އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު
އަހަރުތަކެއްވަންދެން ޤައުމުން ބޭރުގައި އުޅެފައި އެނބުރި ޤައުމަށްގޮސް ގެއަށް ދިއުމުން މަރުޙަބާ ކިޔުމުގެ ބަދަލުގައި ދެއްކީ ކުނި މޫނެވެ. އެއީ އޭނާ އެނބުރި އައީ ފައިސާތަކެއް ހިފައިގެން ނޫންކަމަށްވާތީއެވެ. އެހެންވެ ބުނީ ކޮޓަރިއެއްވެސް ނެތްކަމަށާއި ބޭނުންނަމަ ސޯފާގައި ނިދާލައި ނޯކަރުގެ ފާޚާނާ ބޭނުންކުރެވިދާނެ ކަމަށެވެ.
ޒުވާނާ އެކަންވެސް ޤަބޫލުކުރިއެވެ. އެރޭ ނިދީ ސޯފާގައެވެ. ހެނދުނު ތެދުވެ ފެންވަރާލައިގެން ދަބަސްހިފައިގެން ގެއިން ނުކުމެގެން ދިއައީއެވެ. ދިއަ މަގުމަތީގައި އޭނާގެ ލޯބިވެރިޔާއާއި ބައްދަލުވިއެވެ. ގުޅުމެއް ނެތި އަހަރުތަކަކަށްފަހު ބައްދަލުވުމުންވެސް ލޯބިވެރިޔާ ބުނީ އޭނާ މިހުރީ ޒުވާނާގެ އިންތިޒާރުގައި ކަމަށެވެ.
ޒުވާނާ އޭނާއަށް ގެއިން ކަންކަން މެދުވެރިވި ގޮތް ކިޔައިދިނެވެ. އަދި ފޮށިހިފައިގެން ނުކުމެގެން މިދަނީ ޢާއިޅީގޭގައި އެހައި ދަށުދަރަޖައިގައި އުޅެން ހިތްދަތިވާތީކަމަށްވެސް ބުންޏެވެ. އަދި އެއްވެސް މީހަކު އޭނާއަށް ސަމާލުކަން ނުދިނުމުން ހިތްދަތިކަން ވަރަށްބޮޑުވުމުން ކަމަށްވެސް ބުންޏެވެ. ބޭނުންވަނީ ކުރާނެ މަސައްކަތެއް ލިބެންދެން މަގުމަތީގައި އުޅެންކަމަށްވެސް ބުންޏެވެ.
އަންހެންކުއްޖާ ބުނީ ތިއައީ ރަނގަޅު ގޮތެއް ނޫންކަމަށާއި އޭނާއާއިއެކު އެގެއަށް ދެވިދާނެ ކަމަށެވެ. އެގޭގައި ހުރެގެން ވަޒީފާއެއް ހޯދާނީ ކަމަށެވެ. ވަޒީފާއެއް ލިބެންދެން ގެއަށް އެއްވެސް ޚަރަދެއްކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެކަން ކޮށްދޭނީ އެއްވެސް ކަމެއް ޝަރުޠުކޮށްގެން ނޫންކަމަށާއި ހިތުގެ އަޑިން ލޯބިވާތީކަމަށްވެސް ބުންޏެވެ.
އަންހެން ކުއްޖާ އެދުނު ފަދައިން ޒުވާނާ އެގެއަށް ދިއުމުން އޭނާގެ މައިންބަފައިން ޒުވާނާ ހުންނާނެ ކޮޓަރިއެއް ދެއްކިއެވެ. އަދި އެގެއަކީ އޭނާގެވެސް ގެ ކަމަށް ބަލައިގެން އުޅެން ބުންޏެވެ. އަދި ދެލޯބިވެރިކަމަށްވީނަމަވެސް ކައިވެނިނުކޮށް އެއްވެސް ގުޅުމެއް ނުހިންގަންވެސް ނަޞޭޙަތްދިނެވެ. ކައިވެނިކުރަން ބޭނުންނަމަ މިހާރުވެސް އެމީހުންގެ ފެންވަރުން އެކަންވެސް ކޮށްދީފާނެކަމަށްވެސް ބުންޏެވެ. އެއީ އެމީހުންގެ ހުރި ހަމައެކަނި ދަރިއަކީ އަންހެންދަރިފުޅު ވީމައެވެ.
ސިޓިންގ ރޫމްގައި ވާހަކަދައްކަން ތިއްބައި ޒުވާނާގެ ފޯނަށް ކޯލެއް އައެވެ. ބުނީ ކުންފުނިން ކުރި ބިޑް ކާމިޔާބުވެއްޖެކަމަށާއި މެންދުރު 2 ޖަހާއިރު ސޮއިކުރަން ބޮސްދާންޖެހޭ ކަމަށެވެ. އެއީ ޢޭނާއަށް ލުބުނު ކޯލެއް ނޫންކަން ދައްކަންވެގެން ސުވާލުކުރިއެވެ. "ތިއަ ވާހަކަދައްކަނީ ހަމަ ރަނގަޅު ނަންބަރަށް ގުޅައިގެން ހެއްޔެވެ؟" އެހެން ބުނެފައި ފޯނު ކނަޑައިލުމުން ދެން ލިބުނީ ވީޑިއޯ ކޯލެކެވެ! "ބޮސް! ތިއަކުރަނީ ކޮން ސުވާލެއް ހެއްޔެވެ؟" ޖަވާބުގައި ހިނިތުންވެލުމުން އެކޮޅުން ބުންޏެވެ! "ބޮސް އަބަދު އުޅޭނީ އަހަރެމެން މޮޔަހައްދުވާށެވެ!"
އަޑުއަހަންތިބި އެންމެންނަށް ލިބުނީ ޙައިރާންކަމެކެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އެންމެން ކަންބޮޑުވެފައި ތިބެން ފެށުމުން ޒުވާނާ ކިޔައިދިނެވެ. "އަހުރެން ޤައުމުން ބޭރުގައި ހުރެގެންވެސް އައީ މިޤައުމުގައި ވިޔަފާރިކުރަމުންނެވެ. އެކަން އެއްވެސް މީހަކަށް ނުއަންގަމެވެ. ޢާއިލާގެ މީހުންނަކަށްވެސް ނުއަންގަމެވެ. އެކަން ސިއްރުކޮށްފައި ބޭއްވީ އިމްތިޙާން ކުރުމަށެވެ. ޢާއިލާ ފޭލްވީއެވެ. މިއަދު ގެއިން ނުކުތީ މިގެއިން ކަންތައް ކުރާގޮތް ބަލައިލާށެވެ. ކަންދިމާވި ގޮތުން މަގުމަތިން ދެމީހުން ބައްދަލުވީއެވެ. ކަންކަން ތިއަކޮށްދިން ގޮތާ ދިން ހިތްހެޔޮކަން ބޮޑުކަމުން ބުނާނެ އިތުރު އެއްޗެއް ނެތެވެ. ދެން މިގެއަކުން ނުނުކުންނާނަމެވެ." އިން ޝާ ﷲ
- ޙާޞިލްކުރަންޖެހޭ ޢިބްރަތް: ފައިސާއަށް ދަހިވެތިކަން ބޮޑުވެއްޖެނަމަ ލިބޭނެ ދެރަ މާބޮޑުވާނެއެވެ. ތަނަވަސްކަމަށް ނުބަލައި ހިތުގެ އަޑިން ލޯބިވާނަމަ ކުރާނެ ފައިދާ ވަކިން ބޮޑުވާނެއެވެ. އިން ޝާ ﷲ
Advertisement
27 މެއި 2025