އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގެލިބޭނެކަމުގެ އުފާވެރި ޚަބަރު ލިބިލެއްވި 10 ބޭކަލުންނާ އެބޭކަލުންގެ ކުރު ތަޢާރަފެއް!

ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގެލިބޭނެކަމުގެ އުފާވެރި ޚަބަރު ލިބިލެއްވި 10 ބޭކަލުންނާ އެބޭކަލުންގެ ކުރު ތަޢާރަފެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 52 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ އެއްފަހަރަކު އެކަލޭގެފާނުގެ އަސްހާބު ބޭކަލުންނަށް ހަދީޘް ކުރެއްވިއެވެ. އަބޫބަކުރުގެފާނާއި, ޢުމަރުގެފާނާއި, ޢުޘްމާނުގެފާނާއި, ޢަލީގެފާނާއި, ތަލްހަތުގެފާނާއި ޒުބައިރުގެފާނާއި, ޢަބްދުއްރަހްމާން ބިން އައުފުގެފާނާއި, ސަޢުދުގެފާނާއި, ސަޢީދު ބިން ޒައިދުގެފާނާއި, ޢަބޫޢުބައިދަތުގެފާނު ވާނީ ސުވަރުގެވަންތަވެރިންގެ ތެރޭގައެވެ. މާތް ރަސޫލާ އެހެން ވިދާޅުވިފަހުން އެދިހަ ބޭކަލުން މަޝްހޫރުވެވަޑައިގެންފައިވަނީ عشرة المبشرون ނުވަތަ ސުވަރުގެވަންތަވެރި ދިހަ ބޭކަލުންގެ ނަންފުޅުންނެވެ.  އެ އެންމެހައި ބޭކަލުންކަކީ އިސްލާމްވެވަޑައިގެންނެވުމުގައި އިސްނެންގެވި ބޭކަލުންނެވެ. އިސްލާމްދީނަށް ވަފާތެރި އިސްލާމްދީނަށްޓަކައި އެތަކެއް ޤުރްބާނީއެއް ވެވަޑައިގެންނެވި ބޭކަލުންނެވެ. މި މިބަލައިލަނީ އެބޭކަލުންގެ ޙަޔާތްޕުޅުގެ ކުރު ތައާރަފަކަށެވެ. 

އަބޫބަކުރުއް ޞިއްދީޤު ރަޟިޔަالله ޢަންހު: އަބޫބަކުރުގެފާނަކީ މާތް ރަސޫލާގެ އެންމެ ގާތް އެކުވެރިޔާއެވެ. ބޮޑެތި ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމެވެވަޑައިގެންނެވީ އަބޫބަކުރުގެފާނެވެ. މާތް ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު މުސްލިމުންގެ ފުރަތަމަ ޚަލީފާއަކަށް ވެވަޑައިގަތީ އެކަލޭގެފާނެވެ. އަބޫބަކުރުގެފާނު ފާހަގަކުރެވިފައިވަނީ ހިތްޕުޅުމަޑު ދީލަތިފުޅު ބޭކަލެއްގެ ގޮތުގައެވެ. ހިޖްރައިން 13 ވަނަ އަހަރު އެކަލޭގެފާނު އަވަހާރަވުމުން ފަސްދާނުވެޑުވުނީ މާތް ރަސޫލާގެ އަރިހުގައި ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ.

ޢުމަރު ބުނުލް ޚައްތާބު ރަޟިޔަالله ޢަންހު:: ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމުން އިސްލާމްދީނަށް ގަދަކަން ލިބިގެންދިޔައެވެ. އަބޫބަކުރުގެފާނަށްފަހު މުސްލިމުގެ ޚަލީފާއަކަށް ވެވަޑައިގަތީ ޢުމަރުގެފާނެވެ. ޢުމަރުގެފާނަކީ ވަރަށް ހިތްވަރުފުޅުގަދަ ވަރަށް އަދުލުވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ޚިލާފަތަކީ އިސްލާމްދީނުގެ ރަންޒަމާނެވެ. ހިޖްރައިން 23 ވަނަ އަހަރު ފަތިސްނަމާދަށް ހުންނަވަނިކޮށް އެކަލޭގެފާނު ޝަހީދުކޮށްލުމުން ފަސްދާނުވެޑުވުނީ މާތް ރަސޫލާ އާއި އަބޫބަކުރުގެފާނުގެ އަރިހުގައި ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. 

ޢުޘްމާނު ބިން ޢައްފާން ރަޟިޔަالله ޢަންހު:; ޢުޘްމާނުގެފާނަކީ މުސްލިމުގެ ތިންވަނަ ޚަލީފާއެވެ. މާތް ރަސޫލާގެ ދެ ދަރިކަނބަލަކާ އެކަލޭގެފާނު ކާވެނި ބެއްލެވުމުގެ ސަބަބުން ޒުންނޫރައިން އޭ ކިޔައެވެ. އެކަލޭގެފާނަކީ ވިޔަފާރިވެރިއެކެވެ. ވަރަށް ދީލަތިފުޅު މީސްތަކުންނަށް ވަރަށް އޯގާތެރި ބޭކަލެކެވެ. އެކަލޭގެފާނު މުސްލިމުގެ ޚަލީފާއަކަށް ހުންނަވަނިކޮށް މަދީނާއަށް ބަޣީން އަރާ އެކަލޭގެފާނު ޝަހީދުކޮށްލީ ހިޖްރައިން 35 ވަނަ އަހަރުގައެވެ. 

ޢަލީ ބިން އަބީތާލިބު ރަޟިޔަالله ޢަންހު:: ޢަލީގެފާނަކީ ވަރަށް ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި މާތް ރަސޫލާގެ ދެބެއިންގެ ދެދަރި ބޭކަލެކެވެ. އެކަލޭގެފާނު ކާވެނި ބައްލަވަގެންނެވީ މާތް ރަސޫލާގެ ދަރިކަނބަލުން ފާތިމަތުގެފާނާއެވެ. ޢުޘްމާނުގެފާނަށްފަހު އިސްލާމީ އުއްމަތުގެ ޚަލީފާކަން ލިބިވަޑައިގެންނެވީ ޢަލީގެފާނަށެވެ. ޢަލީގެފާނަކީ ވަރަށް ހިތްވަރުފުޅުގަދަ އިލްމުވެރި ތަޤުވާވެރި ބޭކަލެކެވެ. ހިޖްރައިން 40 ވަނަ އަހަރު އެކަލޭގެފާނު ފަތިސްނަމާދަށް ހުންނަވަނިކޮށް އެކަލޭގެފާނު ޝަހީދުކޮށްލެވުނީއެވެ. 

ތަލްޙަތު ބިން ޢުބައިދުالله ރަޟިޔަالله ޢަންހު:: ތަލްޙަތުގެފާނަކީ ވަރަށް ކުރީކޮޅުގައި އިސްލާމްވެވަޑައިގެން އިސްލާމްދީނަށްޓަކައި ޖާނާއި މާލުން ޤުރްބާންވެވަޑައިގެން ބޭކަލެކެވެ. އުހުދު ހަނގުރާމައިގެ ދުވަހު މާތް ރަސޫލާ ދިފާއުކުރައްވަން އުޅުއްވަން ހައްދަވައިގެން އެކަލޭގެފާނުގެ ގައިކޮޅުގެ 70 އެތައްތަނެއް ޒަހަމްވިއެވެ. އެއަށްފަހު އެކަލޭގެފާނު މަޝްހޫރުވީ ދިރިހުރި ޝަހީދު ގެ ގޮތުގައެވެ. ޢުޘްމާނުގެފާނު ޝަހީދުކޮށްލުމާއެކު އުފެދުނު ފިތުނައިގެ ތެރެގައި ކުރެވުނު ޖަމަލު ހަނގުރާމައިގައި އެކަލޭގެފާނު ޝަހީދުވީ ހިޖްރައިން 36 ވަނަ އަހަރުގައެވެ. 

ޒުބައިރު ބުނުލް ޢައްވާމ ރަޟިޔަالله ޢަންހު: ް: ޒުބައިރުގެފާނަކީ މާތް ރަސޫލާގެ ބޮޑުދައިތާފުޅުގެ ދަރިކަލެކެވެ. ފުރަތަމަކޮޅުގައި އިސްލާމްވެވަޑައިގެންނެވި ހިތްވަރުފުޅުގަދަ މުޖާހިދެކެވެ. އެކަލޭގެފާނު މަޝްހޫރުވެފައިވަނީ މާތް ރަސޫލާގެ ހަވާރީގެ ގޮތުގައެވެ. ހިޖްރައިން 60 ހުގެ އަހަރުގެ ތަކުގެ ތެރޭގައި ހިޖާޒުގައި އަމިއްލަފުޅު ޚިލާފަތެއް ގާއިމުކުރެއްވި ޢަބްދު ބިން ޒުބައިރުގެ ބައްޕާފުޅަކީ މިއީއެވެ. ޒުބައިރުގެފާނުވެސް ޝަހީދުވީ ހިޖްރައިން 36 ވަނަ އަހަރު ޖަމަލު ހަނގުރާމައިގެ ތެރޭގައެވެ. 

ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަالله ޢަންހު:: އެކަލޭގެފާނަކީ ދީލަތިފުޅުކަމުގެ ނަމޫނާއެކެވެ. މީސްތަކުންނަށް މުދަލުން ހޭދަކުރެއްވުމަކީ އެކަލޭގެފާނުގެ ހާއްސަ އުފާފުޅެކެވެ. އިސްލާމީ ފުތޫހާތުގައިވެސް އެކަލޭގެފާނު އިސްރޯލެއް އަދާކުރެއްވިއެވެ. ޢުމަރުގެފާނު ޝަހީދުވުމުން ދެން ޚަލީފާއަކަށް އައްޔަން ކުރާނެ ބޭކަލަކާ މެދު މަޝްވަރާ ކުރަން އެކުލަވާލި ޝޫރާ ކޮމެޓީގައި އެކަލޭގެފާނު ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 32 ވަނަ އަހަރުގައެވެ. 

ސަޢީދު ބިން ޒައިދު ރަޟިޔަالله ޢަންހު:: އެކަލޭގެފާނަކީ ވަރަށް ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަލެކެވެ. މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ކުރެވުނު މުހިންމު ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީ ހިތްވަރުފުޅުގަދަ ބޭކަލެކެވެ. ޚަލީފާއިންގެ ދައުރުގައި ކުރެވުނު ޔަރުމޫކު ހަނގުރާމަ އާއި ދިމިޝްޤު ފަތަހަ ކުރަން ކުރެއްވު ހަނގުރާމައިގައި މުހިންމު ރޯލެއް އަދާ ކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 51 ވަނަ އަހަރުގައެވެ. 

އަބޫޢުބައިދާ ބުނުލް ޖައްރާހު ރަޟިޔަالله ޢަންހު:: އެކަލޭގެފާނަކީ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަލެކެވެ. މަޝްހޫރުވެވަޑައިގެންފައިވަނީ މި އުއްމަތުގެ އަމީންގެ ގޮތުގައެވެ. އެކަލޭގެފާނަކީ އިސްލާމްދީނުގެ މަތިވެރި ކޮމާންޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އިސްލާމީ ފުތޫހާތުގައި އެކަލޭގެފާނު އަދާކުރައްވާފައިވަނީ ތާރީފު ހައްގު ރޯލެކެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 18 ވަނަ އަހަރު ފެތުރުނު ތޯއޫނު ވަބާގައެވެ. 

ސަޢުދު ބިން އަބީވައްގާސް ރަޟިޔަالله ޢަންހު:: އިސްލާމްދީނުގެ ދިފާއުގައި އެންމެ ފުރަތަމަ ދުންޏެއް ޖެއްސެވި ބޭކަލަކީ އެއީއެވެ. މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ކުރެވުނު ކޮންމެ ހަނގުރާމައެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. އިސްލާމީ ފުތޫހާތުގައި ވެސް އެކަލޭގެފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެކަލޭގެފާނަކީ މުސްލިމުންގެ ތެރޭގައި އުފެދުނު ފިތުނަތަކުން ރައްކާތެރިވެވަޑައިގެންނެވި ބޭކަލެކެވެ. އަވަހާރަވީ މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ފަހުކޮޅުގައެވެ. ސުވަރުގެވަންވެރި ދިހަ ބޭކަލުންގެ ތެރެއިން އެންމެފަހުން އަވަހާރަވީ އެކަލޭގެފާނެވެ. 

މިދެންނެވި ދިހަބޭކަލުންނަކީ އިސްލާމްދީނަށްޓަކައި އެތައް ބުރައެއް އުފުލެއްވި ދިހަބޭކަލުންނެވެ. އިސްލާމްދީން ކުރިއަރާ ދިޔުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭކަލުންނެވެ. އަރަހުށި މާތްالله އެބޭކަލުންނަށް ރުއްސުންލައްވާށި.

Advertisement

ކޮމެންޓް ކުރެއްވުމަށް