އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙުކުރުމަށް ސައޫދީ އަރަބިއްޔާގެ ވަފުދުތައް މިއަދު ރާއްޖެ އަންނަން ފަށަނީ

މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙުކުރުމަށް ސައޫދީ އަރަބިއްޔާގެ ވަފުދުތައް މިއަދު ރާއްޖެ އަންނަން ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙުކުރުމުގެ ތާރީޚީ ޖަލްސާއަށް ސައޫދީ އަރަބިއްޔާއިން ވަޑައިގަންނަވާ ވަފުދުތައް މިއަދު ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީ، ފޮރިން މިނިސްޓްރީ އަދި އިމިގްރޭޝަނުން މަތީ ފެންވަރުގެ 42 ބޭފުޅަކު މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ. ވަފުދުގެ އިސްކޮށް ވަޑައިގަންނަވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު، ވަޒީރު ފެންވަރެންވަރުގެ ބޭފުޅެއް ކަމުގައިވާ ލެފްޓިނެންޓް ޖެނެރަލް ހިޒް އެކްސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާއެވެ.

މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙުކުރުމުގެ ޖަލްސާ އޮންނާނީ މި މަހުގެ 26 ވާ ހޯމަ ދުވަހުއެވެ. މި ޖަލްސާ އިފްތިތާޙުކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާންގެ ޚާއްޞަ އިރުޝާދުގެ ދަށުން، މައްކާ ރޫޓްގައި ރާއްޖެ ހިމެނުއްވާފައިވަނީ މިކަމުގައި ޤައުމުތަކަށް ކަނޑައަޅާފައި އޮންނަ ހުރިހާ ޝަރުތަކުން ރާއްޖެ އިސްތިސްނާކޮށް، ޚާއްޞަ ސަމާލުކަމެއް ދެއްވައިގެންނެވެ.

މި އިނިޝިއޭޓިވްގެ ދަށުން، ދިވެހި ހައްޖުވެރިން ޖިއްދާ އެއަރޕޯޓަށް ޖެހުމުން، އިމިގްރޭޝަން ޕްރޮސެސް ކުރުމަށާއި ފޮށިތަށި ނެގުމަށް މަޑުކުރާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި، މަތިންދާބޯޓުން ފައިބާ ގޮތަށް ސީދާ ހޮޓަލަށް ދެވޭނެއެވެ. އަދި ހައްޖުވެރިންގެ ފޮށިތަށި ވެސް ލިބޭނީ ހޮޓަލުންނެވެ. މީގެ އިތުރުން، ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއަރޕޯޓުގައި އިސްތިޤުބާލު ކުރެވޭނެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، މިއީ ޖިއްދާ އެއަރޕޯޓުގައި ދިވެހި ހައްޖުވެރިން އެތައް އިރަކު މަޑުކުރަން ޖެހުން ނިމުމަކަށް ގެނެސްދޭނެ ތާރީޚީ ފަސޭހަކަމެކެވެ. 

ރާއްޖޭގެ މީހުން ހައްޖަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކޮށް ފަސޭހަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވަމުން ގެންދަވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު