އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު
އެއީ ތަނަވަސް މަންމައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ފިރިހެން ދަރިއެކެވެ. އާމްދަނީ އިތުރުކުރަން ބުރަކޮށް މަސައްކަތްކުރާ ދަރިއެކެވެ. ބޮޑުވެ ކައިވެނިކުރާ ޢުމުރަށް އެޅުމުން ކައިވެނިކުރާނެ ރަނގަޅު އަންހެން ކުއްޖަކު ހޯދަން ދެމައިން ގުޅިގެން މަސައްކަތްފެށިއެވެ.
ދަރިފުޅު ލޯބީގެ ގޮތުން ކުދިންނާއި ގުޅުމަށްފަހު މަންމަ ދައްކަން ގެއަށް ގެންނައިރު މަންމަ އޮންނަނީ ވަރަށް ބޮޑަށް ބަލި އެނދެއްގައެވެ. އެމަންޒަރު ފެންނަ ހިސާބުން ކައިވެނިކުރަން ނުރުހިގެން ދަނީއެވެ.
3،4 ކުދިން އެގޮތަށް ދިއުމުން ދަރިފުޅު ބުންޏެވެ. "މަންމާއެވެ! ކުދިން އިމްތިޙާނުކުރަން އެހެން ގޮތެއް ހޯދަމާ ހިނގާށެވެ! އަހުރެން ވަރުބަލިވެއްޖެއެވެ. އެކަމަކު އެންމެ ފަހުފަހަރަށް އަދި އެއްކުއްޖަކު އިމްތިޙާންކުރާނަމެވެ."
ދުވަސްކޮޅެއް ފަހުން ލޯބިވެރިއަކު ހޯދައިގެން ގެނެސް މަންމަ ދެއްކުމުން އެކުއްޖާ ފުރަތަމަވެސް ރުޅިގަދަވެ ޒުވާނާއަށް ބުންޏެވެ. "އަހުރެން ގޮވައިގެން ކޮންމެ ރެއަކު އެންމެ އަގުބޮޑު ރެސްޓޯރަންޓުތަކަށްވެސް އެތައް ވަޤުތެއް ތިއަ ހޭދަކުރަނީ މަންމަ މިޙާލުގައި އެކަނި ގޭގައި ބާއްވާފައިހެއްޔެވެ؟ ތިއައީ ކޮންކަހަލަ ދަރިއެއް ހެއްޔެވެ؟ މަންމަ ދެކެ ލޯބިނުވާ މީހަކު އަހުރެންދެކެ ލޯބިވާނީ ކިހިނަކުން ހެއްޔެވެ؟ އަހުރެންނަށްވެސް ބަލިވެ އޮންނަން ޖެހިއްޖިއްޔާ ތިބާ ކަންތައް ކުރާނީ ތިއަގޮތަށް ނޫން ހެއްޔެވެ؟ އެހެންވީމާ ތިބާއާއި ކައިވެނިކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު މަންމަ ބަލައިދީފާނަމެވެ."
އެހެން ބުނާއިރަށް މަންމަ އުފަލުން ހޭންފެށިއެވެ. ގައިމަތީގައި އަޅާފައި އޮތް ރަޖާ އެއްލައިލާފަ ފުންމައިގެން އެނދުން ތެދުވެ ދެމައިން ކުޅެމުން އައި ޑްރާމާގެ ވާހަކަވެސް ކިޔައިދިނެވެ. ކައިވެނިކުރުން އަވަސްކުރަން އެދުނެވެ.
އަންހެންކުއްޖާގެ ކިބައިގައި ހުރި ރިވެތި އަޚްލާޤާއި ބަލިމީހުންނަށް އެހީތެރިވާންހުރި ޝައުޤުވެރިކަން ބޮޑުވީމާ އިނާމަކަށް ހެޔޮލަފާ ރަނގަޅު ތަނަވަސް ފިރިއަކު ލިބުނީއެވެ. އިތުރަށް ބޭނުންވާނީ ކޮން ކަމެއް ހެއްޔެވެ؟
އަޅުގަނޑަކީ ދަރިންގެވެސް އަދި ޅީދަރިންގެވެސް އަޅައިލުން ނުލިބޭ ކަމުގެ ހިތާމަކުރަމުން އަންނަ މައަކީމެވެ. އެހެންވެ މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮސްލަން ބޭނުންވީއެވެ. ބުނެލަން ބޭނުންވަނީ އަންތބަކަށް މިފަދަ އަންހެނަކު ލިބިއްޖެނަމަ ނަމަނަމަ އޭނާގެ ހިތުގަ ޖެހޭނެ ކަމެއް ނުކުރާށެވެ! ޢުމުރަށް ލޯބިން ގެންގުޅޭށެވެ!
- މަންމައެއް، މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-
Advertisement
27 މެއި 2025