އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: 6 މަހުގެ ކުޑަ ދަރިފުޅު ދޫކޮށްލާފައި ތަނަވަސްކަމުގަ އުޅެން ދިއުމުން ގޮތެއް ނެތިގެން ގެނައި އެކަނިވެރި މައެއްގެ ސަބަބުން އުފާވެރިކަމާ ތަނަވަސްކަން ލިބުނު ފިރިއެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: 6 މަހުގެ ކުޑަ ދަރިފުޅު ދޫކޮށްލާފައި ތަނަވަސްކަމުގަ އުޅެން ދިއުމުން ގޮތެއް ނެތިގެން ގެނައި އެކަނިވެރި މައެއްގެ ސަބަބުން އުފާވެރިކަމާ ތަނަވަސްކަން ލިބުނު ފިރިއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 36 ސިކުންތު

އިދްރީސަކީ ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް މަސައްކަތްކޮށްގެން ލިބޭ އާމްދަނީން ދިރިއުޅެވެއެވެ. މާނައަކީ މީހަކަށް ނުދަރައި އަމިއްލަ ބޭނުންތައް ފުއްދާލައިގެން އުޅެލެވޭވަރުވެއެވެ.

މާބޮޑު ގެއެއް އަދި ގޯއްޗެއްވެސް ނެތެވެ. ނަމަވެސް މައިންބަފައިންގެ ކިބައިން ކުޑަބިންކޮޅެއް ލިބިފައިވެއެވެ. ދިރިއުޅެނީ އެބިންކޮޅުގައި އަޅާފައިވާ ދެކޮޓަރީގެ ކުޑަކުޑަ ގެއެއްގައެވެ.  

އިދްރީސްގެ އަނބިމީހާ، ޒުލޭޚާއަކަށް އެވަރަކުން ނުފުދެއެވެ. އޭނާ ބޭނުންވަނީ ބޮޑު ގެއެކެވެ. ތަނަވަސް ދިރިއުޅުމެކެވެ. ފިރިމީހާއަކީ ބޮޑު ވިޔަފާރިވެރިއަކަށްވުމަށެވެ. ކޮންމެ އަކަސް ކައިވެނި ކުރީންސުރެ އެފަދަ ފިރިއެއްގެ އުންމީދުގައި ހުރެގެން އެކަމަސް މަސައްކަތްކުރަމުން ދަނިކޮށް ވިޔަފާރިވެރިއަކާއި ބައްދަލުވީ ކައިވެންޏަށް 4 ވަނައަހަރުގައެވެ. އެއިރު ދަރިއަކުވެސް ލިބި އެދަރިފުޅަށް 6 މަހެވެ.  

އެހިސާބުން ޒުލޭޚާ ވަރިއަށް އެދެން ފެށިއެވެ. ވަރިނުކުރަނީސްވެސް ނުކިޔަމަންތެރިކަން ދައްކައި ބޭރަށްދާން ފަށައިފިއެވެ. ދަރިފުޅާއި އަޅައިވެސް ނުލައި ގެއިން ބޭރުގައި އުޅެން ފަށައިފިއެވެ. އިދްރީސް ކުރި އެއްވެސް އާދޭހެއްގެ އަޑެއް ނުއެހިއެވެ. ޒުލޭޚާއަށް ފެންނަނީ ވާން އުޅޭ ފިރިމީހާގެ 5 ބުރިގެއެވެ. ހުރި 2 ފިހާރައެވެ. ތިމާއަށް ވަފާތެރި ތިމާ ދެކެ އިންތިހާއަށް ލޯބިވާ ފިރިމީހާގެ އަގެއް ނެތެވެ. ލިބިފައިވާ ތުއްތު ދަރިފުޅުގެ ބޭނުމެއްވެސް ނެތެވެ. ބުއްދޭންޖެހޭކަންވެސް ހަނދާނެއް ނެތެވެ.  

އިދްރީހަށް ކެތްނުކުރެވޭ ޙާލަތަށް ކަންކަން ދިއުމުން ޒުލޭޚާ އެދުނު ފަދައިން ވަރިކޮށްދިނެވެ. ދަރިފުޅު ބަލަން ގެއަށް ގެނައީ 3 އަހަރުގެ ދަރިއަކުވެސް ގެންގުޅޭ އެކަނިވެރި މައެކެވެ. ޝަރުޠަކީ އެދެމައިންގެ ޚަރަދުތައް ބަލަހައްޓައިދިނުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އެއީ މުސާރަ ދެވޭނެ ވަރަށް އިދުރީހަށް އާމްދަނީ ނުލިބޭތީއެވެ.  

އިދްރީސް، ދަރިފުޅު ބަލަން ގެއަށް ގެނެވުނު ޝަމީމާ އޭނާގެ ދަރިފުޅު ބަލަހައްޓައިދެނީ އަމިއްލަ ދަރިއަކުވެސް ބަލަހައްޓާނެ ގޮތަށްކަމަށްވުމުން ޝަމީމާ އާއި ވާހަކަ ދައްކައިގެން ދެމީހުން ކައިވެނިކުރިއެވެ. އިދުރީސް އޭނާއަށް ކުރިމަތިވި ދަތިޙާލަތަށް ކެތްތެރިވެ ޝުކުރުކޮށްލައިގެން ދިރިއުޅެމުން ދެވަނަ ކައިވެނިކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ރާއްޖޭގެ އެންމެ މުސާރަ ރަނގަޅު އެއް ރިޒޯޓުން ވަޑިއެއްގެ ވަޒީފާ ލިބި ރަނގަޅު އާމްދަނީއެއް ލިބެން ފެށިއެވެ.  

އިދުރީހާއި ޝަމީމާގެ ކައިވެންޏަށް 5 އަހަރުވީއިރު އިދުރީހަށް ލިބިފައިވާ ބިންކޮޅުގައި ވަނީ 4 ބުރިއަށް ރަނގަޅު ފެންވަރުގެ ގެއެއް އަޅައިފައެވެ. ތިރީބުރީގައި އަމިއްލައަށް ފިހާރައެއް ހިންގައެވެ. އެއްބުރި ބޭނުންކުރަނީ ގުދަނަކަށެވެ. އަނެއްބުރި ހުންނަނީ ކުއްޔަށްދީފައެވެ. ދެމަފިރިންނާއި ދެދަރިން ދިރިއުޅެނީ 4 ވަނަ ބުރީގައެވެ.  

ވިޔަފާރި ހިންގަނީ އަނބިމީހާއެވެ. ޝަމީމާއަކީ ފުރަތަމަ ކައިވެނި ފޭލްވެ އެކަނިވެރިވާންޖެހުނު ނަމަވެސް ކިޔަވައިގެން ހުރި އަންހެނަކަށްވުމުން އިދްރީސް އޮންނަނީ ހުރިހާ ކަމެއް ޝަމީމާއަށް ދޫކޮށްލައިފައެވެ. ދެމަފިރިން ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ.  

އެއްދުވަހެކެވެ. އެއީ ހުކުރު ދުވަހެކެވެ. ހުކުރު ދުވަހު ހެނދުނު ފިހާރަ ނުހުޅުވާތީ ދެމަފިރިން ގޭގައި އުޅެނިކޮށް މީހަކު ބެލްޖެހުމުން ދޮރުހުޅުވިއިރު އިދްރީސްގެ ކުރީގެ އަނބިމީހާއެވެ. ގެއަށް ވައްދައި ސޯފާގައި ބެއިންދީމާ ބުންޏެވެ. "ދޮގު ހަދާކަށް ނެތީމެވެ. މިއައީ ނޯކަރަކަށް ނަމަވެސް މިގޭގައި މައިންދައިދޭތޯއެވެ. އަހަރެންނަށް ކަންކަން ކުރެވުނީ ވަރަށް ގޯސްކޮށްކަން ޤަބޫލުކުރަމެވެ. އެއިރު ނުވިސްނުނީއެވެ. ތަނަވަސް ކަމަށް ލޯބިކުރެވުނު ވަރުން ދަރިފުޅުވެސް އެއްލާލާފައި ދެވުނީއެވެ. ކައިވެނި ކުރެވުނީ ތަނަވަސް މީހަކާއި ނަމަވެސް އެކަމުން ލިބުނީ ވަރަށް އަނިޔާއެކެވެ. އޭނާއަކީ ވަރަށް ބޮޑު އަނިޔާވެރިއެކެވެ. މިވަރުން ފުއްދައިލާށެވެ. ވަރިވެއްޖައީމެވެ. ދެން ބޭނުންވަނީ ކުރިން ދަރިފުޅަށް އަޅައި ނުލެވުނު ނަމަވެސް ޢުމުރުގެ ދެން އޮތް ދުވަސްތައް ދަރިފުޅަށް ޚިދުމަތްކުރުމުގައި އިންނާށެވެ. ފުރުޞަތަކަށް މިއެދެނީ އެކަމަށެވެ."  

އެހެން ބުނާއިރަށް ޝަމީމާ ބުނީ ޒުލޭޚާ އެދުނުފަދައިން އެގޭގައި ޒުލޭޚާ ބެއިންދުމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް އިދްރީސް ބުނީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ ޒުލޭޚާއަށް އެއްވެސް އިތުބާރެއް ނުކުރެވޭނެ ކަމަށާއި އޭނާ ބައިންދަން ހަދައިގެން ޖެހޭ މައްސަލައަކާއިހުރެ ޝަމީމާ ހިތްހަމަނުޖެހޭނެ އެއްވެސް ކަމެއް މެދުވެރިވާން ނުއެދޭކަމަށެވެ. އަދި ދަރިފުޅު ދެކެ ލޯބިވާނަމަ ދުރުގައި ހުރެގެން ދަރިފުޅަށް ހެޔޮދުޢާކޮށްދިނުމަށާއި ދަރިފުޅު ދުށުމުގެ ނަމުގައި ގިނަގިނައިން ގެއަށް ނައުން އެދޭކަމަށެވެ. 

އެވަޤުތު ދަރިފުޅު އެތަނަށް ދިއުމުން މިއިނީ މަންމަ ކަމަށް ބުނުމުން ދަރިފުޅު ބުނީ މަންމަ މިއިނީކަމަށެވެ. އެހެންބުނެފައި ގޮސް ވަނީ ޝަމީމާގެ އުނގަށެވެ. ޒުލޭޚާއަށް ޖެހުނީ ގެއިން ނުކުމެގެންދާށެވެ.  

އިދުރީހަކީވެސް ޒުލޭޚާއަކީވެސް އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ދެމީހުންނެވެ. އިދްރީސް ޝަމީމާ އާއި ކައިވެނިކޮށްގެން އުޅެންފެށިފަހުން ޝަމީމާވެސް އެނގެއެވެ. އަވަށްޓެރިން ކަމުގައިވާތީއެވެ.  

މިވާހަކަ މިއަދުނޫހާއި ޙިއްޞާ މިކުރީ ފައިސާގެ ދަހިވެތިކަމުގައި ފިރިމީހާ އާއި ދަރިން އުކާލާފައި އުފަލުގައި ދިރިއުޅެން މަސައްކަތްކުރާ އަންހެނުންނަށް ގިނަފަހަރަށް ކުރިމަތިވަނީ މިފަދަ ދެރަ ގޮތެއްކަން ބުނުމަށެވެ. ފައިސާވެރިންގެ ތެރޭގައިވެސް ރަނގަޅު މީހުން ތިބޭނެއެވެ. ނަމަވެސް ތިމާގެ އަލަތު ފިރިމީހާ ތިމާއަށް ހެޔޮވެފައި އަޅައިލާފައި، ވަފާތެރިނަމަ އޭނާއަށްވުރެ ރަނގަޅު ފިރިއަކު ހޯދާނީ ކިހިނަކުންތޯއެވެ؟ މިއީ ހަމަ ކޮންމެ އަންހެނަކުވެސް ވިސްނައިލުން ރަނގަޅު ފިލާވަޅެއް ކަމަށް ދެކެމެވެ.  

އަޅުގަނޑުގެ ފިރިމީހާއަކވެސް ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް މިބުނި ސިފަތައް އޭނާގެ ކިބައި އެބަހުއްޓެވެ. އެހެންވެ ކިތަންމެ ބޮޑު ތަނަވަސްކަމެއް ހުށަހެޅި ނަމަވެސް ހަމަ ޤައިމުވެސް އަޅުގަނޑު ފިރިމީހާ ޢާއި ވަތްކެއް ނުވާނަމެވެ.

 

- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް