އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެލްކޮހޯލް އަޅައިގެން ތައްޔާރުކުރާ ކާބޯތަކެތި ބޭނުންކުރުމުގަ މުސްލިމުން ބަލަންޖެހޭ މިންގަނޑުތައް!

އެލްކޮހޯލް އަޅައިގެން ތައްޔާރުކުރާ ކާބޯތަކެތި ބޭނުންކުރުމުގަ މުސްލިމުން ބަލަންޖެހޭ މިންގަނޑުތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 3 ސިކުންތު

އެލްކޮހޯލް އަޅައިގެން ތައްޔާރުކުރާ ކާބޯތަކެތި ބޭނުންކުރުމުގައި މުސްލިމުން ބަލަންޖެހޭ މިންގަނޑުތަކާއިބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަންކަން ސާފުވެލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ. 

އިތުރަށް ދަންނަވާލަން ބޭނުންވަނީ ބައްލަވަންވީ އަނގައަށް މީރުވުމަކަށް ނޫނެވެ. އެންމެ ސަލާމަތްކަން ބޮޑު ގޮތަށެވެ. ޝައްކުވާ ކަންކަންވެސް ނުކުރުމަކީ އެންމެ ރައްކައުތެރިގޮތަށެވެ. ޢަމަލުތައް ބަހައްޓަންވީ އެއްވެސް މިންވަރަކަށް ފާފަވެރިނުވާނެކަން ޔަޤީންކުރެވޭނެ ގޮތަށެވެ.  

އީތައިލް އަލްކޮހޯލް އަޅާފައި ހުންނަ ކޭކް، ކުކީސް ފަދަ ލުއި ކާނާ އަކީ ކެއުން ޙަރާމް އެއްޗެހިތޯ؟ އޭގެ ޙުކުމަކީ ކޮބައިތޯ؟ 

އަލްކަހޯލް އަކީ މަސްތުވާ އެއްޗެކެވެ. ކޮންމެ މަސްތުވާ އެއްޗަކީ ރަލެކެވެ. ކޮންމެ ރަލަކީ ޙަރާމް އެއްޗެކެވެ. 

އަލްކަހޯލް އާއި ގުޅިފައިވާ ދެކަމެއްވެއެވެ. 

ފުރަތަމަކަމަކީ: އެއީ ނަޖިސް އެއްޗެއްތޯ ނުވަތަ ނޫންތޯއެވެ؟ 

ދެވަނަކަމަކީ: ބޭހާއި ކާނާއާއި އަދި އެނޫންވެސް އެއްޗިއްސާއި އަލްކަހޯލް މިކްސް (އެކުވެއްޖެ) ނަމަ، އަޘަރު ކުރާނެތޯ ނުވަތަ ނޫންތޯ އެވެ؟ 

ފުރަތަމަ މައްސަލާގައި ގިނަ ޢިލްމުވެރިން ބުރަވެލައްވަނީ އެއީ (ރަލަކީ) ޙިއްސީ ނަޖިހެއް ކަމަށެވެ. މާނައަކީ ހަށިގަނޑުގައި ރަލުގެ ތިއްކެއް ނަމަވެސް ޖެހިއްޖެ ނަމަ އެތަނެއް ދޮވެ ސާފު ކުރަން ޖެހޭނެ ކަމަށެވެ. އަލްއައްލާމާ-ޞާލިޙުލް ޢުޘައިމީން-ރަޙިމަހު ﷲ- އާއި އަދިވެސް ބައެއް އެހެން ބޭފުޅުން ބުރަވެވަޑައިގަންނަވަނީ އެއީ މަޢުނަވީ ނަޖިހެއް ކަމަށެވެ. އެބަހީ ރާ ހަށިގަނޑުގައި ޖެހިފައިހުރިކަމުގައިވިޔަސް ނަޖިސް ނުވާނެކަމެވެ. އޭގެބަދަލުގައި އޭގެ ޙަރާމްކަން ވަނީ ބުއިމުގައި ކަމަށެވެ. 

ދެވަނަ މައްސަލާގައި، ބޭސް ނުވަތަ އެފަދަ އެއްޗެއްގެ ތެރެއަށް އަލްކަހޯލް އަޅައި އެހެން އެއްޗިއްސާއި މިކްސް ވެފައި ހުންނައިރުގައި، އަލްކަހޯލް ގެ އަޘަރު ހުންނަނީ ކިހާ ވަރަކަށްތޯ ބަލަން ޖެހެއެވެ. މިފަދަ ތަކެތީގައި އަލްކަހޯލް ގެ އަޘަރު ފާޅުކޮށް ފެންނަން ހުރިނަމަ، އެތަކެތި ބޭނުން ކުރުން ޙަރާމް ވާނެއެވެ. އަދި އަލްކަހޯލްގެ އަޘަރެއް ފެންނަން ނެތްކަމަށް ވަނީނަމަ އެތަކެތި ބޭނުން ކުރުން ހުއްދަވާނެއެވެ. މިކަމުގެ ދަލީލަކީ ފެނަށް ނަޖިހެއްވެއްޓި ފެންގަނޑު ތަޣައްޔުރު ނުވާ ކަމަށް ވަނީ ނަމަ އެފެންގަނޑަކީ ޠާހިރު އެއްޗެއް ކަމުގައި ހުރިހާ ޢިލްމުވެރިން އިޖްމާޢުވެވަޑައިގަތުމެވެ. 

ހަމައެކަނި އަލްކަހޯލް ބޭނުން ކުރުމާއި އޭތި އެހެން އެއްޗަކާއި އެއްކޮށްގެން ބޭނުން ކުރުމާއި ވަރަށް ތަފާތެވެ. ހުސްއެކަނި އަލްކަހޯލް ބޭނުން ކުރުމަކީ ޙަރާމް ކަމެކެވެ. ކިތަންމެ ކުޑަމިންވަރެއް ވިޔަސްމެއެވެ. ނަމަވެސް އަލްކަހޯލް އެހެން އެއްޗަކާއި އެއްވެއްޖެނަމަ ބަލަން ޖެހެނީ އޭގެ ތާޘީރަށެވެ. ތާޘީރު ފެންނަންހުރި ކަމަށް ވަނީ ނަމަ ޙަރާމް ވާނެއެވެ. ތާޘީރު ފެންނަން ނެތިއްޖެނަމަ ހުއްދަވާނެއެވެ.

އެހެންކަމުން ސުވާލުގައި އައިސްފައިވާ މައްސަލާގައި ބުނަން އޮތީ މިކަމުގައި ބަލަން ޖެހޭނީ ތިޔަ ބޭނުން ކުރައްވާ ކާބޯތަކެތީގައި އަލްކަހޯލްގެ އަޘަރުފެންނަން ހުރިކަމަށް ވަނީ ނަމަ ޙަރާމް ވާނެއެވެ. އަޘަރު ފެންނަން ނެތްނަމަ އެތަކެތި ބޭނުން ކުރުމަކީ މައްސަލަ އެއް ނޫނެވެ.

واللهأعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް