އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 35 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
މިއަދު މިބައިލަނީ ޞަޙާބީންގެ ތެރެއިން އެބޭކަލުންގެ ޙަޔާތްޕުޅު މުޅިން ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅުތަކާއި ދީނުގެ ޢިލްމު ފަތުރުއްވަން ހޭދަކުރެއްވި ބޭކަލުންނަށެވެ. ޞަޙާބީން ތެރެއިން އެއްހާހަށްވުރެ ގިނަ ޙަދީޘް ރިވާކުރައްވައިފައިވަނީ 7 ބޭފުޅުންނެވެ. އޭގެ ތެރެއިން ޢާއިޝަތުގެފާނު ފިޔަވާ ދެން ހިމެނެނީ ހުސް ފިރިހެން ބޭފުޅުންނެވެ.
އަބޫހުރައިރާ ރަޟިޔަالله ޢަންހު: އަބޫހުރައިރަތުގެފާނަކީ އެންމެ ގިނަ ޙަދީޘް ރިވާކުރެއްވި ސަޙާބީއެވެ. ޔަމަނުގެ ކަރައިގެ ދައުސްވަންހައިން މަދީނާއަށް ވަޑައިގެން އިސްލާމްވެވަޑައިގަތުމަށްފަހު އެކަލޭގެފާނު ގިނަ ވަގުތު ހޭދަކުރެއްވީ މާތް ރަސޫލާގެ މިސްކިތްކޮޅުގައެވެ. މާތް ރަސޫލާވަނީ އަބޫހުރައިރަތުގެފާނުގެ ހަނދާފުޅު ގަދަކޮށްދެއްވުން އެދިވަޑައިގެން ދުޢާފުޅު ކުރައްވާފައެވެ. އެކަލޭގެފާނުގެ އަރިހުން 5374 ޙަދީޘް ރިވާވަފައިވެއެވެ. އަބޫހުރައިރަތުގެފާނު އަވަހާރަވީ ހިޖްރައިން 59 ވަނަ އަހަރުގައެވެ.
ޢަބްދުالله ބިން ޢުމަރު ރަޟިޔަالله ޢަންހު:: އިބްނު ޢުމަރަކީ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ދަރިކަލެކެވެ. ކީރިތި ރަސޫލާގެ އަނބިކަނބަލުން ޙަފްސަތުގެފާނުގެ ކޮއްކޯފުޅެވެ. އެކަލޭގެފާނަކީ ރަސޫލާގެ ސުންނަތަށް ވަރަށް ފަރުވާތެރިކަމާއެކު ތަބާވެވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނުގެ އަރިހުން 2630 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. ހިޖްރައިން 73 ވަނަ އަހަރު އެކަލޭގެފާނު އަވަހާރަވީއިރު އުމުރުފުލަކީ 83 އަހަރުފުޅެވެ.
އަނަސް ބިން މާލިކު ރަޟިޔަالله ޢަންހު:: އަނަސުގެފާނުވަނީ ކީރިތި ރަސޫލާގެ ޙާދިމެއްގެ ގޮތުގައި 10 އަހަރު ޚިދުމަތްކޮށްދެއްވާފައެވެ. މާތް ރަސޫލާ އާ ގާތްކޮށް އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން އަނަސްގެފާނަށް ވަނީ މާތް ރަސޫލާ ޒާތީ ދިރިއުޅުއްވުމުގެ މައުލޫމާތުވެސް ލިބިވަޑައިގަތްފައެވެ. އަނަސުގެފާނުގެ އަރިހުން 2286 ޙަދީޠް ރިވާވެގެން އައިސްފައިވެއެވެ. ހިޖްރައިން 93 ވަނަ އަހަރު އެކަލޭގެފާނު އަވަހާރަވީއިރު އުމުރުފުޅު ސަތޭކަ އަހަރަށްވުރެ މަތިވެއްޖެއެވެ. ސަޙާބީންގެ ތެރެއިން ބަސަރާގަގައި އެންމެ ފަހުން އަވަހާރަވީ އެކަލޭގެފާނެވެ.
ޢާއިޝާ ބިންތި އަބީބަކްރު ރަޟިޔަالله ޢަންހާ:: އެކަމަނާއަކީ މާތް ރަސޫލާގެ ދުނިޔެ އާއި އާޚިރަތުގެވެސް އަނބިއަނބަލުންނެވެ. އެކަމަނާވަނީ މާތް ރަސޫލާގެ 2210 ޙަދީޠް ރިވާކުރައްވާފައެވެ. އަންހެނުންގެ ތެރެއިން އިސްމީފިޤުހަށާއި ދީނުގެ މައްސަލަތައް ހައްލު ކުރައްވަން އެންމެ މޮޅު ބޭފުޅަކީ ޢާއިޝަތުގެފާނެވެ. އެކަމަނާ އަވަހާރަވީ ހިޖްރައިން 58 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައެވެ.
ޢަބްދު ބިން ޢައްބާސް ރަޟިޔަالله ޢަންހު:: އެކަލޭގެފާނަކީ މާތް ރަސޫލާގެ ދެބެއިންގެ ދެދަރިކޮއްކޯފުޅެކެވެ. އިބްނު ޢައްބާސްގެ ބޮޑުދައިތާފުޅު މައިމޫނާއަކީ ރަސޫލާގެ އަނބިކަނބަލަކަށްވާތީ އިބްނު ޢައްބާސް ވަރަށް ގިނައިން އެކަމަނާ އާއި މާތް ރަސޫލާގެ ކޮޓަރިކޮޅުގައި ހޭދަކުރައްވާ ޢިލްމު އުނގެނިވަޑައިގެންނެވިއެވެ. ތަރުޖަމާނުލް ޤުރްއާނުގެ ނަމުން މަޝްހޫރުވެވަޑައިގެންނެވި މި ސަހާބީ ރިވާކުރައްވާފައިވަނީ 1660 ޙަދީޘެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 68 ވަނަ އަހަރު ތާއިފުގައެވެ.
ޖާބިރު ބިން ޢަބްދު ރަޟިޔަالله ޢަންހު: : ރަސޫލު ޒަމާނަކީ އެކަލޭގެފާނުގެ އެންމެ ޒުވާން ދުވަސްވަރުކަމުން އެކަލޭގެފާނުވަނީ ނުހަނު ޖޯޝާފޯރީގައި ގިނަ ހަނގުރާމަތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ. އަބަދުވެސް މާތް ރަސޫލާގެ އިރްޝާދުތަކަށް އަމަލުފުޅު ކުރައްވާ ދަސްފުޅުކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ މި ސަހާބީ ރިވާ ކުރައްވައިފައިވަނީ 1540 ޙަދީޘެވެ. ހިޖްރައިން 78 ވަނަ އަހަރު އަވަހާރަވީއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ 94 އަހަރުފުޅެވެ.
އަބޫސައީދުލް ޚުދުރީ ރަޟިޔަالله ޢަންހު: އެކަލޭގެފާނު ބޮޑުފުޅުވެވަޑައިގެންނެވި ދައުރަކީ ނަބަވީ ދައުރުކަމުގައި ވުމުން މާތް ރަސޫލާގެ ހަދީޘް ބަސްފުޅުތަކާ އަމަލުފުޅުތައް އެކަލޭފާނު ދަސްފުޅު ކުރެއްވިއެވެ. އެކަލޭގެފާނުގެ އަރިހުން 1170 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. ހިޖްރައިން 74 ވަނަ އަހަރު އެކަލޭގެފާނު އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރުފުޅެވެ.
އަހަރެމެންނަށް އިސްލާމްދީނުގެ ހުކުމްތަކާއި ހިކުމަތްތައް ބަޔާންކޮށްދެއްވުމަށް މިބޭކަލުން ކުރައްވައިފައިވާ މަސައްކަތްފުޅުތަކަކީ އަގުނުކުރެވޭ ފަދަ މަސައްކަތްޕުޅުތަކެވެ. އެބޭކަލުންނަށް ރުއްސުންލައްވާށި.
Advertisement
7 ޖޫން 2025