އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު
ތައުބާވުމެވެ ބުނުމުން ގިނަ ބައަކަށް އެކަން ނެގެނީ ވަރަށް އާދައިގެ ކުޑަކުޑަ ކަމެއްގެ ގޮތުގައެވެ. އެހެނަސް އެއީ ވަރަށް މަތިވެރިވެގެންވާ ވަރަށް ބޮޑު ކަމެކެވެ. އެކަން އެނގިގެންދާ އެއްކަމަކީ ނުވަތަ ދަލީލަކީ ކީރިތި ޤުރްއާނުގައިވާ މިއާޔަތްތަކެވެ.
"ޢަރުޝި އުފުއްލަވާ މަލާއިކަތުންނާއި، އޭގެވަށައިގެންވާ މަލާއިކަތުން އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙްދަންނަވަތެވެ. އަދި އެކަލާނގެއަށް އީމާންވެތެވެ. އަދި އީމާންވިމީހުންނަށް ފާފަފުއްސެވުމަށް ދުޢާ ކުރައްވަތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރަހްމަތާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، ތައުބާވެ، އިބަރަސްކަލާނގެ މަގަށް ތަބަޢަވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އެއުރެން މުއްތިކުރައްވާނދޭވެ"
"އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެންނަށް އިބަރަސްކަލާނގެ ވަޢްދުކުރައްވާފައިވާ عَدْن އެވެ ކިޔުނު ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ! އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ ޞާލިޙްވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ޢަޒީޒް ވަންތަ، ޙަކީމް ވަންތަ ރަސްކަލާނގެއެވެ."
"އަދި ނުބައިކަންތަކުން އެއުރެން ސަލާމަތްކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެދުވަހުން، ނުބައިކަމުން ސަލާމަތްކުރައްވާ މީހަކީ، އިބަރަސްކަލާނގެ ރަހްމަތް ލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ."
(އަލްޣާފިރް: 7،8،9)
ﷲ ތަޢާލާ ވޮޑިގެންވާ ޢަރްޝިކޮޅަށްވުރެ މަތިވެރިކަންބޮޑީ ކޮން އެއްޗެއް ހެއްޔެވެ؟ އެހެންކަމަށްވާއިރު އެ ޢަރްޝިކޮޅު އުފުއްލަވާ މަލާއިކަތުންނާއި، އޭގެވަށައިގެންވާ މަލާއިކަތުން ތައުބާވާ މީހުންނަށްޓަކައި ދުޢާކުރެއްވެވުމަކީ ކޮންފަދަ ބޮޑު ނަޞީބެއް ހެއްޔެވެ؟
މިކަމުންވެސް އެނގިގެންދަނީ މީހަކު ތައުބާވުމުން އެކަން ހަމަ ވަޤުތުން ﷲ ތަޢާލާގެ މަތިވެރިވަންތަ ޙަޟްރަތަށް އުފުލިގެންދާކަމެވެ. ހަމައެއާއިއެކު މަލާއިކަތްބޭކަލުންނަކީ ﷲ ތަޢާލާ އެބޭކަލުންގެ މައްޗަށް ކުރައްވަވާ އަމުރުފުޅަކަށް މެނުވީ އެއްވެސް ކަމެއް ކުރައްވަވާނެ ބޭކަލުންނެއް ނޫނެވެ. ވީމާ ތައުބާވުމުން އެމީހަކަށްޓަކައި ޢަރްޝިކޮޅު އުފުއްލަވާ މަލާއިކަތުންނާއި، އޭގެވަށައިގެންވާ މަލާއިކަތުން ދުޢާކުރައްވަވަނީ އެބޭކަލުންނަށް ﷲ ތަޢާލާ އަންގަވާތީއެވެ.
އެނގެން މިދަނީ އިޚްލާޞްތެރިކަމާއިއެކު ތައުބާވާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. އެހެންކަމަށްވާއިރު ތައުބާވުމަކީ އާދައިގެ ކުޑަކުޑަކުޑަ އަދި ކުޅޭކުޅޭ ކަމަކަށް ނުހަދާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ޢަރުޝިކޮޅު އުފުއްލަވާ މަލާއިކަތުންނާއި، އޭގެވަށައިގެންވާ މަލާއިކަތުންގެ ދުޢާ ލިބޭނެ މަގުން ތައުބާވާށެވެ! އެއިރުން އެމީހަކު ނަރަކައިން މިންޖުކުރައްވަވާނެތެވެ! އިން ޝާ ﷲ
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން
Advertisement
9 ޖޫން 2025