަމުގައި ފަންނާއި ހުނަރުގެ މަތިވެރިކަން ދައްކައިދިނުމެވެ. އެހެންކަމުން އެ ބޭނުން ފުދޭނެ ގޮތަށް އެކަންކުރުމަށް އެދިވަޑައިގަތެއެވެ.
މި ސިންތާގައި ނަދުޙާ ވަނީ ދިވެހި ލިބާހެއްގެ ސިފަތަކާއި ޒަމާނާއި އެކު އެއަށް އައިސްފައިބާ ބައެއް ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. ރަދީފުން ބަލާ ކަމުގައިވީ ނަމަވެސް، ދިވެހި ލިބާހާއި ދިވެހި ހެދުމަކާ މެދު ބަހުގެ ލުޣަވީ މާނައިން ވެސް ތަފާތު ހުރެއެވެ. އެގޮތުން ލިބާހުގެ ގޮތުގައި ސިފަ ކުރަނީ ނިވާކުރުމަށް ބޭނުންކުރާ ފޭރާން ކަމަށް ނަދުޙާ ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި ތިން ބައެއް ހިމެނޭ އިރު، އެއީ އަންހެނުން ބޭނުންކުރާ ލިބާހާއި، ފިރިހެނުންގެ ލިބާސް އަދި ކުޑަކުދިންގެ ލިބާހެވެ.
ލިބާހެއްގެ އާންމު ސިފަތަކަށް ބަލާއިރު ތިން ފެހުމުން ފެހުމާއި، އެއާ އެކު އަންނަ ފޭލި އަދި ކަކާ ބަދަނާ ދެ އަރި ފާހަގަވެ އެވެ. މިއީ ހަމަ އެކަނި ލިބާހަށް ޚާއްސަ ސިފަތަކެވެ. އާންމު ގޮތެއްގައި ލިބާހަކީ އަތުން ފަހައި އޭގެ ބޯވަޅު ވެސް އަތުން ގުޅުވާ އެއްޗަކަށްވީ ނަމަވެސް، ޒަމާނީ ބަދަލުތަކާއި އެކު ލިބާސް ފަހާ ފޮށިން ވެސް ފަހަ އެވެ. އެކަމަކު ލިބާސް އޭގެ އަސްލު ގޮތުގައި ގަޔަށް ރީތި ހެޔޮވަރު ބައްޓަމަކަށް އޮންނަނީ އަތުން ފަހައި ބޯވަޅު ގުޅުވައިގެން ކަމަށް ނަދުޙާ ވިދާޅުވި އެވެ. އަދި މިހާރު އެކި ބާވަތުގެ ރޭނދާތަކާއި، ތިން ފެހުމާ ނުލައި ފަހާފައި ހުންނަ ހެދުމަކީ އަސްލު "ލިބާސް' ނޫން ކަން ވެސް ނަދުހާ ފާހަގަކުރެއްވި އެވެ.
މިފަހަރުގެ ސިންތާގައި އަންހެނުން ބޭނުންކުރާ ބޯވަޅު އެޅި ލިބާހުގެ މައްޗަށް އަލިއަޅުވާލި އިރު، ނަދުޙާ ވިދާޅުވީ އެ ލިބާސް އެންމެ ފުރަތަމަ ބޭނުންކުރަން ފެށުނު ދުވަސްވަރަކީ އަދިވެސް ހޯދިފައި ނެތް މައުލޫމާތެއް ކަމަށެވެ. އެކަމަކު އެކި ފަހަރު މަތިން ތަފާތު ބަދަލުތައް ލިބާހަށް އައިސްފައިވާކަން ފާހަގަކުރައްވާ ނަދުޙާ ވިދާޅުވީ މިހާރު ފެންނަން އޮތް ގޮތަށް އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ 20 ވަނަ ގަރުނުގެ ތެރޭގައި ކަމަށެވެ. އެގޮތުން އެންމެ އިހުގެ ލިބާސްތައް ދިގުވެފައި ގަޔަށް ދޫ އިރު، ޒަމާނީ ވަމުން އައިސް ގަޔަށް ބާރު ބައްޓަމަކަށް ތަންކޮޅެއް ކުރު ލިބާހަކަށް ބަދަލުވެފައިވާކަން ނަދުޙާ ފާހަގަކުރެއްވި އެވެ.
ނަދުހާ ވަނީ ލިބާހަކީ އާންމުކޮށް ބޭނުން ކުރެވޭ އެއްޗެއްގެ ގޮތުގައި މިހާރު ވިސްނިފައި އޮންނަ އޮތުމަކީ ވެސް ގޯހެއް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ލިބާހުގެ ތެރޭގައި އެކި ފަންތީގެ އަދި އެކި ކަންކަމަށް ބޭނުން ކުރެވިދާނެ ލިބާސްތައް އެބަހުރިކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ބޯވަޅު ނާޅާ ހުންނަ އާދައިގެ ލިބާހާއި، ގަނޑުވަރު ތެރޭގައި ބޭނުންކުރި އެންމެ މަތީ ފަންތީގެ ރަންރިހީގެ ބޯވަޅު އެޅި ލިބާހާ ހަމައަށް އެކި ފަރުމާތައް ހުރިކަން ފާހަގަކުރެއްވި އެވެ.
އެ ފަދަ ލިބާސްތަކުގެ ބޭނުން، އާންމު ދިރިއުޅުމުގައި ވެސް ކުރެވޭނެކަން ނަދުޙާ ފާހަގަކުރެއްވިއެވެ.
ހަބަރު: ސަރުކާރު
Advertisement
20 މެއި 2025