އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު
އެއީ ޒުވާންއިރުގެ ދެލޯބިވެރިންނެވެ. ކައިވެނި ނުކުރެވުނީ ފިރިހެން ކުއްޖާގެ ފަޤީރުކަމުންނެވެ. 10 އަހަރު ފަހުން ވަޒީފާއެއް ހޯދަން ޒުވާނާ ކުރި މަސައްކަތުގެ ތެރެއިން ދެވުނު އޮފީހަކުން ދެމީހުން އަލުން ބައްދަލުވިއެވެ. އެއީ އަންހެންކުއްޖާގެ އޮފީހެވެ.
އަންހެން ކުއްޖާ ޒުވާނާއަށް މަރުޙަބާ ކިޔެވެ. ވަޒީފާ ދިނެވެ. ދުވަސްކޮޅެއް ފަހުން ކުންފުނި ހިންގަން ޒުވާނާ އާއި ހަވާލުކުރިއެވެ. ބުންޏެވެ. "އަހުރެންގެ މަންމަވެސް ބައްޕަވެސް ދުނިޔެއަކު ނެތެވެ. މިހުރީ އަހުރެން އެކަންޏެވެ. އަހުރެންނަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ޑޮކްޓަރުން ބުނެފައިވަނީ އަހުރެން މާގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެ ކަމަށެވެ. ވީމާ އަހުރެން ދުނިޔޭގައި ނެތް ދުވަހަކުން ކުންފުނި ކަލެއަށް ލިބޭނެ ގޮތަށް ލިޔުންތައް ހުންނާނީ ހަމަޖައްސައިފައެވެ. ލިޔުންތައް ވާނީ ވަކީލާއި ޙަވާލުކޮށްފައެވެ."
ޒުވާނާ ބުނީ ތަނަވަސްކަމާ ކުންފުންޏަށްވުރެ ބޮޑަށް އޭނާ ބޭނުންވަނީ ކައިވެނި ކަމަށެވެ. "ޑޮކްޓަރުންނަކަށް ޢުމުރެއް ނުއެނގޭނެއެވެ. އެއީ އެމީހުންގެ އަތުގައި އެއްވެސް ބާރެއް އޮންނަ ކަމެއް ނޫނެވެ. ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް މަރުވެދާނެ މީހެކެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެކަމަށް ނުވިސްނުމެވެ."
ޒުވާނާގެ ވިސްނުން އެނގުމުން ކައިވެނިކުރަން އަންހެންކުއްޖާ އެއްބަސްވިއެވެ. ދެމީހުންގެ ކައިވެނި ކުރެވުނެވެ. ދެމަފިރިން އިސްކަންދިނީ އަޅުކަމަށެވެ. ޚާއްޞަކޮށް ރޭއަޅުކަމަށެވެ. ރޭގަނޑުގެ ފަހުބައިގައި ރޭއަޅުކަންކޮށް ދުޢާކުރުމަށެވެ.
ކައިވެންޏަށް 10 އަހަރުވެސް ފުރިއްޖެއެވެ. އަދިވެސް އަނބިމީހާ ހުރީ ދުނިޔޭގައެވެ. މިއަދު އޭނާއަކީ 3 ދަރިންގެ މަންމައެކެވެ.
މިވީ ކިހިނެއް ހެއްޔެވެ؟ ދެމަފިރިން އެކުގައިކުރަމުން ގެންދިއަ ދުޢާގެ ސަބަބުން ބަލި އެހުރި ގޮތަށް ހުރިނަމަވެސް އެކަމުން އެއްވެސް އުނދަގުލެއް ނުލިބި އުޅެވޭނެ ގޮތް މިންވަރުކުރެއްވެވީއެވެ. ދެމީހުންގެ ހިތުގައި އެކަކު އަނެކެއްގެ މައްޗަށް އޮތް ތެދުވެރި ލޯބި ބޮޑުވުމުން އެމަތިވެރި ލޯބީގެ ކުރިމަތީގައި އެ ބޮޑު ބައްޔަށް ބަލިވާންޖެހި ހަށިގަނޑުގެ މައްޗަށް ބާރެއް ނުހިންގުނީއެވެ. ކޮންފަދަ އަގުހުރި ފިލާވަޅެއް ހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ! އަންހެންކުއްޖާ އޭނާގެ ތަނަވަސްކަން އެކުގައި ލޯބިވެރިޔާއަށް އެދިނީއެވެ. މިފަދަ ފުރުޞަތެއް ލިބިއްޖެނަމަ ގިނަ ބައަކު ބޭނުންވާނީ ވީހާއަވަހަކަށް އަންހެން ކުއްޖާ މަރުވުމަށެވެ. އަވަހަށް އޭނާގެ ތަނަވަސްކަން ލިބިގަތުމަށެވެ. ނަމަވެސް އެޒުވާނާ ބޭނުންވީ އެގޮތެއް ނޫނެވެ. ޢޭނާ ބޭނުންވީ އޭނާގެ ލޯބިވެރިޔާއެވެ.
ހެޔޮވިސްނުމަކީ އެއީއެވެ. ކައިވެންޏަސްފަހު ތަނަވަސްކަމަކީ ދެމީހުންގެ ދެމީހުންގެ އެއްޗެއްކަމަށް ޤަބޫލުކުރުމެވެ. ތަނަވަސްކަމަށް ދަހިވެތިނުވުމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
26 މެއި 2025