އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ގުރްއާން ތަފްސީރު ބަޔާންކުރުމަކީ ވަރަށް ބޮޑުކަމެއް! އެކަން ކުރެވޭނީ ވަރަށް ގިނަ ޝަރުޠުތައް ހަމަވެގެން!

ކީރިތި ގުރްއާން ތަފްސީރު ބަޔާންކުރުމަކީ ވަރަށް ބޮޑުކަމެއް! އެކަން ކުރެވޭނީ ވަރަށް ގިނަ ޝަރުޠުތައް ހަމަވެގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 24 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ  

 

ތަފްސީރަކީ ލުޣަވީ ގޮތުން އެއްޗެއް ކަޝްފު ކުރުމެވެ.  އިސްތިލާޙީ ގޮތުން އެއީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ މައްޗަށް ބާއްްވައިލެއްވި ކީރިތި ގުރްއާނުގެ މާނައާއި، އެއިން ނެގޭ ޙުކުމްތަކާއި، ޙިކުމަތްތައް ދެނެގަތުމެވެ. މުފައްސިރުންނަކީ މާތް ﷲ ގެ ކަލާމްފުޅު ކީރިތި ގުރްއާން ދެނެގަނެ އެފޮތުން ނެގޭ ޙުކުމްތަކާއި، ޙިކުމަތްތައް ބަޔާންކުރާ މީހުންނަށް ކިޔާ ނަމެކެވެ. ކީރިތި ގުރްއާން ތަފްސީރު ކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމުން ވަރަށް ގިނަ ޝަރުތުތަކެއް އެކަން ހުއްދަވުމަށް ހުރެއެވެ. އެގޮތުން މިލިޔުމުގެ ތިރީގައި މިބަޔާން ކޮށްލަނީ މުފައްސިރެއްގެ ކިބައިގައި ހުންނަން ވާނެ ޝަރުޠުތަކެވެ. 

·       ޞައްޙަ އިޢްތިޤާދެއްގެ ވެރިއަކަށްވުން   އެގޮތުން ނައްސުތައް ތަހުރީފުކުރުން، ނުކުރުން، ޚަބަރުތައް ނަޤުލުކުރުމުގައި އަމާނާތްތެރިވުމާއި، ޚިޔާނާތްތެރިވުމުގައި ތިމާގެ ޢަގީދާގެ ބޮޑުބައެއް އަދާކުރޭ

·       ހަވާނަފްސަށް ތަބަޢަވުމުން ދުރުވުން

·       ﷲ ގެ މަގާމާއި އެކަލާނގެ ކަލާމްފުޅުގެ މަގާމަކީ ކޮބައިކަން އެނގުން

·       އެންމެ ފުރަތަމަ ގުރްއާނުން ގުރްއާން ތަފްސީރުކުރުން (އެއްތަނެއްގައި މުޖުމަލުކޮސް އަނެއްތަނެއްގައި މުފައްސަލްކޮސް ގުރްއާނުގެ އެތައް ތަނެއްގައި އައިސްފައިވޭ)

·       އެއަށްފަހު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތައް ބަލައި އެއިން ގުރްއާނުގެ ތަފްސީރު ބެލުން

·       ސުންނަތުން ތަފްސީރު ލިބެން ނެތް ނަމަ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސަޙާބީންގެ ބަސްފުޅުތަކަށް ރުޖޫޢަވުން (ގުރްއާން ބާވައިލެއްވިއިރު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ތިއްބެވީ ޞަޙާބީންނެވެ. އެހެންކަމުން ގުރްއާނުގެ ކަންކަން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ފަހު ދެން އެންމެ ބޮޑަށް ދެނެވަދައިގަންނަވާނީ އެބޭކަލުންނެވެ.)

·       ގުރްއާނާއި ސުންނަތުންނާއި އަސްޙާބު ބޭކަލުންގެ ފަރާތުން ނުލިބިއްޖެނަމަ ދެން ބަލާނީ ތާބިޢީންގެ ބަސްފުޅުތަކަށެވެ.

·       މި ހުރިހާ ކަމެއްގައިވެސް އެންމެ ޞައްޙަ މަގުން ނަޤުލުކުރުމަށް ބަލަން ވާނެއެވެ.

·       ޢަރަބި ބަހުގެ އުޞޫލްތަކާއި ގަވާއިދުތަކާއި ހަމަތައް ރަނގަޅަށް ދެނެގަނެވިފައިވާ މީހެއް ކަމުގައިވުން

·       ގުރްއާނާ ބެހޭ ޢިލްމުގެ މާހިރެއް ކަމުގައިވުން: ތައުޙީދު ޢިލްމު، ޤިރާއަތުގެ ޢިލްމު، އުސޫލް ތަފްސީރުގެ ޢިލްމު، ޢިލްމުލް އުސޫލް، އަސްބާބްނުޒޫލް ފަދަ ޢިލްމުތައް މީގައި ހިމެނޭ

·       ޝަރުޢީ ނައްސުތަކުން އިސްތިންބާތު ކުރެވޭ އެކަތި އަނެކައްޗާ ތަރްޖީޙް ދެވޭ ވަރުގެ ޢިލްމީ އަދި ވިސްނުން ތޫނު މީހެއް ކަމުގައިވުން

·       ތަފްސީރު ޢިލްމުގެ ތެރެއަށް ރަނގަޅަށް ވަދެވިފައިވާ މީހެއް ކަމުގައިވުން: އެއީ އިސްރާއީލިއްޔާތު ރިވާޔައްތަކާއި، މަޢުޟޫއު ރިވާޔަތްތަކާއި އަލަށް ވަދެފައިހުރި ރިވާޔަތްތައް މުފައްސިރުންނަށް ފާހަގކުރަން އިނގިގެންދާނެއެވެ.

·       ކަނޑައެޅިގެން ނައްސެއް އޮތް ކަމެއްގައި އިޖްތިހާދު ނުކުރުން

·       ނަޤުލުކުރުމުގައި ތެދުވެރިވުން 

މިކަންކަން ފާހަގަކޮށްލަން ޖެހުނީ މިފަދަ ޝަރުޠުތައް ހަމަނުވާ، އެކަމަށް ކުފޫހަމަނުވާ މީހުން އަމިއްލަ ރަޢުޔު ކުރިއަށް ނެރެގެން މަޢުލޫމާތު ހާމަކުރުމުން ގިނަބައަކަށް ކީރިތި ޤުރްއާނުގައިވާ ކަންކަން އޮޅުން އަރަމުން އަންނާތީއެވެ. ކީރިތި ޤުރްއާން ތަފްސިރުކުރަންވާނީ ޝަރުޠުހަމަވާ މީހުންނެވެ. އެއީ ހަމަހުރެފައި ކުރަން ހެޔޮވާނެ ވަރުގެ ކަމެއް ނޫނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް