އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު
މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި މި މިނިސްޓްރީއާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މޭޔަރ އާދަމް ޢާޒިމް އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝްއެވެ. އަދި މި މިނިސްޓްރީގެ އިސް ވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލޭގެ މަގުތަކުގައި ދިމާވަމުންދާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި މިނިސްޓްރީން ކުރިއަށްގެންދާ ދިރާސާއާ ގުޅޭގޮތުންނެވެ. މި ދިރާސާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ވެރިރަށް މާލޭގެ މަގުތަކުގައި ޓްރެފިކް ޖެހުމުގެ އަސްލު ސަބަބުތައް ދެނެގަތުމާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަކަމާއި ރައްކާތެރިކަން ލިބިދިނުމާއި، އަދި ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ޙައްލުތަކެއް ހޯދުން ހިމެނެއެވެ.
"މި ދިރާސާގެ ނަތީޖާއަށް ބިނާކޮށް، އަޅުގަނޑުމެން ކަމާބެހޭ އިދާރާތަކާ ގުޅިގެން މާލޭގެ ޓްރެފިކް މެނޭޖްމަންޓް ހަރުދަނާކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅާނަން" ޑެޕިއުޓީ މިނިސްޓާރ އަލީ ނިޝާން ވިދާޅުވިއެވެ. އިތުރަށް ވިދާޅުވެފައި ވަނީ މިކަމުގެ ސަބަބުން މާލޭގެ މަގުތަކުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައެވެ.
މި މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ވިދާޅުވީ މި ދިރާސާގެ ނަތީޖާ ލިބުމުން، އެ ނަތީޖާއަށް ބިނާކޮށް އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި މި މަސައްކަތުގައި މާލެ ސިޓީ ކައުންސިލާއި އެހެނިހެން ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ހަބަރު: ސަރުކާރު
Advertisement
20 މެއި 2025