އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 23 ސިކުންތު
މައްސަލަތައް ކުރިމަތިވަމުން މިދަނީ ދުނިޔެއަށް ފޮނުއްވެވުނު ބޭނުން އޮޅޭތީއެވެ. ގިނަ ބައަކަށް އެކަން މިވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އެކަން ހަނދާންވަނީ ބޮޑު ބައްޔެއްގައި އުޅެންޖެހުން ނުވަތަ ބޮޑު މުޞީބާތެއް ފަދަ ކަމެއް ޖެހުމުންނެވެ. އެންމެ ބޮޑަށް ހަނދާންވަނީ މަރުގެ މަލާއިކަތާ ލޮލަށް ފެނުމުންނެވެ. ނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނުއޮވެއެވެ.
ފަށަމުން މިބަސްކޮޅު ބުނެލި ބޭނުމަކީ ދިރިހުރިހާ ހިނދަކު ވީހާ ގިނައިން އަޅުކަންކުރަން ހަނދުމަކޮށްދިނުމެވެ. އެއީ ކޮންމެ ދުވަހަކު ކުރާ ކަމަކަށް ހެދުމެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ!
މިއަދު އަހަރެމެންގެ ޙާލަކީ އެންމެ މަދުން ފޯނުބަލާ މީހުންވެސް ކޮންމެ 30 މިނިޓަކުން އެމީހެއްގެ ފޯނަށް މެސެޖެއް އައިތޯ ޗެކެކޮށްލަމުއެވެ. އެއިން ކޮންމެ ފަހަރަކު އެތައް އިރެއްވަންދެން ފޯނު ބަލައެވެ. ކޮންމެ ދުވަހަކު އެކި ވަގުތުތަކުގައި ގިނަވެގެން އިމެއް ނެތް ނަމަވެސް މަދުވެގެން 2،3 ގަޑިއިރު ސޯޝަލް މީޑިއާގައި ވަގުތު ހޭދަނުކުރާ މީހަކު މަދުވާނެއެވެ.
ނަމަވެސް ކޮންމެ ދުވަހަކު ކުރަންޖެހޭ 5 ނަމާދާ ރަވާތިބް ސުންނަތްކުރަން ހޭދަކުރަންޖެހޭ ގަޑިއެއްހައިއިރު ހޭދަކުރުން މިއޮންނަނީ ވަރަށް ބޮޑު ކަމަކަށްވެފައެވެ. ޓީވީ ޕްރޮގްރާމްތައް ފަށާ ގަޑި ބަލައި އެވަގުތަށް އިންތިޒާރުކުރެވެއެވެ. ފުޓްބޯޅަ އާއި އެހެން ކުޅިވަރުތަށް ފަށާގަޑިއަށްވެސްމެއެވެ. އެހެންކަމާއިއެކުވެސް ނަމާދު ވަގުތު ޖެހޭ ވަގުތު ބަލުމަށް އޮންނަނީ އެއްވެސް ސަމާލުކަމެއް ނުދެވިފައެވެ.
މިބުނެދެނީ މިފަދަ ބިޒީ މީހުންނަށް ކުރެވިދާނެ ކަމެކެވެ. ހެނދުނާއި ހަވީރު ކޮންމެ ފަހަރަކު ދޮޅު މިނިޓް، ދެފަހަރުމަތިން 3 މިނިޓް ހޭދަކޮށްގެން ކުރެވިދާނެ ކަމެކެވެ. އެކަން ކުރުމުން ތިމާއަކީ އެންމެ ގިނަ ހެޔޮ ޢަމަލުތައް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދެވޭނެ މީހަކު ކަމުގައި ވެގެންދާނެ ކަމެއްގެ ވާހަކައެވެ.
އެއީ ކުރަންވެސް އެހައި ފަސޭހަ ކަމެކެވެ. ހެނދުނު 100 ފަހަރު އަދި ހަވީރު 100 ފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ ކިޔައިލުމެވެ. މިބުނީ އެންމެ ދޮޅު މިނިޓުން ކުރެވޭނެ ކަމެކެވެ. ދެފަހަރުމަތިން ހޭދަވާނީ 3 މިނިޓެއްހައިއިރުގެ ކުޑަކުޑަ ވަގުތު ކޮޅެކެވެ.
މީގެ އިތުރުން ވެސް އުފާވެރި ޚަބަރެއްވެއެވެ.
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ سُمَىٍّ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " مَنْ قَالَ سُبْحَانَ اللَّهِ وَبِحَمْدِهِ. فِي يَوْمٍ مِائَةَ مَرَّةٍ حُطَّتْ خَطَايَاهُ، وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ ".
Narrated Abu Huraira:
Allah's Messenger (ﷺ) said, "Whoever says, 'Subhan Allah wa bihamdihi,' one hundred times a day, will be forgiven all his sins even if they were as much as the foam of the sea.
Sahih Bukhari: 6405
މި ޙަދީޘްފުޅުގައި އެވަނީ ދުވާލަކު 100 ފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ ކިޔަވާ މީހާގެ ފާފަތައް ކަނޑުގެ ލޮނުގަނޑުހައި ގިނަ ނަމަވެސް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެ ކަމަށެވެ. އެވަރުގެ ބޮޑު މަތިވެރިކަން ލިބެން އޮތް ކަމެއް ނުކޮށް ފަރުވާކުޑަކުރަން ހެޔޮވެދާނެހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
28 މެއި 2025