އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު
ޒުވާނާއަކީ ތަނަވަސް މީހެކެވެ. ދިރިއުޅެނީ ސިޓީގައެވެ. މަންމަ ދިރިއުޅެނީ ޖެހިގެން އޮތް ފަޤީރު އަވަށުގައެވެ. ދަރިފުޅާއިއެކު ދިރިއުޅެން މަންމަ ސިޓީއަށް ގެންނަން އުޅުމުން މަންމަ ބުނަނީ މަންމަ އުޅެން ބޭނުންވަނީ ދަރިފުޅުގެ ބައްޕައާއިއެކު ދިރިއުޅުނު ގޭގައި ކަމަށެވެ. ނޫނީ އޭނާގެ މަތިން ހަނދާން ނެތިގެންހިގައިދާނެތީ ކަމަށެވެ.
ދަރިފުޅު މަންމައަސް ޒިޔާރަތްކުރެއެވެ. ކޮންމެ ދުވަހަކުވެސް މަންމައަށް ފައިސާވެސްދެއެވެ. އަނބިމީހާ ހުންނަނީ އެކަމަށް މޫނުކުނިކޮށްގެންނެވެ. އެކަމަކަށް ފިރިމީހާ އަޅައެއް ނުލައެވެ.
އެއްދުވަހަކު މަންމަ ކޮތަޅެއް ހިފައިގެން ދަރިފުޅާއި ބައްދަލުކުރަން އައެވެ. "ދަރިފުޅާއެވެ. މިއީ މަންމަ ގޯތީގައި ހައްދާފައި ހުރިތަނުން ތާޒާތަރުކާރީކޮޅަކާއި މީރުމޭވާކޮޅެކެވެ. ދެދަރިން ކައިލާށެވެ." އެދުވަހުވެސް ދަރިފުޅު މަންމައަށް ފައިސާތަކެއް ދިނެވެ.
މަންމަ އެނބުރި ދިއުމުން އަނބިމީހާ ބުންޏެވެ. "ކޮންމެ ދުވަހަކު އެހާބައިވަރު ފައިސާ މަންމައަށް ދެނީ ކީއްކުރަންހެއްޔެވެ؟ ތަންކޮޅެއް މަދުން ދިނަސް ފުދޭނެއެވެ." ފިރިމީހާ ޖަވާބުދިނެވެ. "އަހުރެން ނުލާހިކު ކުޑއިރު ބައްޕަ ނިޔާވީމާ ގެންގުޅެ ބޮޑުކުރީ މަންމަގެ ބުރަމަސައްކަތުންނެވެ. ތަނަވަސްކަން ލިބިފައި މިހުރީ މަންމަ ކިޔަވައިދިނީތީއެވެ. އެހެންވީއިރު މަދުން ޑޭންވީ ކީއްކުރަން ހެއްޔެވެ؟ އަދިވެސް ގިނައިން ދޭންވީއެވެ."
އަނބިމީހާގެ ގާތަށް އައިރުޅީގައި މަންމަ ގެނައި ކޮތަޅު އޮއްސައިލިއެވެ. އެއިގައި އެއްވެސް އަގެއް ނެތްކަން ދައްކަންވެގެންނެވެ. ކޮތަޅު ފުލުން ކޭޝްކާޑަކާއި ކަރުދާސްގަނޑެއް ވެއްޓުމުން ނަގައި ކިޔައިލިއެވެ. "ދަރިފުޅާއެވެ! ދެން މާގިނަ ދުވަހަކު މަންމަ ދުނިޔޭގައި ހުންނާނެކަމެއް ނުއެނގެއެވެ. ދަރިފުޅު މަންމައަށް ދިން ހުރިހާ ފައިސާއެއް މިއެކައުންޓުގައި ހުންނާނެއެވެ. ނަގައިގެން ބޭނުންކުރާށެވެ. މަންމަ ދިރިއުޅެމުން މިއައީ ގޯތީގައި ހައްދާ އެއްޗެތި ވިއްކައިގެން ލިބުނު ފައިސާއިންނެވެ."
އަނބިމީހާއަށް ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. ރޮވެން ފެށީމާ ފިރިމީހާ އެކަރުދާސްގަނޑު އަތުލައިގެން ކިޔާލުމަށްފަހު ބުންޏެވެ. "މަންމައަށް ފައިސާދޭތީ ރުޅިއަންނަނީ ކަލޭ ބޭނުންވާ ކޮންކަމެއް ކޮސްނުދޭތީހެއްޔެވެ؟ އަހުރެންގެ މަންމަގެ އަގު ވަޒަން ނުކުރާ އަންހެނަކީ ކިތަންމެ ރީތި އަންހެނެއް ނަމަވެސް އަހުރެންނަށް ވަރަށް ހުތުރު އަންހެނެކެވެ. ވަރަށް ގިނަ ދުވަހު ކެތްކޮށްފީމެވެ. މިއަދަކީ ކަލޭގެ ހުތުރުކަން އެންމެ ބޮޑުވި ދުވަހެވެ. އެހެންވީމާ ތިއައިނީ ވަރިކޮށްފައެވެ. އަވަހަށް ނުކުމެގެންދާށެވެ! އަގެއް ނެތިގެން ކަލޭ އޮއްސައިލީ މަންމަ ގެނައި ހަދިޔާއެވެ. ބަދަލުގައި އަހުރެންގެ ޙަޔާތުން ކަލޭ ސޮއްސުވައިލީއެވެ."
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަން ވެގެންދިއަ ގޮތެވެ. އަޅުގަނޑަކީވެސް ދަރިފުޅުގެ އަނބިމީހާގެ ކިބައިން ހަމަ މިގޮތަށް އަނިޔާ ލިބެމުން އަންނަ މައަކީމެވެ. ދަރިފުޅު އަހުރެންގެ ކަންކަން ބަލަހައްޓައިދޭތީ އަނބިމީހާ އިންތިހާއަށް ރުޅިއައުދެއެވެ. ވީމާ މިވާހަކަ ޚާއްޞަކޮށްލަން ބޭނުންވަނީ އެދަރިފުޅަށާއި އެދަރިފުޅުގެ ވިސްނުން ހުރި ހުރިހާ އަންހެނުންނަށެވެ. ހަމައެއާއިއެކު އަނބިން ދެކޮޅުހަދާއިރުވެސް އެކަމަށް ނުބަލައި މައިންނަށް ހެޔޮކޮސް ހިތާ ހުރިހާ ދަރިންނަށެވެ.
- މަންމައެއް، މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ
Advertisement
25 މެއި 2025