އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރާނަ ހިއްޕަވާވަޤުތު މެދުވެރިވާނެ ބައެއް ކަންކަން-

ފުރާނަ ހިއްޕަވާވަޤުތު މެދުވެރިވާނެ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

އަޅުގަނޑުގެ ބައްޕަ ނިޔާވި ވަޤުތު އަޅުގަނޑަށް ހުރެވުނީ ބައްޕަގެ ފައިތިލައިގައި ހިހައްޓައިގެންނެވެ. އެއީ ނިޔާވާކަން އެނގިނެއް ނޫނެވެ. ބައްޕަ އޮތް ޙާލުން ޙަމްދަރުދީވެވުނުލެއް ބޮޑުކަމުންނެވެ.  

އެހެން ހުއްޓައި ފައިތިލަ ފިނިވެގެންދިއައެވެ. އޭސީ މަތިވީމަކަމަށް ހީކޮށް އޭސީ ނިއްވައިލީމެވެ. ފައިގައި ރަޖާވެސް އެޅީމެވެ. ނަމަވެސް ދާދިކުޑަހިނދުކޮޅެއްގެ ތެރޭގައި ދޮޅިފުރާ ނޭވާލައި ބައްޕަ ނިޔާވީއެވެ.  

މިހުރީވެސް މީހުންނަށް ކުރެވިފައި ހުންނަ ތަޖުރިބާތަކެވެ.  

މީހުން މަރުވާއިރު ކައިރީގައި ތިބޭ މީހުން ރަނގަޅަށް ވިސްނައިގެން ތިބެއްޖެނަމަ އެނގޭނެއެވެ. ފުރަތަމަ ފިނިިވާނީ ފައިތިލައިގެ އިނގިލިތަކެވެ. ދެން ފައިތިލައެވެ. އެފިނިކަން އަންނާނީ މަޑުމަޑުން މަތިވަމުންނެވެ. އެހެން އެވަނީ މަރު ނުވަތަ ފުރާނަ ހިއްޕަވާ މަލާއިކަތުން އޭނާގެ ހަށިގަނޑުން ފުރާނަ ނެރުއްވަވާނީ ފައިން ކަމަށްވާތީކަމަށް ބައެއް ޢިލްމްވެރިން ވިދާޅުވެއެވެ.  

ގިނަ ފަހަރަށް ކައިރީގައި ތިބޭ މީހުންނަށް ކަމެއް އެބަވާކަން އެނގޭނީ މެއާއި ހަމައަށް އައުމުންނެވެ. އެންމެ ބޮޑަށް ކަންބޮޑުވެ ތެޅިފިޅެވޭނީ ކަރާއި ހަމައަށް އެރުމުންނެވެ. ކައިރީގައި ތިބޭ މީހުންނަށް އެހިސާބުން އެނގުނު ނަމަވެސް ފުރާނަ ހިއްޕަވަން ނުވަތަ ހަށިގަނޑުން ނެރުއްވަވަން މަލާއިކަތުން ފެށްޓެވީންސުރެ އެމީހާއަށް އެކަން އެނގޭނެއެވެ. ނަމަވެސް އެވާހަކަ ނުދެއްކެނީއެވެ.  

ކައިރީގައި ތިބޭ އަނބިދަރިން، ގާތްތިމާގެ މީހުން ކަންބޮޑުވެގެން ތެޅިފޮޅޭތަން އޭނާއަށް ފެންނާނެތެވެ. ޑޮކްޓަރުންނާއި ބޭސްވެރިންނާއި ރުޤްޔާ ކުރާމީހުންގެ އެހީތެރިކަމަށް އެދި އާދޭސްކުރާތަންވެސް އޭނާއަށް ފެންނާނެއެވެ. ނަމަވެސް އެޙާލަތަށް ކަންކަން ދިއުމުން އެއިން އެއްވެސް ކަމަކުން އޭނާއަށް ކުރާނެ އެއްވެސް ފައިދާނެތެވެ.  

މީސްތަކުންނޭވެ! އެއްވެސް މީހެއްގެ ފުރާނަ ހިއްޕަވާވަޤުތު އެއްފައި މައްޗަށް އަނެއްފައި ހުރަސްކުރަން މަސައްކަތެއް ނުކުރާނެއެވެ. އޮތްގޮތަށް އޮންނާނީއެވެ. އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެއްފައިމައްޗަށް އަނެއްފައި ހުރަސްކުރީމާ ކުރިއަކަށް ނުދެވޭނެ ނޫންހެއްޔެވެ؟ ވީމާ އިޚްތިޔާރުން ބޭރުގައި ނަމަވެސް އޭނާއަށް އެފުރުޞަތު ދެވެނީ ނިމުމެއް ނުވާ ޙަޔާތަށް ދިއުމަށެވެ.  

އެޙަޔާތަށް މީހާ ގެންދެވުމުގެ ވަޤުތު ޖެހުމުން ކިތަންމެ ނުރުހުނަސް ޖެހޭނީ ހަމަ ކިޔަމަންތެރިކަމާއިއެކު ދާށެވެ. ހިނދުކޮޅަކަށްވެސް މަޑެއް ނުކުރެވޭނެއެވެ. މަރަށް ތައްޔާރުވުމުގެ ވާހަކަތައް މިހައި ގިނައިން މިދައްކަނީ އެ ސަބަބުތަކަށްޓަކައެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް