އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު
ކީރިތި ޤުރުޢާނުގައިވާ އެންމެ ދިގު ސޫރަތަކީ سورة البقرة އެވެ. އެއީ އެތަކެއް ފިލާވަޅުތަކަކާއި މުހިއްމު ވާހަކަތަކަކުން ފުރިގެންވާ ސޫރަތެކެވެ. ވިސްނައިފި މީހަކަށް އެތަކެއް އަގުހުރި ނަޞޭޙަތްތަކެއް އެސޫރަތުން ލިބިގެންދާނެއެވެ.
سورة البقرة އިން އަހަރެމެންނަށް ލިބޭ މުހިއްމު 3 ފިލާވަޅެއްވެއެވެ!
1 މުއުމިނުންނަށް ހިތްދަތިވުމެއްނެތްކަން:
"... ފަހެ، ތިމަންރަސްކަލާނގެ ތެދުމަގަށް ތަބަޢަވެއްޖެބަޔަކު ދަންނާށެވެ! އެމީހުންގެ މައްޗަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނެބަޔަކު ކަމުގައި އެމީހުންނުވެއެވެ." (2:38)
އަހަރެމެންނަށް ދަތި އުނދަގޫ ކަންތައްތަކާއި ދިމާވުމުން ދެރަވެ ހިތާމަކުރުމަކީ އިންސާނީ ޠަބީޢަތުގެ ތެރެއިންވާކަމެކެވެ. އެއީ މައްސަލައެއްނޫނެވެ. ނަމަވެސް މާބޮޑަށް ފިކުރުބޮޑުވެ، ހާސްވެ، ހިތްވަރުދޫނުކޮށްލާށެވެ. އެކަލާނގެއަށް ޛިކުރުކުރުމާއި ދުޢާކުރުމުން ހިތްހަމަޖެހުމާއި ކެތްތެރިކަން ލިބިގަންނާށެވެ. މުހިއްމީ ހުރިހާކަމެއްވެސް މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ޙަޟްރަތަށް ދޫކޮށްލައި، އެކަލާނގެއަށް އިތުބާރުކުރުމެވެ. އެއީ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
2 މުއުމިނުންނަށް ބިރުގަތުމެއްނެތްކަން:
"އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކަނޑުފަޅައިލެއްވިހިނދު ހަނދުމަކުރާށެވެ! ދެން ތިޔަބައިމީހުން ބަލަބަލާތިއްބައި ފިރުޢައުނުގެ އާލުން ޣަރަޤުކުރައްވައި އެމީހުންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކުރެއްވީމެވެ." (2:50)
މޫސާ ޢަލައިހިއްސަލާމް ގެ ވާހަކައާއިމެދު ތިޔަބައިމީހުން ނިކަން ވިސްނާލާށެވެ. ފިރުޢަނާއި އޭނާގެ އާލުން މޫސާގެފާނު އަވަހާރަކޮށްލުމަށް އުޅުމުން، އެމީހުންގެ ކިބައިން ސަލާމަތްވުމަށް ދަނިކޮށް މަގު ބަންދުވާ ހިސާބަށް އާދެވުނެވެ. އެއްފަޅީގައިވަނީ ފިރުޢައުނުގެ ލަޝްކަރެވެ. އަނެއްފަޅީގައިވަނީ މާސިންގާ ކަނޑެކެވެ. އެހާލުގައިވެސް ޒައްރެއްގެ މިންވަރުގެ ބިރުވެރިކަމަކާއި ނުތަނަވަސްކަމެށް މޫސާ ޢަލައިހިއްސަލާމް ގެ ފަރާތަކުން ފެނިވަޑައެއްނުގަންނަވައެވެ. މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް އެކަލޭގެފާނު ކުރައްވާ އިތުބާރަށް އެއްވެސް ލޮޅުމެއްނާރައެވެ. ދެން ﷲ ގެ އަމުރުފުޅަށް ކަނޑު ދެފަޅިވެގެންގޮސް އެމީހުން ސަލާމަތްވާނެ މަގު ފަހިވެގެންދިޔައެވެ. މިފަދަ ހާލަތަކުން ސަލާމަތްތެރިކަމާއި ރައްކާތެރިކަން އެކަލާނގެ ދެއްވައިފިނަމަ، ތިބާއަށް ދިމާވާ ކަންތައްތަކުން އަރައިގަތުމަށް އެކަލާނގެ ވާގިވެރިވެވޮޑިގެންނުވާނެހެއްޔެވެ؟
3 ފުރިހަމައަށް އެކަލާނގެއަށް ކިޔަމަންވުމުގެ މުހިއްމުކަން:
"އަދި ކަލެގެފާނު ކިޔަމަންތެރިވެވަޑައިގަންނަވާށޭ އެކަލޭގެފާނުގެ ރައްބު އެކަލޭގެފާނަށް ވަޙީކުރެއްވިހިނދު އެކަލޭގެފާނު ދެންނެވިއެވެ. ޢާލަމްތަކުގެ ވެރި ރައްބަށް މިއަޅާ ކިޔަމަންތެރިވެއްޖައީމެވެ." (2:131)
އަހަރެމެންގެ ދިރިއުޅުމުގެ މައިގަނޑު މަޤްސަދަކީ މާތްﷲ ޞުބުޙާނަހޫ ވަޠްޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިވުން ކަމުގައި ހަދާށެވެ. އަހަރެމެން ދުނިޔެއަށް ފޮނުއްވުނީވެސް އެކަމަށްޓަކައިއެވެ.
ވީމާ، އެކަލާނގެ އަބަދުވެސް ތިބާއާއި އެކު ވޮޑިގެންވާކަން ހަދުމަކުރާށެވެ. ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހަށް ތިބާގެ ހުރިހާ ކަންބޮޑުވުމަކާއި ފިކުރުތަށް ދޫކޮށްލާށެވެ. އަދި އެކަލާނގެ ރަޙުމަތް ނުލިބޭނެކަމާއިމެދު ހާސްނުވާށެވެ. އެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
https://quranmajeed.app/3-lessons-from-surah-baqarah
Advertisement
9 ޖޫން 2025