އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 41 ސިކުންތު
އެއީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. ފިރިމީހާއަކީ ޒުވާން ވިޔަފާރިވެރިއެކެވެ. އަންހެން ކުއްޖާއަކީ ފަޤީރު ޢާއިލާއަކަށް ނިޞްބަތްވާ ކުއްޖެއެވެ. މާލީ ފެންވަރުގެ ގޮތުން ދެމީހުން ތަފާތުނަމަވެސް ދެމީހުންގެ ހިތްވަނީ ވަރަށް ވަރުގަދަ ލޯތްބަކުން ގުޅިފައެވެ.
އެދެމީހުން ކައިވެނިކުރީންސުރެ މީހަކު އައީ އަންހެން ކުއްޖާއަށް ބިރުދައްކަމުންނެވެ. އެއީ ގިނަ ޢަދަދެއްގެ ފައިސާ ނުދިންނަމަ ކައިވެނީގެ ކުރިން އޭނާއަށް ކުރެވިފައިވާ ކުށެއް (ކުރީގެ ލޯބިވެރިޔާއާއިއެކު ހިންގާފައިވާ ގުޅުމެއްގެ ފޮޓޯތައް) ދައްކައި ފަޟީޙަތްކޮށްލައި ކައިވެނި ރޫޅުވައިލާނެ ކަމުގެ ބިރެވެ.
އަނބިމީހާ ހުންނަނީ އެކަމަށް ބިރުންނެވެ. ނަމަވެސް އެހައި ގިނަ ފައިސާއަށް ފިރިމީހާގެ ގާތުން އެދެން މާބިރުގަނެއެވެ. އެހެންވެ ބުނަމުން ދިއައީ ފައިސާ ނެތްކަމަށާއި ލިބުމުން ދޭނެ ކަމަށެވެ.
މާގިނަ ދުވަސްތަކެއްނުވެ މިކަމެއް ހިނގަމުން އަންނަކަން ފިރިމީހާއަށް އެނގުނެވެ. އެނގުމާއިއެކު އަނބިމީހާގެ ފޯނުން އޭނާގެ ނަންބަރު ހޯދައިގެން އޭނާއާއި ބައްދަލުކުރިއެވެ. ބުންޏެވެ. "ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. އަހުރެންގެ އަނބިމީހާ ބްލެކްމޭލްކުރިޔަސް އެއްވެސް ފައިށާއެއް ނުލިބޭނެއެވެ. ކަލޭކުރާ ކަމަކަށް 10 ކަންތައް އަހުރެން ކުރާނަމެވެ. ކަލޭގެ މާގިނަ ކަންކަން އަހުރެން އެއްކޮށްފީމެވެ. މޮޅުވަނީ ކާކުތޯ ބަލައިލަން މުބާރާތެއް ބާއްވަމާ ހިނގާށެވެ!"
އެމީހާޢަށް ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. މިހިސާބުން އަނބިމީހާއަށް ބިރުދެއްކުން ހުއްޓައިލީ ކަމަށް ބުނުމުން ޒުވާނާ ބުންޏެވެ. "އަހުރެން ޤަޞްދުކުރަނީ ކަލެއަކީ މީހުން ބްލެކްމޭލްކޮށްގެން ފައިށާ ހޯދާ މީހެއްގެ ގޮތުގައި ފުލުހުންނާއި ޙަވާލުކުރާށެވެ! ކަލޭގެ އަމިއްލަ އިޢުތިރާފް މިހާރު މިވަނީ ވީޑިއޯ ކުރެވިފައެވެ. ކަލެއަކަށް ސަލާމަތެއް ނުވެވޭނެއެވެ."
އެމީހާ ޒުވާނާގެ ދެފައިމައްޗަށް ތިރިވެ އާދޭސްކުރަން ފެށިއެވެ. "އެހެން ނުހަދާށެވެ! ފުލުހުންނާއި ޙަވާލުނުކުރާށެވެ! އަހަރެންނަކީ ގޯސްމީހެއް ނޫނެވެ. ފައިސާގެ ދަހިވެތިކަމުގައި އެކަން ކުރެވުނީއެވެ." އޭނާގެ ވާހަކަތަކަށް ޖަވާބުނުދީ ޒުވާނާ ދިއައީއެވެ.
ގެއަށް ގޮސް އަނބިމީހާގެ ގައިގައި ބައްދައިލުމަށްފަހު ބުންޏެވެ. "ދެން ޢޭނާ ފައިސާ ހޯދަން ކަލެއަކަށް ނުގުޅާނެއެވެ. ގުޅައިފިއްޔާ ބުނެލާށެވެ! އަހުރެން ތިބާ އާއި ކައިވެނިކުރީ މާޒީގައި ކުށެއް ނުކުރެވި އޮންނާނެ ަކަމަށް ބަލައިގެނެއް ނޫނެވެ. ލޯބިވާވަރުންނެވެ. ދެންވެސް ކޮންމެ ކަމެއް ދިމާވިޔަސް އެކަނި އެކަން ޙައްލުކުރަން ނުއުޅޭށެވެ! އެކަމެއް ޙައްލުކުރަން މަސައްކަތްކުރާނީ ދެމީހުން އެކުގައެވެ. ކައިވެނިކުރި ހިސާބުން ފެށިގެން ކުށެއް ނުކުރަނިކޮށް އެނިމުނީއެވެ."
އަނބިމީހާ ފިރިމީހާގެ ދެފައިމައްޗަށް ތިރިވެ ބޮސްދީފައި ބާރަށް ބައްދާލާފައި ބުންޏެވެ. "އަހުރެންނަކީވެސް އިންސާނެކެވެ. ފަހަރެއްގައި ކުށެއް ކުރެވިދާނެއެވެ. ނަމަވެސް ކަލާއަށް ބޭވަފާތެރިވުމުގެ ކުށެއް ނުކުރާނަމެވެ. ހިލޭ ފިރިހެނަކާއި އެއްވެސް ބާވަތެއްގެ ގުޅުމެއް ބޭއްވުމުގެ ކުށެއް ނުކުރާނަމެވެ. ކަލާގެ ފައިސާއިން އެންމެ ސެންޓެއްވެސް ކަލާ ދިނުމުން ނޫނީ ބޭނުމެއް ނުކުރާނަމެވެ. ކަލާއަށާއި ކަލާގެ މަންމައަށް އަހުރެންނަކީ އިޚްލާޞްތެރިއެއްގެ ގޮތުގައި ޢުމުރު ހޭދަކުރާނަމެވެ."
ފިރިމީހާ ބުންޏެވެ. "ހުއްޓައިލާށެވެ! ފުދިއިތުރުވެސް ވެއްޖެއެވެ."
މިއީ ހަމަ މިމާލޭގައި ހިނގާފައިވާ ކަމެކެވެ. އެއަނބިމިހާއަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކުވެރިޔާގެ ހުއްދައާއިއެކު މިވާހަކަ މިއަދުނޫހާއި ޙިއްޞާ މިކުރީ ލޯބީގެ އަގުވަޒަންކުރާ އަދި އަނބިންދެކެ ލޯބިވާ ފިރިހެނުން މިހާރުވެސް އެބަތިބިކަން ބުނެލުމަށެވެ. އެފަދަ ފިރިން އެމީހުންގެ އަނބިންނާއިމެދު ކަންކަންކުރާ ގޮތްވެސް ބުނެލުމަށެވެ!
- ނުޒުހާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
28 މެއި 2025