އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަނީ

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 58 ސިކުންތު

މެލޭޝިއާގައި ހުންނަވަނިކޮށް އިއްޔެ ނިޔާވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ޚިދުމަތް ޖަމްޢިއްޔާއިން ފަށައިފިއެވެ.

ޝައިޚް ފަރީދު (53 އަހަރު) އަވަހާރަވެވަޑައިގަތީ ދީނީ ދަރުސެއް ދެއްވުމަށް މެލޭޝިއާގެ އެއަރޕޯޓަށް ފައިބާވަޑައިގަތް ވަގުތުއެވެ. އެނާ ވަޑައިގެންނެވީ ދީނީ ދަޢުވަތުގެ މަސައްކަތުގެ ދަށުން ދަރުސް ދެއްވުމަށެވެ.

ޚިދުމަތް ޖަމްޢިއްޔާއިން ބުނާ ގޮތުގައި، ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވެއެވެ.

"ޝައިޚް ފަރީދުގެ ހިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ސަދަގާތެއް ކުރަން، އެބޭފުޅާގެ އިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެ. އެހެންކަމުން އެބޭފުޅާގެ ނަމުގައި ބަންގްލާދޭޝްގައި މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާގެ ފަރާތުން މިފެށުނު މަސައްކަތުގައި ބައިވެރި ވެލައްވަމާތޯ!" ޚިދުމަތް ޖަމިއްޔާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެ ޖަމްޢިއްޔާއިން އިތުރަށް ބުނެފައިވަނީ، އިންސާނަކު މަރުވުމަށްފަހު ދުނިޔެމަތީގައި އެ މީހެއްގެ ޒިކުރާ އާކުރުމަށް ދިރިތިބީންނަށް އެ މީހަކަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެ މީހަކަށްޓަކައި ދެމިގެންދަނިވި ޞަދަޤާތެއް ކުރުން ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސްދައުރެއް އަދާކުރެއްވި ޝައިޚް ފަރީދު އިސްލާމް ދީނަށް ކޮށްދެއްވި ޚިދުމަތަކީ ދުލާއި ޤަލަމުން ކިޔާދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެއްކަން ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، ޝައިޚް ފަރީދުގެ ހަށިކޮޅު މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިއާގައި ވަޅުލައިފިނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބު ކަށު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިދުމަތް ޖަމިއްޔާއިން ބުނިގޮތުގައި ފަރީދުގެ ހަށިގަނޑު ރާއްޖެ ނުގެނައީ ޕޯސްޓުމޯޓަމް ހަދާނެތީއެވެ. ޕޯސްޓުމޯޓަމް ހަދަން އާއިލާއިންވެސް ނުރުހޭތީއާއި ފަރީދު ދުނިޔޭގައި ހުންނެވިއިރު އެކަމަށް އިންކާރު ކުރައްވާފައިވާތީ މެލޭޝިޔާގައި ފަރީދުގެ ކަށުކަމާކެމީގެ ކަންތައް ކުރުމަށް ނިންމީއެވެ.

ޝައިޚް ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ފަންޑަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ޖަމްޢިއްޔާއިން ވަނީ އެކައުންޓް ނަންބަރެއް ހާމަކޮށްފައެވެ. އެއީ:

ޚިދުމަތް މިސްކިތު ފަންޑު އެކައުންޓު ނަންބަރު: 7770000141496

މި މަޝްރޫޢުގެ ސަބަބުން ޝައިޚް ފަރީދުގެ އިލްމީ އަދި ދަޢުވަތުގެ މަސައްކަތް ދެމިގެންދާނެ ކަމަށާއި، މިއީ ފަރީދު ހަނދާން އާކޮށްދޭނެ ކަމެއް ކަމަށް ޖަމްޢިއްޔާއިން އުންމީދުކުރެއެވެ.

ޝައިޚް ފަރީދުގެ ކުއްލި އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިތާމައާއި ތަޢުޒިޔާގެ މެސެޖުތައް ފޮނުވަމުންދާއިރު، ގިނަ ބަޔަކު އެ މަނިކުފާނުގެ އިލްމީ ޚިދުމަތްތަކާއި ހެޔޮ އަޚްލާޤު ހަނދާންކޮށް، އެކަމަށް ޝުކުރުވެރިވަމުންދާކަން ފާހަގަކުރެވެއެވެ.

ޝައިޚް ފަރީދުގެ އަވަހާރަވުމަކީ ރާއްޖޭގެ އިސްލާމީ ދަޢުވަތަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ބެލެވޭއިރު، އެ މަނިކުފާނުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަކީ އެ މަނިކުފާނުގެ މަސައްކަތް ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ގިނަ ބަޔަކު ދެކެމުންދެއެވެ.

 

                   

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު