އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރިހަމަ ގޮތުގަ ﷲ ތަޢާލާއަށް ވަކީލްކުރެވޭ މީހަކު ކަންބޮޑުކުރުވުނު މީހަކު ހުރިކަން އެނގިފައެއް ނެތް! ނުވެސް ހުންނާނެ!

ފުރިހަމަ ގޮތުގަ ﷲ ތަޢާލާއަށް ވަކީލްކުރެވޭ މީހަކު ކަންބޮޑުކުރުވުނު މީހަކު ހުރިކަން އެނގިފައެއް ނެތް! ނުވެސް ހުންނާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ބަވަނަވަމުންމިދާ ދުނިޔޭގައި އަހަރެމެން މުސްލިމުންނަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް އިތުބާރުކުރުމެވެ. އެކަން ކުރެވޭނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލްކުރެވޭ މީހަކަށް އެކަންޏެވެ.

އަދި އެއީ ތިބާގެ އީމާންކަމުގެ މުހިއްމު ބަހާއެއްވެސްމެއެވެ. ﷲގެ މަގުގައި ސާބިތުވެ ހުރުމާއި އާޚިރަތް ކާމިޔާބުކުރުމަށް އެކަލާނގެއަށް އިތުބާރުކުރުން މުހިންމުވާތީއެވެ.

ފުރިހަމަގޮތުގައި ތިބާ ﷲ އަށް އިތުބާރުކުރާނަމަ ދިރިއުޅުމުގެ އެތައްކަމެއް ތިބާއަށް ފަސޭހަވެގެންދާނެތެވެ. އޭރުން ތިބާއަށް ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވާންދަސްވާނެއެވެ. ދިރުއުޅުމުގެ އަނޑިގުނޑަންތަށް ހުރަސްކުރަންވެސް ފަސޭހަވާނެއެވެ.

ކޮންމެ ކަމެއްވެސް ﷲ ޞުބުޙާނަހޫ ވަޠަޢާލާ މެދުވެރިކުރައްވަވާއިރު އޭގެ ފަހަތުގައި ތިބާއަށް ނޭންގޭ އެތައް ޙިކުމަތެއްވާނެއެވެ. ހުރިހާކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއަކީ ﷲ ޞުބުޙާނަހޫ ވަޠަޢާލާއެވެ. ހިތްދަތި ވަގުތުތަށް ތިބާއާއި ކުރިމަތިވީމަ ތިބާއަށް އެގޮތަށް މެދުވެރިކުރެއްވެވީ ކީއްވެތޯ ސުވާލުނުކުރާށެވެ.

ﷲއަށް އިތުބާރުކުރުމުގެ އެންމެ ފުރިހަމަ ނަމޫނާ އަހަރެމެންނަށް ދެއްކެވީ އިސްވެދިއަ ރަސޫލްބޭކަލުންނާއި އިތުރު އެކަލޭގެފާނާއި ޞަޙާބީބޭކަލުންނެވެ. ހީވެސްނުކުރާފަދަ ޢާފާތްތަކުން، ﷲ ޞުބުޙާނަހޫ ވަޠަޢާލާ އެބޭކަލުން އިމްތިހާނުކުރެއްވެވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމް، އެކަލޭގެފާނު އަލިފާންގަނޑަށް އެއްލާލެވުނުހިނދު ތިމަންނާއަށް މިހެންމިދިމާވީ ކީއްވެތޯ ސުވާލުކުރައްވަވައި ހިތްވަރުއެލުވާލެއްވެވިހެއްޔެވެ؟ އަދި އެކަލޭގެފާނުގެ ދަރިކަލުން، ﷲއަށްޓަކައި ޤުރުބާންކުރައްވަން އެކަލާނގެ އަމުރުފުޅުކުރެއްވުމުން އެންމެ ވަގުތުކޮޅަކަށްވެސް ފަސްޖެހިވަޑައިގެންނެވިހެއްޔެވެ؟

މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނަށް ޠަބަޢަވި މީހުން ގޮވައިގެން ސަލާމަތްވުމަށް މަސައްކަތްކުރެއްވިހިނދު ފިރުޢައުނުގެ މީހުން، އެބޭކަލުން ފައްސަވާ ކަނޑުގެ އައްސޭރިއާހަމައަށް ދިޔައެވެ. އަދި ދާނެ އިތުރު ދިމާއެއްނެތި އެމީހުން އަތުލައިގަނެދާނެކަމުގެ ބިރު ފާޅުކުރަމުން ގެންދިޔަހިނދު މޫސާ ޢަލައިހިއްސަލާމް ވިދާޅުވި ބަސްފުޅުނިކަން ބައްލަވާށެވެ!

" ހަމަހިލާ އެހެންނަކުންނުވާނެތެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ ތިމަންކަލޭގެފާނާއެކު ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ." ( سورة الشعراء : 62 ) ދެން އެހިނދު ﷲ ޞުބުޙާނަހޫ ވަޠަޢާލާ ކަނޑު ދެފަޅިކުރައްވާ މޫސާގެފާނާއި އެކަލޭގެފާނަށް ޠަބަޢަވިމީހުން ސަލާމަތްވާނެ މަގުދެއްކެވިއެވެ.

އެހެންކަމުން، ތިބާގެ އަމާޒަކަށް ހަދަންވީ، ދިރިއުޅުމުގައި ކޮންމެފަދަ ކަމަކާއި ކުރިމަތިލާންޖެހުނަސް، އެކަން މެދުވެރިކުރެވެއްވީ އެންމެ މަތިވެރިވެގެންވާ، އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުކަން ހިތުގެ އަޑިން ޤަބޫލުކޮށް، އެކަންތައްތަކަށް ކެތްތެރިވެވޭނެ މީހަކަށްވުމަށެވެ.

ސޫރަތުލް ޠަލާޤްގެ 3 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ. " އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާ އަށް ރިޒުޤު ދެއްވާނެތެވެ. އަދި ﷲއަށް ވަކީލްކުރާމީހާ ދަންނާށެވެ! ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲއީ އެކަލާނގެ އަމުރުފުޅު ހިންގަވާ ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ. "

މަސްދަރު: އިސްލާމީ ހިދާޔަތް

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު