އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު
އޭނާއަކީ ޢާންމުކޮށް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވާ މީހެކެވެ. ކުރިއާލައި މިސްކިތަށް ގޮސް ކުރީ ސަފުން ޖާގަވެސް ހޯދައެވެ. އެއްދުވަހަކު އޭނާ ސުންނަތްކުރިއިރު ފާހަގަކުރެވުނީ ޙަރމްބަނދެގެންހުރެ މަތިބަލާކަމެވެ. ވަށައިގެން މޫނު އަނބުރާކަމެވެ.
ސުންނަތްކޮށް ނިމުމުން އެކަންކަން އޭނާކުރާ ސަބަބާއިމެދު ސުވާލުކޮށްލުމުން ވަރަށް ދެރަވާންޖެހުނު ޖަވާބެކެވެ. "އަހުރެންނަކީ ޢާދައާ ޚިލާފް ބައްޔެއް ހުންނަ މީހަކީމެވެ. އެބަލި ރަނގަޅުކުރެވޭނެ ގޮތެއް ނުވެގެން އެންމެފަހުން މިވަނީ އެތެރުހަށްޓަށް އެއްޗެއްވެސް ލައްވައިފައެވެ. އެކަމަކުންވެސް މކުރާ ފައިދާއެއް ނެތެވެ. ބޯއަތްއަތަށް އަނބުރަނީ ޤަޞްދަކު ނޫނެވެ. ބޮލުގައި ރިއްސާވަރު ގަދަކަމުން އެކަން މެދުވެރިވަނީއެވެ."
އޭނާއަށްޓަކައި ހެޔޮދުޢާކުރީމެވެ. މިކަމުން ދެ ފިލާވަޅެއް ލިބުނެވެ.
ފުރަތަމަ ފިލާވަޅަކީ މީހުންނަށް ކުރެވޭ މިބާވަތުގެ ކަންކަމުގެ ޙަޤީޤަތް ނުއެނގިތިބެ އެމީހުންނާއިމެދު ކުށްހީތައް ކުރެވުމުގައި ހުރި ނުބައިކަމުގެ ބޮޑުކަމެވެ. މިފަދަ ކަމެއް ފެނިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް އެމީހަކާއި ސުވާލުކޮށްލައި ކަންކަން އޮޅުންފިލުވައިލުމުގެ މުހިންމުކަން ބޮޑުކަމެވެ.
ދެވަނަ ކަމަކީ އެފަދަ ޙާލުގައިވެސް ނަމާދުކުރަން މަސައްކަތްކުރާ މީހުންނަށް ހިތްވަރު ދެއްވެވުން އެދިގެން ދުޢާކުރަންޖެހޭނެ ކަމެވެ. ތަޢްރީފްކޮށް ހިތްވަރުދިނުމުގެ ބަހެއް ނޫނީ ބުނެގެން ނުވާނެ ކަމެވެ.
މިއީ ކޮންމެ މީހަކުވެސް މުހިންމު ކަންކަން ކަމުގައި ފާހަގަކުރެވެއެވެ.
Advertisement
6 ޖޫން 2025