އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު
އަހުރެމެންގެ ތެރެއިން ގިނަބައަކަށް ޢަމަލުކުރެވޭ ގޮތަށްބަލާއިރު ޢީދުވިލޭރެއިން ފެށިގެން ރަމަޟާންމަސް މަތިން ހަނދުމަ ނައްތައިލެވެއެވެ. ޝައްވާލް މަހުގެ ހަނދު ފެނުމާއިއެކު ބެލެނީ އަޅުަކަމުގެ މޫސުން ނިމުނީ ކަމަށެވެ. ދެން އޮތީ ދެން އަންނަ ރަމަޟާން މަހަށް އިންތިޒާރުކުރުން ކަމަށެވެ.
ނަމަވެސް އެއީ އެގޮތަށް އޮތް ކަމެއް ނޫނެވެ. ވަކިމީސުމެއް އައުމުން ގަސްއިންދައި ގޮވާން ލިބިގަތުމަކީ ދަނޑުވެރިކަމުގައި އޮންނަ ކަމެކެވެ. އަޅުކަންކުރުމުގައި އޮތްގޮތް ތަފާތެވެ. އަޅުކަންކުރުމުގައި އޮތީ އަޅުކަމުގެ މޫސުންތަކުގައި އަޅުކަންކުރުން ގިނަކުރުމާއި މޫސުން ނިމުމުންވެސް އަޅުކަންކުރުމުގައި ދެމިތިބުމެވެ.
ޢިލްމުވެރިން ވިދާޅުވެއެވެ.
"ރަމަޟާން މަސް ނިމުމުން ކުރިއަށް އޮންނަ 6 މަސް ދުވަސް ޞަޙާބީން ހޭދަކުރެއްވެވީ ރަމަޟާން މަހު ކުރި އަޅުކަމާއި ހިފި ރޯދަ ޤަބޫލުފުޅު ކުރެއްވެވުން އެދި ދުޢާކުރެއްވުމުގައެވެ. އެކަމަށް އެދި ދުޢާކުރާ މީހަކުކަމުގައިވާށެވެ! ރަމަޟާން މަހު ހިފުނު ރޯދަތަކުގައި އުނި ކަންކަން ހުރިނަމަވެސް ދުޢާގެ ސަބަބުން ޤަބޫލުފުޅު ކުރެއްވެވުމަށް އުންމީދުކުރާށެވެ!"
މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ވިސްނައިލުން މުހިންމު ބަސްފުޅެކެވެ. އަހުރެމެންނަށް ރޯދަ ހިފެނީ އެންމެ ފުރިހަމަ ގޮތުގައި ނޫންކަން ޤަބޫލުކުރަންޖެހޭނެއެވެ. ރޯދައަށް ހުރެ ނުކުރަން އަންގަވާފައިވާ އެތައް ކަންކަން ކުރެވެއެވެ. އަދި ކުރަން އަންގަވާފައިވާ އެތައް ކަމެއް ނުކުރެވެއެވެ. ކުރެވުނަސް ކުރެވެނީ ވަރަށް މަދުންނެވެ.
އެންމެ ކުޑަމިނުން ކީރިތި ޤުރްއާން ކިޔެވުނު މިންވަރާއިމެދު ވިސްނައިލަމާ ހިނގާށެވެ! ރަމަޟާން މަހަކީ 30 ދުވަސްކަމަށް ބަލައިފިނަމަ އެއީ 720 ގަޑިއިރެވެ. 29 ދުވަސް ކަމަށް ބަލައިފިނަމަ އެއީ 690 ގަޑިއިރެވެ. މެދުމިނަކަށް ކީރިތި ޤުރްއާން ކިޔެވޭ މީހާއަށްވެސް 30 ގަޑިއިރުން ޚަޠިމެއް ކުރެވޭނެއިރު ނިމިގެންދިއަ ރަމަޟާން މަހު ތިބާއަށް ޙާޞިލުކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
ޞަދަޤާތް ކުރުމަށް ސަމާލުކަން ދެވުނީ ކިހައިވަރަކަށް ހެއްޔެވެ؟ މިހެންގޮސް ރޯދައަށް ތިބެ ކުރަންޖެހޭ ކަންކަމުން އެމީހަކަށް ކުރެވުނު މިންވަރު ހިތަށް ގެންނާށެވެ! އެއިރުން މިދެއްކި ވާހަކައިގެ މަޤްޞަދު އެނގިގެންދާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
29 މެއި 2025