އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު
މިކިޔައިދެނީ ފާފަކުރެވޭ މީހުންނަށް، ވަކިން ޚާއްޞަކޮށް އިބްލީސް އެމީހަކާއި އަވަލާފައިވާ ގިނައިން ފާފަކުރެވޭ މީހުންނަށް ވަރަށް ޚާއްޞަ ވާހަކައެކެވެ. ރަނގަޅަށް އަޑުއަހާށެވެ!
އަހުރެމެންގެ 2ވަނަ ޚަލީފާ ޢުމަރުގެފާނު، މަގެއްގެ މަތިން ފެނުނަސް ޖެހިގެން މަގުން އަޅައި އިބިލީސް ދުވެފިލިކަން އަހުރެމެންނަށް އެބައެނގެއެވެ. އެއީ އެއްވެސް ޙާލެއްގައި ޢުމަރުގެފާނަކީ ހަށިކޮޅުން ބިޔަ ބޭފުޅަކަށްވުމުން އިބިލީހާއި ބަނޑުމުސާރައަށް ހިއްޕަވައި އިބިލީސް ބަލިކުރެއްވޭނެތީއެއް ނޫންވެ. ހަމައެކަނި ސަބަބަކީ އެކަލޭގެފާނަށް ވަސްވާސްދޭން އުޅެފިނަމަ ކުރައްވަވާ ކަންކަމުގެ ސަބަބުން އެކަލޭގެފާނުގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އިތުރަށް އެތައް ގުނައަކަށް އުފުލިގެންދާފަދަ ހެޔޮ ޢަމަލުތައް ކުރައްވަޥާ ކަމެވެ.
އާޚިރަތް އެދިގެން މަސައްކަތްކުރާ މީހާ ފުރަތަމަކަމަކަށް އަވަހަށް ޝައިޠޯނާގެ މަގުން އެއްކިބާވެ ޝައިޠޯނާ މާޔޫސްކޮށްލާށެވެ! ޝައިޠޯނާ އެންމެ ބޮޑަށް މާޔޫސްވާނީ އެކަލޭގެއަށް ކޮޅުކެހިދިނުމުންނެވެ. ޝައިޠޯނާއަށް ކޮޅުކެހި ދެވޭނެއެވެ.
އެކަންކުރަން ޢަމަލުކުރަންޖެހޭ ގޮތަކީ ޝައިޠޯނާގެ ވަސްވާހަށް ހެއްލެވި ކިތަންމެ ކުޑަނަމަވެސް ފާފައެއް ކުރެވޭއިރަށް އެއިގެ ބަދަލުގައި 1 ނުވަތަ 2 ނުވަތަ އެއަށްވުރެވެސް ގިނައިން ހެޔޮ ޢަމަލުކުރުމެވެ.
މިސާލަކަށް ﷲ މަގުގައި ވެވުނު ވަރަކަށް ޞަދަޤާތްކުރާށެވެ! އަނބިދަރިންނަށާއި މައިންބަފައިންނަށް ނަމަވެސްމެއެވެ. ފައިދާހުރި ޛިކުރުތައް ކިޔާށެވެ! 2 ރަކްޢަތް ނަމާދެއް ނުވަތަ އެއަށްވުރެ ގިނައިންކޮށްލާށެވެ!
ޝައިޠޯނާ އެންމެ ރުޅިގަދަވާ ކަމަކީ ﷲ ތަޢާލާއަށް ސަޖިދަކުރުމެވެ. ވީމާ ފާފައެއް ކުރެވުމުން ވިއްދައިގެން ސަޖިދަކުރަން ފަށައިފިނަމަ (ސުންނަތް ނަމާދުކުރާނަމަ) ޝައިޠޯނާ މަސައްކަތްކުރާނީ އެމީހަކު ފާފަކުރިއަ ނުދިނުމަށެވެ. ފާފައެއް ކުރެވެން އުޅޭއިރަށް އައިސް ފާފަނުކުރަން ވަސްވާސްދޭނެއެވެ. އެއީ އޭނާޢަށް ފާފައެއް ކުރެވުމުން ވިއްދައިގެން ސަޖިދަކުރާތީ ސަޖިދަކުރިއަ ނުދިނުމަށެވެ.
ފާފަކުރެވުމުން ސަލާމަތްވާން މަސައްކަތްކުރި މީހުންގެ ތަޖުރިބާއިން އެނގޭގޮތުގައި ފާފަކުރެވުމުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ ފާފައެއް ކުރެވުމުން އަވަހަށް ތައުބާވެ 2 ރަކްޢަތް ނަމާދެއް ކުރުމެވެ. އެކަމުގެ މައްޗަށް ބައެއް ޢިލްމުވެރިން ވަނީ ބޮޑެތި ފޮތްތައްވެސް ލިޔުއްވައިފައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
26 މެއި 2025