އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަހްމަދު އިއްޔެ ނިޔާވިއިރު ކާފަ ދަރިފުޅު ފެނުނުކަމުގައިވިޔަސް، އެ ދަރިފުޅު އުރާލާ ބޮސްދިނުމުގެ ނަސީބު ނުލިބުނު ކަމަށް ފަރީދުގެ ދަރިކަލުން އަބްދުﷲ ފަރީދު (އަބޯ) ބުނެފިއެވެ.
ޝައިޚް ފަރީދު (53 އަހަރު) އަވަހާރަވީ ދީނީ ދަރުސެއް ދެއްވުމަށް މެލޭޝިއާގެ އެއަރޕޯޓަށް ފައިބާވަޑައިގަތް ވަގުތުއެވެ.
ޝައިޚް ފަރީދުގެ ނިޔާވުމާ ގުޅިގެން، ފަރީދުގެ ދަރިކަލުން އަބްދުﷲ ފަރީދު (އަބޯ) (23 އަހަރު) މީސްމީޑިއާގައި ހިއްސާކުރެއްވި އަސަރުގަދަ މެސެޖެއްގައި އަބޯ ވިދާޅުވި ގޮތުގައި، ޝައިޚް ފަރީދު ބައްޕާފުޅު ނިޔާވީ ފުރަތަމަ ކާފަ ދަރިފުޅު ދުނިޔެއަށް އައި ނަމަވެސް، އެ ކުޑަކުއްޖާ އުރާލައި ބޮސްދެއްވުމުގެ ނަސީބު ނުލިބިއެވެ.
"ހާލަތް ދިމާ ކުރިގޮތުން މިއަދު ބައްޕަ ވަކިވެގެން އެ ދިއައީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ނަމަވެސް އުރާލާ ބޮސްދީ ހަދާލަން ފުރުސަތެއް ނުލިބިއެވެ. ވިއްސާ ކޮޓަރިން ނެރުނު ވަގުތު ބައްޕަ އަޅުގަނޑު ގާތުގައި ހުއްޓެވެ. އެ ވަގުތަކީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނުނު ފުރަތަމަ އަދި ފަހު ފަހަރެވެ." އަބޯ ބުންޏެވެ.
އަބޯ އިތުރަށް ހާމަކުރެއްވި ގޮތުގައި، އޭނާގެ މަންމަ ގުޅުއްވައި ބައްޕަގެ ޚަބަރު ބައްލަވާލެއްވުމަށް އެދިވަޑައިގަތް ވަގުތު، އޭނާ ގުޅުއްވީ ޝައިޚް ފަރީދާއެކު ދަތުރުކުރެއްވި ޚިދުމަތް ޖަމްޢިއްޔާގެ އިސްވެރިއަކަށެވެ. އެ ވަގުތު ޝައިޚް ފަރީދަށް އަވަސް ފަރުވާ ދެމުންދިޔަ އަޑު އިވުނު ކަމަށާއި، ކުއްލިއަކަށް ބައްޕަ ނިޔާވެވަޑައިގަތް ކަމުގެ ހިތާމަވެރި ޚަބަރު ލިބުނު ކަމަށް އަބޯ ބުންޏެވެ.
ބައްޕަގެ ހަދާނުގައި ކާފަ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދޭނެ ކަމަށާއި ބައްޕާފުޅު ދެއްވި ހެޔޮ ތަރުބިއްޔަތުގެ މަތީގައި ދެމިހުންނާނެ ކަމަށް އަބޯ ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، ޝައިޚް ފަރީދުގެ ޖަނާޒާ މާދަމާ މެންދުރު މެލޭޝިއާގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިއާގައި ވަޅުލައިފިނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޝައިޚް ފަރީދުގެ މައްޗަށް ޣާއިބު ކަށު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
Advertisement
11 ޖޫން 2025