އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު
ތަނަވަސް ބައްޕައަކު އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ރަނގަޅު ބައިވެރިއަކު ހޯދައިދޭން މަސައްކަތްކުރަމުން ގޮސް ރަނގަޅު ޒުވާނަކު ހޯދިއެވެ. އެއީ އެންމެ މަތީ ފަންތީގައި އަދި ނެތްނަމަވެސް ތަނަވަސްކަންހުރި ޒުވާނެކެވެ. ތަނަވަސްކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރަމުން އަންނަ ޒުވާނެކެވެ.
އެގެއަށް ގޮސް ދަރިފުޅާއި ބައްދަލުކުރަން ޒުވާނާއަށް ދަޢުވަތުދިނުމުން ޒުވާނާ ބުނީ ފުރަތަމަ އަންހެން ކުއްޖާއާއި ބައްދަލުކުރަން ބޭނުންވަނީ ގޭދޮރުމަތިން ދެމީހުން އެކަނި ކަމަށެވެ. އަދި އެރޭގެ 8 ޖަހާއިރަށް ދޮރާށި ކައިރިއަށް ނުކުންނަން ދަރިފުޅު ގާތުގައި ބުނުމަށެވެ.
އަންހެން ކުއްޖާ ނުކުތީ އެކުވެރި އަންހެން ކުއްޖަކާއިއެކުގައެވެ. ނުކުތްއިރު ދޮރުމަތީގައި ޒުވާނަކު ހުއްޓެވެ. ސާފުތާހިރު ފޭރާންލައިގެންނެވެ. ނަމަވެސް އެހައި އަގުބޮޑު ފޭރާމެއް ނޫނެވެ. އައިސްހުރީ ކާރެއްގައެވެ. ނަމަވެސް އެހައި އަގުބޮޑު ކާރެއް ނޫނެވެ. އެހެންވެ އަންހެންކުއްޖާ ފުރަތަމަވެސް ނުރުހިރެ ސުވާލުކުރިއެވެ.
"އަހުރެންގެ ބައްޕަ އަހުރެންނަށް ހޯދައިދިން ޒުވާނަކީ ކަލޭހެއްޔެވެ؟" ޖަވާބުގައި ޢާނއެކެވެ ބުނެފައި ގެނައި މައުބޮނޑި ދިއްކޮށްލިއެވެ. އެއީވެސް އެހައި އަގުބޮޑު މަލަށް ނުވާތީ ހިފާފައި އެއްލައިލީއެވެ. ދެން ސުވާލުކުރީ މަހަކު ކިހާވަރެއްގެ އާމްދަނީއެއް ލިބޭތޯއެވެ؟ ޖަވާބުގައި މަހަކު 7000 ޑޮލަރުކަމަށްބުނުމުން މާމަދުވިއެވެ. "އަހުރެންގެ ބައްޕަ ތީގެ އެތައް ގުނައެއް އިތުރަށް އަހުރެންނަށް ދެއެވެ."
ޒުވާނާ ބުންޏެވެ. "އަހުރެން އައީ ކަލެއަށް އަހުރެން ކަމުދޭތޯ ބަލާކަށް ނޫނެވެ. އަހުރެންނަށް ކަލޭ ކަމުދޭތޯ ބަލާށެވެ! ވީމާ ވާހަކަދައްކަން ބޭނުންނަމަ ބައްޕަގެ ޙާޒިރަށް ގެއަށް ވަންނަމާ ހިނގާށެވެ!" އަންހެން ކުއްޖާގެ ޖަވާބަކަށްވީ "ގެއަށް ވަނުމުގެ ބޭނުމެއް ނެތެވެ. އަހުރެންނާއި ކައިވެނިކުރާނެ ފެންވަރެއް ކަލޭގެ ކިބައަކު ނެތެވެ."
އެވަޤުތު އަންހެންކުއްޖާގެ އެކުވެރިޔާ ބުންޏެވެ. "އެކުވެރިޔާއެވެ. ތިއަ ބުނެވެނީ ރަނގަޅު ބަސްތަކެއް ނޫނެވެ. ފިރިމީހާއަކީ ތަނަވަސްމީހަކަށްވުން މުހިންމެއް ނޫނެވެ. ތަނަވަސްކަން އިތުރުކުރަން މަސައްކަތްކުރާނަމަ އެނިމުނީއެވެ." އެކުވެރިޔާ އެހެން ބުނީތީ ރުޅިއައިސް އެކުވެރިޔާއަށް އެއްޗެތިގޮވަން ފެށިއެވެ.
އެވަރުންވެސް އެކުވެރިޔާ މަސައްކަތްކުރީ އޭނާގެ އެކުވެރިޔާގެ ޙައްޤުޤައެވެ. އެހެންވެ ޒުވާނާއަށް ބުންޏެވެ. "އަހުރެންގެ އެކުވެރިޔާއަކީ ބައެއްފަހަރު މިގޮތަށް ވާހަކަ ދެއްކޭ ކުއްޖެކެވެ. އޭނާއަށް ބުނެވޭ އެއްޗަކަށް ހިތްބަރުނުކުރާށެވެ!" ޒުވާނާ ބުންޏެވެ. "އަހުރެންގެ ހިތް ވަރަށް ލުއިކޮށްލައިފީމެވެ. ގެއަށް ވަންނާކަށްވެސް، ބައްޕައާ ބައްދުލުކުރާކަށްވެސް ދެން ބޭނުމެއް ނޫނެވެ. އަހުރެން މިދަނީއެވެ.
އެހެން ބުނެފައި ހިނގައިގަތްތަނާ އެންމެ އަގުބޮޑު ކާރެއް އައިސް މަޑުކޮށްލާފައި ފޭބީ ޔުނިފޯމްގައި ހުރި މީހެކެވެ. އޭނާ ޒުވާނާއަށް ސެލިޔުޓްކޮށްފައި ބުންޏެވެ. "ސަރ! މިއޮތީ އޯޑަރުދިން އަނގޮޓި! އަނގޮޓި ލިބުނީމަ އަގަށް އެންމެ މިލިއަން ޑޮލަރުވެސް ދައްކައިފިން!"
އަންހެން ކުއްޖާ ދިއައީ ސިއްސައިގެންނެވެ. އެއީ ޒުވާނާ އޭނާގެ އަތުގައި 1 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓިއެއް އަޅުވަން އުޅޭކަން އެނގުމުންނެވެ. އެކަން ވިސްނުމުން ޒުވާނެ ގާތަށް ޖެހިލާފައި ދެކަކޫ ބިންމަތީގައި ޖައްސާފައި ބުންޏެވެ. "މާފްކުރާށެވެ! ނުއެނގުނީއެވެ!"
ޒުވާނާ ބުންޏެވެ. "އަހުރެން މިހުރީ ވ ރަނގަޅަށް އެނގިގެންނެވެ. މިގެއަށް އަންނަން ނުކުންނަމުން މަންމަގެގާތުގައި ބުނީމެވެ. "މަންމާއެވެ! ދުޢާކޮށްދޭށެވެ! އިރާދަކުރެއްވިއްޔާ އެނބުރި އަންނާނީ މަންމައަށް ކަމުދާނެ އަންހެން ކުއްޖެގެ އަތުގައި އަނގޮޓި އަޅުވައިގެންނެވެ. އެކަމަކު މިވީ ގޮތުން (ތިބާގެ ކިބައިން ފެނުނު ބޮޑާކަމާ ކިބުރުވެރިކަން ބޮޑުކަމުން) މިއަނގޮޓި ތިބާގެ އެއްވެސް އިނގިއްޔަކު ދެން ހަރެއް ނުލާނެއެވެ. އެކަމަކު ކަލޭގެ އެކުވެރިޔާގެ އިނގިލީގައި ހަރުލައިފާނެއެވެ. ހަރުލައިތޯ ބަލައިލަން އެކުވެރިޔާ ބޭނުންވާނަމަ ދަޢުވަތުދެމެވެ."
ޒުވާނާ އެހެން ބުނާއިރަށް އެކުވެރިޔާ އޭނާގެ އަތް ދިއްކޮށްލިއެވެ. އަތް ދިއަކުރިއަ ނުދޭން މަސައްކަތްކުރީމާ ފޮޅައިލާފައިވެސް ދިއްކުރުމުން ޒުވާނާ އޭނާގެ އަތުގެ މެދު އިނގިލީގައި އަނގޮޓި އަޅުވައިގެން ގޮވައިގެން އެއަގުބޮޑު ކާރުގައި އެނބުރި ދިއައީއެވެ. ލިބުނު ދެރައިން އަނެއް އަންހެން ކުއްޖާ ރޮމުން ގެއަށްވަނީއެވެ.
ޙާޞިލްކުރަންވީ ޢިބްރަތް: ތިމާއަށް ތިމާ ފެނުމާ މީހުންގެ ބޭރުފުށަށް ބަލައި އަގުވަޒަންކުރުމާ އަނެކާއަށް ދެރަބަސްބުނެ ހިތުގަ ޖެއްސުވުމަކީ ކަރުނައަޅަންޖެހޭނެ ކަންކަމެވެ. ހިތްތިރިވުމަކީ އުފާވެރިކަމާއި ރަނުގެ ފުރުޞަތުތައް ލިބޭ ކަމެކެވެ.
Advertisement
26 މެއި 2025