އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 16 ސިކުންތު
ޖުނުބްވެރި ޙާލުގައި ނިދުމަކީ މައްސަލައެއްތޯ؟
ޖުނުބްވެރިވެއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ ހިނައިގަނެގެން ނިދުމެވެ. ނަމަވެސް އެއީ މަޖުބޫރު ކަމެއް ނޫނެވެ. ޖުނުބްވެރި ޙާލުގައި ނިދުން ހުއްދައެވެ. ނަމަވެސް އެންމެ ކުޑަމިނުން ވުޟޫކޮށްލަންވާނެއެވެ. ސުންނަތުގައި އޮތީ އެގޮތެވެ.
ތިރީގައި އެވަނީ ދަސްކުރަންޖެހޭނެ ފިލާވަޅެއް ފަދަ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެކެވެ.
ޒައިނަބްގެ އުމުރުން 40 އަހަރުވީއިރު އޭނާ ވަނީ 3 ކައިވެނިކޮށް ކައިވެނި ރޫޅިފައެވެ. ލިބުނު މާޔޫސްކަމުގައި ހުއްޓައި އޭނާއާއި ބަދަލުވި ޢުމުރުން ދުވަސްވީ ފިރިހެނަކު އޭނާގެ ކައިވެންޏަށް އެދުމުން އެކަން އޭނާ ޤަބޫލުކުރިއެވެ. އެއީ އޭނާ އާއި އެއް އުމުރުގެ 3 ފިރިހެނުންނާއި ކައިވެނިކުރުމުން ވެސް ކައިވެނި ރޫޅިފައިވާތީ މިކައިވެނީގައި އެކެއްގެ ޢުމުރަށް ދިރިއުޅެވޭނެކަމުގެ ފޮނި އުންމީދުތައް ކުރަމުންނެވެ.
ދެމީހުންގެ ކުރެވުނު މަޝްވަރާތަކުގެ ތެރެއިން "ޙުސައިން" އެދުނީ ކައިވެނިކޮށްގެން ގޭގެ ދެކޮޓަރީގައި ދެމީހުން ދިރިއުޅުމަށެވެ. އެއްދާން ކުރަން ބޭނުންވާ ރޭރޭ ބައްދަލުކުރުމަށެވެ. އެއީ އުމުރުތަފާތުވުމުން ޙުސައިންގެ ކިބައިން ކުރެވޭ ބައެއް ކަންކަމަށް ޒައިނަބް ހިތްހަމަ ނުޖެހިދާނެތީ ކަމަށް ބުނެއެވެ. ދެ ކޮޓަރީގައި ދިރިއުޅުނު ނަމަވެސް އޭނާ ޒައިނަބްގެ ގާތަށް ކޮޓަރިއަށް އަންނާނެކަމަށްވެސް ބުންޏެވެ. އަދި ޒައިނަބް ބޭނުން ވަގުތަކު އޭނާގެ ކޮޓަރިއަށް އައުމަށްވެސް ބުންޏެވެ.
ކައިވެނިކުރެވިއްޖެއެވެ. ކައިވެނީގެ ހަފްލާއަށްފަހު ދެމީހުން ގެއަށް ގޮސް ވަނީ ދެކޮޓަރިއަށެވެ. ޒައިނަބް ފެންވަރައި ރީތިވެލައި ޙުސައިން އާއި ބައްދަލުކުރަން ތައްޔާރުވެލިތަނާ މީހަކު ދޮރުގައި ޓަކިޖެހުމުން ހުޅުވިއިރު ޙުސައިން އެވެ. ޙުސައިން އެއްދާން ކުރުމަށްފަހު އޭނާގެ ކޮޓަރިއަށް ދިއައީއެވެ.
ޒައިނަބް ނިދަން ތައްޔާރުވެލިތަނާ އަނެއްކާވެސް ދޮރުގައި ޓަކި ޖެހުމުން ހުޅުވިއިރު ހަމަ ފިރިމީހާ އެވެ. އެފަހަރުވެސް ކަންތައްވެގެން ދިއައީ ހަމަ ކުރީ ފަހަރުވެސް ކަންތައް ވީގޮތަށެވެ.
އެފަހަރުވެސް ޙުސައިން ނުކުތުމުން ޒައނަބް ނިދަން ތައްޔާރުވިތަނާ ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވިއިރުިހަމަ ފިރިމީހާއެވެ. އެފަހަރުވެސް ކަންތައް ވެގެންދިއައީ ހަމަ އެގޮތަށެވެ. އެފަހަރު ޙުސައިން އޭނާގެ ކޮޓަރިއަށް ދާން އުޅުމުން ޒައިނަބް ބުންޏެވެ.
"ކޮޓަރިއަށް ނުދާންވީ ނޫންހެއްޔެވެ؟ ޢުމުރުން ދުވަސްވީއިރުވެސް ޙުސައިންގެ ޞިއްޙަތު ތިއަހައި ޒުވާންވާނެކަމަށް ކުރިން އުންމީދުވެސް ނުކުރަމެވެ. މިހާރު ތިއައައީ 3 ވަނަ ފަހަރުއެވެ. ތިއައީ މިހާރުގެ އެންމެ ޒުވާނުންގެ ކިބައިންވެސް ފެންނާނެ ކަމެއް ނޫނެވެ. އަހަރެންގެ ހިތުގައި ޙުސައިންއަށް އޮތް ލޯބި ވަރަށް ބޮޑުތަނުން އިތުރުވެއްޖެއެވެ."
އިރުކޮޅަކު މަޑުން ހުރުމަށްފަހު ޙުސައިން ކުރީ ސުވާލެކެވެ. "ތިއަ ބުނަނީ މީގެ ކުރިން 2 ފަހަރު އަހަރެން މިކޮޓަރިއަށް އައިކަމަށް ހެއްޔެވެ؟ ކަލޭގެ ބޭނުންކުރި ކަމަށްހެއްޔެވެ؟"
ކަންބޮޑުވުން އުފެދުނީ އެހިސާބުންނެވެ.
ޖެހިގެން އައި ދުވަހު ދެމަފިރިން އެކުގައި ގޮސް ރުޤްޔާކުރާ މީހެއްގެ މަޝްވަރާ ހޯދިއެވެ. އޭނާ ބަލަންހުރި ކަންކަން ބެލުމަށްފަހު އޭނާ އަށް އެނގޭ ވަރަށް ކިޔައިދިނެވެ. "ފެންނަ ގޮތުން ޒައިނަބަކީ އެއްދާންކުރުމަށްފަހު ހިނައިގަތުމުގައި ވަރަށް ފަރުވާކުޑަ އަންހެނެކެވެ. އެއީ ބައެއް ފަހަރު ނަމަވެސް ވަރަށް ނުރައްކައުތެރިކަންކަން ކުރިމަތިވާ ކަމެކެވެ. އެހެނީ ޖުނުބުވެރި ޙާލުގައި އެއްވެސް ޠޯހިރުކަމެއް ނެތި ހުންނައިރު ޖިންނި ޝައިޠޯނުންނަށް އަރައިގަންނަން ވަރަށް ފަސޭހަވާނެތީއެވެ.
ވަކި ގޮތަކަށް ބުނަނީއެއް ނޫނެވެ. އެކަމަކު ޖިންނިއެއް ތިއަވަނީ އަވަލައިފައެވެ. ކުރީގެ 3 ކައިވެނިމަތީގައި ދިރިނުއެވުނީވެސް އެކަމުގެ ސަބަބުން ކަމަށްވުން ވަރަށް ގާތެވެ."
މިހެން ބުނުމަށްފަހު ޝިފާ ހޯދަން ކުރަންހުރި ކަންކަން ކިޔައިދިނެވެ. އެކަންކަން ކުރަން ފެށުމުން ޒައިނަބަށް ބަދަލުތަކެއް އައެވެ. ހަށިގަނޑަށް ލުއިތަކެއްވެސް ލިބުނެވެ. އެތެރެހަށީގައި ހުރި ބައެއް އުނދަގޫތަކާއި ބޮލުގައި ހުންނަ ރިހުންވެސް ފިލައިގެން ދިއައެވެ. އަދި އެކަންކަން ކުރަންފެށިފަހުން އެބާވަތުގެ އެއްވެސް ކަމެއް ކުރިމައްޗެއްވެސް ނުވެއެވެ.
ބުނެލަން ބޭނުމީ ޖުނުބުވެރި ޙާލުގައި ނިދުމަކީ ޢާންމުކޮށް ކުރާ ކަމަކަށް ނުހަދާށެވެ. ޖުނުބުވެރި ޙާލުގައި ނިދާނަމަ އެންމެކުޑަމިނުން ސުންނަތުގައިވާފަދައިން ވުޟޫކޮށްލައިގެން ނޫނީ ނުނިދާށެވެ! އަދި ފަތިސްނަމާދަށް ހޭލައި ފެންވަރައި ފަތިސްނަމާދުކުރަން އާދަކުރާށެވެ! އެންމެންނަށް ކަންކަން ކުރިމަތިވާނީ އެއްގޮތަކަށް ނޫނެވެ. އަދި ކުރިމަތިވާނީ އެއް އުނދަގޫތަކެއްވެސް ނޫނެވެ. މިކަމަށް ދެމަފިރިންވެސް ޚާއްޞަކޮށް އަންހެނުން ސަމާލުކަންދޭންވާނެއެވެ!
ކަންކަމުން ރައްކައުތެރިވެވޭނެ މަގު ޤުރްއާނާއި ސުންނަތުން އޮތީ ފެންނާށެވެ! ރައްކައުތެރިކަން ލިބޭނީ ހޯދަން މަސައްކަތްކުރުމުންނެވެ. މިކިޔައިދިން ހާދިސާގެ މައްޗަށް އެކި ގޮތްގޮތަށް ފިލްމްތައްވެސް ވަނީ އުފައްދައިފައެވެ. ކާފިރުން އުފައްދާފައިވާ ފިލްމުތަކުގައި މިކިޔައިދިން ހިނައިގަތުމުގެ ވާހަކަ ގެނެސްފައެއް ނުވެއެވެ. ނަމަވެސް ހާދިސާ ބިނާކޮށްފައިވަނީ ހަމަ މިކިޔައިދިން ވާހަކައަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
26 މެއި 2025