އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 22 ސިކުންތު
ތަނަވަސް ފިރިއެކެވެ. އަނބިމީހާ ގެންގުޅެނީވެސް ވަރަށް ޢިއްޒަތުގައެވެ. ގޭގައި ނޯކަރުންގެ ގޮތުގައި އަަބދުވެސް 2،3 އަންހެން ކުދިން ގެންގުޅެއެވެ. ރަނގަޅު މުސާރަވެސް ދީގެންނެވެ. ނަމަވެސް ބޮޑު މައްސަލައެއް އޮވެއެވެ. އެއީ އެއްވެސް ކުއްޖަކަށް 2،3 މަސް ދުވަހަށް ވުރެ ގިނަ ދުވަހު ގޭގައި ނުއުޅެވޭކަމެވެ. އަބަދުހެން ނޯކަރުން ބަދަލުކުރަންޖެހޭ ކަމެވެ.
ދުވަސްކޮޅެއްވުމުން ފިރިމީހާގެ ހިތުގައި ޝައްކުތަކެއް އުފެދެން ފެށިއެވެ. މިގެނެވޭ ހުރިހާ ކުދިންވެސް ހަމަ ޣޯހީބާވައެވެ! ނޫނީ އަނބިމީހާގެ މައްސަލައެއް އޮންނަނީބާވައެވެ! އެންމެ ބޮޑަށް ކަންބޮޑުވަނީ ނޯކަރުން ވަކިކޮށް ފޮނުވާލަނީ ފިރިމީހާ ގޭގައި ނުއުޅޭ ވަޤުތުގައިކަމަށްވާތީއެވެ.
ފިރިމީހާ ވިސްނިއެވެ. އަހުރެންގެ ކުރިމަތީގައި އެކުދިންނާއި މުޢާމަލާތުކުރަނީ ވަރަށް ރިވެތިކޮށެވެ. ދެފުށްދެގޮތްވަނީބާވައެވެ! އެހެންކަމަށްވާނަމަ މިއީ ރަނގަޅު އަންހެނަކަށްނުވާނެއެވެ. މިކަމުގެ ޙަޤީޤަތް ޖެހޭނީ ހޯދާށެވެ!
އޭނާގެ ވަޒީފާގައި މޫސަ ކިޔާ މީހަކު އުޅެއެވެ. އެއީ ޢުމުރުން ވަރަށް ދުވަސްވީ މީހެކެވެ. މިބާވަތުގެ ކަންކަމުގައި މޫސއާއި އަބަދުވެސް މަޝްވަރާ ކުރެއެވެ. އެގޮތުން މަޝްވަރާކުރުމުން މޫސަ ބުންޏެވެ. "އަޅުގަނޑު ނޯކަރަކު ދީފާނަމެވެ. ގޭގައި ގެންގުޅެލަބަލާށެވެ! ނަމަނަމަ އަނބިމީހާއަށް އެއްވެސް ކަމެއް ނުއަންގާށެވެ! ހަމައާދައިގެ ނޯކަރެއްގެ ގޮތަށް ގެންގުޅޭށެވެ! އޭނާ ލައްވައި ކުރުވަންޖެހޭ ކަންކަން ކުރުވުން އަޅުގަނޑަށް ދޫކޮށްލައްވާށެވެ!"
މަސްދުވަސް ފާއިތުވިތަނާ މޫސަ ފޮނުވައިދިނީ ވީޑިއޯތަކަކާއި އޯޑިއޯތަކެކެވެ. ފިރިމީހާ ގެއިން ބޭރަށް ދިއުމުން އަނބިމީހާ ނޯކަރުން ގެންގުޅެނީ އަޅުންގެ ގޮތުގައެވެ. ހިތަށްއެރިހާ އެއްޗެއް ގޮވައެވެ. ގައިމޮޑެންވެސް ޖައްސުވައެވެ. ތަންކޮޅެއް މަޑުން ފިއްތައިލެވުނަސް، ބާރަށް ފިއްތައިލެވުނަސް ހަޑިހުތުރުބަހުން އެއްޗެތި ގޮވައެވެ.
ފިރިމީހާ ޙައިރާންވިއެވެ. އެންމެ ބޮޑު ސަބަބަކަށްވީ އަނބިމީހާ ފިރިމީހާގެ ކުރިމަތީގައި ކަންތައްތައް ކުޜާ ގޮތާއި އޭނާގެ ޙަޤީޤަތާއި އެހައި ބޮޑަށް ތަފާތުވުމުންނެވެ. އަދި ނޯކަރުންކަމުގައިވީނަމަވެސް ވާހަކަދައްކައިގެން ނުވާނެހައި ދަށުދަރަޖައިން މުޢާމަލާތުކުރާތީއެވެ. ވިސްނައި ލެވުނެވެ. ވަގުންގެ ކިބައިން ސަލާމަތްވާން ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްވުރެ މުހިންމީ ގޭތެރޭގައި ސިއްރުކެރާ ހަރުކުރުންތާއެވެ!"
"މިބާވަތުގެ އަންހެނުން އެމީހުންގެ އަމިއްލަ އެދުމަށްޓަކައި ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. މަސަސް ދޭނީ ކިހައިވަރެއްގެ ދެރައެއް ކޮންވަޤުތަކު ކަމެއް ނުއެނގޭނެއެވެ. އެންމެ ރަނގަޅު ގޮތަކަށްވާނީ މީނާގެ ކިބައިން ސަލާމަތްވުމެވެ." އެގޮތަށް ނިންމައި އަނބިމީހާއަށް ގުޅާފައި އޭނާގެ އެހެންގެއަކަށް ބަދަލުވާން އަނބިމީހާގެ ތަކެތި ފޮށްޓަކަށް އަޅައި 4 ޖަހާއިރަށް ތައްޔާރުވެގެން ހުންނަން ބުންޏެވެ.
4 ޖެހިއިރު ފިރިމީހާ ގެއަށްގޮސް ޑްރައިވަރާއިއެކު ގެއަށް ވަދެފައި ބުންޏެވެ. މިހިރަ 4 ފޮށްޓާ މީނާ ގެންގޮސް އޭނާ ބުނާތަނަކަށް ބާލައިދީފައި އަންނާށެވެ. ނަމަނަމަ މިގެއަށް އަނބުރައި ނުގެންނާށެވެ!" އަނބިމީހާއަށް ލިބުނީ ބޮޑު ސިހުމެކެވެ. ދެރަވެ ރޯންފެށިއެވެ. ސުވާލުކުރަން ފެށިއެވެ. "އަހުރެންގެ ކުށަކީ ކޮބައިހެއްޔެވެ؟"
ފިރިމީހާ ބުންޏެވެ. "ކަލޭ މިގެއަށް ގެނެވުނު ފަހުން މިހާރުވެސް މިގެއިން 12 ވަރަކަށް ނޯކަރުން ކަލޭ ފޮނުވާލައިފީމުއެވެ. އެމީހުން ފޮނުވައިލެވުނު އެމީހުންގެ ގާތުގައި އަހާފައި ދެން ތިއަ ސުވާލުކުރުމުން ޖަވާބުދޭނަމެވެ."
ފިރިމީހާ އެހެން ބުނާއިރަށް އަނބިމީހާގެ ޙަޤީޤީ ކުލަދައްކައިލިއެވެ. "އާނ! އެންމެފަހުން ނޯކަރެކޭ ކިޔާފަ ތިއަ ގެނައި ކުއްޖާ ގެނައި ދުވަހުވެސް އެނގުނޭ އެއީ ނޯކަރަކަށް ގެނައި ކުއްޖެއް ނޫންކަން. ދެމީޙުން އުޅެނީ ހިތާވެގެންކަން. މިހާރު އިނީވެސް ބަލިވެ ނޫންކަމެއްވެސް ނޭނގެ! ހުރޭ ނިކަން! މަގެއް މަތިން ފެނުނަސް ދޮންކެޔޮވަކެއް ނޮޅާހެން ނޮޅައިލާނަން!'
ފިރިމީހާ ބުންޏެވެ! "މިގެއިން ދާންޖެހޭ ސަބަބު އަމިއްލައަށް ތިއަ ދެއްކުނީއެވެ. އަވަހަށް މިގެއިންދާށެވެ! މަގުމަތިން ފެނުނީމާ ކުރާ ކަމެއް ކުރާށެވެ!" އެހެން ބުނާއިރަށް "ހީވަނީ އެހެންހޭ! މިގެއިން ނުކުންނާނީވެސް ހޭއަރުވާލާފަޢޭ ކިޔާފައި ދުއްވައިގަތްތަނުން ފިރިމީހާ ކުރިމައްޗަށް އަރައި ހުއްޓުވަން އުޅުނީމާވެސް ދެމިގަނެގެން ގޮސް އެކުއްޖާގެ އިސްތަށިގަނޑުގަ ހިފައި ދަމައިގަނެ ބިންމައްޗަށް ވައްޓައިލިއެވެ."
ފިރިމީހާ ބުންޏެވެ. "ކަލޭ ފުލުހުންނާއި ޙަވާލުކުރަން މިހާރު ތިއަކުރި ކަންތައް ފުދެއެވެ. ޑްރައިވަރު ތިއަ މަންޒަރު ވީޑިއޯކޮށްފިއެވެ."
އަނބިމީހާއަށް ހޭވެރިކަންވީ އެހިސާބުންނެވެ. ދެރަވެ ރޮއި އާދޭސްކުރަންފެށިއެވެ. މާފަށް އެދުނެވެ. ދެން ދުވަހަކުވެސް އެބާވަތުގެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އެތައް ވަޢުދެއްވިއެވެ. ނަމަވެސް ފިރިމީހާ ބުނީ އޭނާއަށް ނުބައިކޮށް ކަމެއް ކުރިނަމަ މާފުކުރާނެ ކަމަށެވެ. ނިކަމެތި އެތައް ކުދިންނަށް އަނިޔާވެރިވި މީހަކަށް މާފުނުކުރެވޭނެ ކަމަށެވެ." އެހެންކަމުން ޖެހުނީ ރޮމުން ގެއިން ނުކުމެގެންދާށެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައިމިލީ އަޅުގަނޑުގެ އެކުވެރިއަކަށް ކަންކަން މެދުވެރިވި ގޮތެވެ. އަޚްލާޤް ރަނގަޅު ހެޔޮލަފާ ތަނަވަސް ފިރިއަކު ލިބިމުން ގެއްލިގެންދިއަ ގޮތުގެ ވާހަކައެވެ.
ބުނެލަން ބޭނުންވަނީ ގޭގައި ގެންގުޅޭ ނޯކަރުންކަމަށްވީނަމަވެސް އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! އެމީހުންނަކީވެސް ހަމަ އެހެންމީހުން ފަދަ އިންސާނުންނެވެ. އެމީހުންނަށް އަނިޔާވެރިވެ ހިތުގައި ޖެއްސީމާ އެމީހުން ކުރާ ދުޢާ މާތް ﷲ ޢިޖާބަކުރައްވަވާނެކަން ދަންނަންވާނެއެވެ.
- ޝަކީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
2 ޖޫން 2025