އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 3 ސިކުންތު
މިމަހުގެ ނުވަ ވަނަ ދުވަހުގެ އިރު އޮއްސުނީ ދިވެހީންގެ ވަރަށް ގިނަ ބައެއްގެ ހިތްތަކަށް ސިހުން ގެނުވަމުންނެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ހައިރާން ކަމެވެ. ކިތަންމެ ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް އިވިގެން ދިޔައީ ފަޟީލަތުއްޝައިހް އިބްރާހިމް ފަރީދު އަހްމަދު ރަޙިމަހުﷲ ކުށްލި ގޮތަކަށް މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ވިދާޅުވި ކަމުގެ ޚަބަރެވެ.
މި ކުއްލި މަރުގެ ވާހަކަ އެންމެންވެސް އަޑު އެހީ ވަރަށް ފުން ހިތާމައާއި އެކުގައެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޝެއިހް އިބްރާހިމް ފަރީދު އަހްމަދަކީ މި އިސްލާމީ އުންމަތަށް އަގު ހުރި އެތައް ހިދުމަތެއް ކޮށްށްދެއްވައި އެތައް ބައެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ.
އެގޮތުން ބަލާއިރު ަޟީލަތުއްޝައިހް އިބްރާހިމް ފަރީދު އަހްމަދު ރަޙިމަހުﷲ އަކީ ވަރަށް ގިނައިން ދަރުސްތައް ދެއްއްވި، އެތައް ޝައިޚުންނަށް ދަރުސްދެއްވުމުގެ މަގު ފަހިކޮށްދެއްވި ގިނަ ބައެއްގެ މަގުބޫލުކަން ލިބިވަޑައިގެންފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ. ޝައިޚަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ބަންދުކުރި މީހުންގެ ތެރޭގައި ވެސް ޝެއިހް ހިމެނިވަޑައިގަންނަވަ އެވެ. މީހުން ބުނާތީ އަޑު އަހަމެވެ އެމީހަކު މަރުވާނީ އެމީހަކު ދުނިޔޭގަ އުޅުނު ގޮތަކަށެވެ. ހަޔާތުގެ އެންމެ ފަހުގެ ދަތުރުގައި ވެސް ޝައިހު އިބްރާހިމް ފަރީދު މެލޭޝިޔާ އަށް މިމަހު 9 ގަ ވަޑައިގަތީ އެ ގައުމުގައި ބާއްވަން ނިންމާފައިވާ އިސްލާމް ދީނާ ގުޅޭ ހާއްސަ ބައްދަލުވުމަކަށެވެ. އެއީ ފަރީދު އެންމެ ފަހުން މަސައްކަތް ކުރެއްވި ހިދުމަތް ޖަމިއްޔާ ތަމްސީލް ކުރެއްވުމަށެވެ. އެކަމަކު، މެލޭޝިޔާ އަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ވެއްޓި ވަޑައިގެން އަވަހާރަވީ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގާ ޝައިޚް އިބްރާހިމް ފަރީދު އަވަހާރަވީ އާލާސްކަން ފުޅެއްގަ އުޅުއްވާފަ އެއް ނޫނެވެ. މެލޭސިޔާ އަށް ވަޑައިގެންނެވި ދަތުރުމަތީގަވެސް ޝައިހު އިބްރާހިމް ފަރީދު ވަރަށް އުފާވެރި ކަމާއެކު ދަތުރުގެ ބައިވެރިންނާ އެކު ވަގުތުތަ ހޭދަ ކުރަށްވާފައިވެއެވެ.
ޝައިހް ގެ މި ކުއްލި ވަކިވެ ދިޔުމާއިއެކު މެޑިއާ ފުރިގެން ދިޔައީ ޝައިޚް މިދުނިޔެޔައަށް ދޫކުރާވާފަ ވަޑައިގެންނެވި ހެޔޮ އަމަލުފުޅު ތަކުންނެވެ. އޭގެ ތެރޭގާ މީސްތަކުންނަށް މާތްވެގެންވާ އިސްލާމް ދީން އުންގަންނައި ދެއްވުމަށް ދެއްވާފާވާ ދީނީ ދަރުސް ތަކާ، މަރު ހަންދުމަކޮށް ދިނުމަށް އެކި ފަހަރު މަތިން ދަށްކަވާފަވާ ވާހަކަތަކާ، ދެއްވާފާވާ ނަސޭހަތުގެ ބަސްފުޅުތަކާ އަދި މިނޫންވެސް ދެދުނިޔޭގަވެސް ފައިދާ ކުރާނެ އަމަލުތައް ހިމެނެވެ.
ފަޟީލަތުއްޝައިހް އިބްރާހިމް ފަރީދު އަހްމަދު ރަޙިމަހުﷲ އަކީ އޭނާގެ ދަރިންނަށްވެސް ނަމޫނާ އެދުރެކެވެ. ޝެއިހް ގެ މި ކުއްލި ވަކިވުމާ ގުޅިގެން ޝެއިހްގެ ދަރިފުޅު އަބްދުﷲ ފަރީދު (އަބޯ) ވަނީ އޭނާގެ ބައްޕަގެ ކުއްލި ވަކިވެ ދިއުމުން ލިބިފައިވާ ފުން ހިތާމަ ހިއްސާކޮށް ފޭސްބުކްގައި ސްޓޭޓަސްއެއް ލިޔެފަ އެވެ. ފޭސްބުކް ސްޓޭޓަސް ގަ އަބޯ ބުނި ގޮތުގައި ބައްޕަ އަކީ އޭނާގެ ފުރަތަމަ އެދުރެވެ. ދިރިއުޅުމުގެ ހަގީގީ މާނައަކީ ކޮބައިކަން އުނގަންނައިދިން މުދައްރިސެވެ.
މިއީ އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި އަދި ހިތްދަތި ދުވަހެވެ. ބައްޕައާއެކު ހޭދަ ކުރެވުނު ކޮންމެ ހިނދުކޮޅެއް ކުއްލި އަކަށް ސިކުނޑި ފުރާލި ކަހަލަ އެވެ. މި ދުނިޔެއާއި އަލްވަދާޢު ކީ ޚަބަރާއެކު ހިތް ޗިސް ޗިސްވި ކަހަލަ އެވެ,. . އަބޯ ބުނި ގޮތުގައި ( كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ ) ގެ މާނަ ވެސް ފަހުމް ކޮށްދެއްވީ ވެސް އޭނާގެ ބައްޕައެވެ. އެހެން ކަމުން ފުރާނަ ވަކިވެ ދިއައަސް ބައްޕަގެ ހެޔޮ ޒިކުރާ ދުލަކުން ހަމަ ގައިމު ނުފިލާނެ އެވެ.
"ބައްޕަގެ ފާފަ ފުއްސަވާ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވުމަށް އެދި ދުޢާ ކުރަމެވެ. ގިނައިން ބުނެވިފައި ނެތް ނަމަވެސް، ބައްޕަ ދެކެ އިންތިހާ އަށް ލޯބި ވަމެވެ. ސޫރަ ފަނޑުވެ ދިއައަސް، ބައްޕަ އަށް މި ހިތުގައި ވާ ޤަދަރު ހަމަ ގައިމު ފަނޑު ނުވާނެއެވެ. އަދި ހަމަ މީއާ އެކު ފޭސްބުކް ގެ އެހެން ސްޓަޓުސް އެއްގާ އަބޯ އޭނާގެ ބއްޕަ އަށް ހާސަކޮށް ބުނެފާވެވެ.
ލޯބިވާ ބައްޕާއެވެ. އިންޝާﷲ ދުނިޔޭގައި ހުންނެވި ވަގުތުތަކުގައި ދެއްވި ހެޔޮ ނަޞޭހަތް ދުވަހަކުވެސް މި ހިތުން ފިލާ ނުދާނެ ކަން ކަށަވަރެވެ. ބައްޕަ ފަޚުރު ވެރިވާ ފަދަ ހެޔޮ ލަފާ ޞޯލިޙް ދަރިއަކަށްވެ އެގޮތުގައި ދެމި ހުންނާނަމެވެ. ބައްޕަގެ ލޯބިވާ ކާފަ ދަރިފުޅަށް ދޭން އޮތް ތަރުބިއްޔަތަކީ ހަމަ ތި ލޮބުވެތި ބައްޕަ އަޅުގަނޑަށް ދެއްވި ތަރުބިއްޔަތެވެ. މީ ބައްޕައާއިމެދު ޝުޢޫރު ފާޅު ކުރަމުން އަބޯ ސޯޝަލް މެޑިއަ ގާ ބުނެފއިވާ ވާހަކަތަކެވެ.
ފަޟީލަތުއްޝައިހް އިބްރާހިމް ފަރީދު އަހްމަދު ރަޙިމަހުﷲ އަކީ އިސްލާމް ދީނުގެ ކަންކަން އެހެންމީހުންނަށް އުންގަންނައި ދިނުމުގަވެސް ވަރަށް ފާހަގަ ކޮށްލެވޭ ށަހްސީއަތެކެވެ. ޝީޚް ގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ތެދު މަގު ފެނި ހިދާޔަތް ލިބިފައިވާކަން ޝައިޚާާ ބެހޭ ގޮތުން މީހުން ސޯޝަލް މެޑިއަ ގަ ހިސްސާ ކޮށްފާވާ ވާހަކަ ތަކުން އެނގެން އެބަ ހުއްޓެވެ. ޝައިޚް އާ ބެހޭ ގޮތުން މީހުން ބުނެފާވާ ބައެއް ވާހަކަ ތަކަށް ބަލާ އިރު. ފޭސްބުކްގައި ޒުވާން ފިރިހެނަކު ބުނި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން އޭނާ އަކީ ގޭމް ކުޅުމާއި ﷲ ނަހީ ކުރެއްވި އެތައް ކަމަކަށް ހުށަހެޅި، އަޅުދާސްތުވެފައި ހުރި މީހެކެވެ. ހަޔާތުގެ މަގްސަދެއް އޭނާއަކަށް ނޭނގެ އެވެ. ހުރިހާ ވަގުތެއް އޭނާ ހުސް ކުރީ ބޭކާރު ކަންކަމަށެވެ.
"އެކަމަކު ހަމަ އެއް ދުވަހެއްގައި ޝައިހްއާ އޮޅިގެން ބައްދަލުވަނީ. އެ ދުވަހު ދެއްކި ވާހަކަ ތަކުން ހިތަށް ވަރަށް އެހެން ކަހަލަ އަސަރުތަކެއް ކުރި. އޭނާ ކިޔައިދެއްވީ މަރުގެ ސަކަރާތުގެ ވާހަކަ. އެއަށް ފަހު ހަޔާތާ މެދު ވަރަށް ފުންކޮށް ވިސްނަން ފެށުނު. ޝައިހްއާ ދިމާވުމަކީ، ދީނުގެ މަގަށް ރުޖޫއަވާން ލިބުނު ފުރުސަތެއް،" އޭނާ ބުންޏެވެ.
ޝައިޚްގެ ފޮޓޯއެއް ހިއްސާކުރައްވަމުން، ދީނީ އިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވަސިޓީގެ ލެކްޗަރާ މުހައްމަދު އަފްޒަލް ސޯޝަލް މެޑިއަ ގާ ވިދާޅުވި ގޮތުގައި، "އެއީ އޭނާގެ ހަޔާތުން މިއަދު އެ ފެންނަ ކުލަ ޖެހުމަށް މާތްﷲ މެދުވެރިކުރެއްވި އިންސާނާ" އެވެ.
ދީނީ އިލްމުވެރިޔާ މުހައްމަދު ޝަމްއޫން ވެސް ވިދާޅުވި ގޮތުގައި، ޅައުމުރެއްގައި އޭނާ ހިދާޔަތުގެ މަގު އިހްތިޔާރު ކުރުމަށް އެންމެ ބޮޑު އެއް ބާރަކީ، ޝައިޚުގެ ދަރުސްތަކެވެ.
އެހެން ޕޯސްޓެއްގައި މީހަކު ލިޔުނެވެ؛ ޝައިޚް ދަރުސްތަކެއް ދެއްވަން އަތޮޅަށް ގެންދިޔަ ފަހަރަކު ދަރުސް ނިމުމުން މީހަކު ރޮމުން އައިސް ސަލާމްކުރި އެވެ. އެއީ 40 އަހަރުވަރު ވެފައި ހުރި ފިރެހެނެކެވެ. އެއަށް ފަހު ޝައިހް ގޮވައިގެން ކާން ދިޔައިރު ވެސް ފަހަތުން އައެވެ. އަދި ވަކިން ބައްދަލު ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. ޝައިހް ގާތު ރޮމުން އޭނާ ބުނީ، ދުވަހަކު ވެސް ނަމާދު ނުކުރާ ކަމަށާއި ރޯދަތައް ވެސް ނުހިފާ ކަމަށެވެ. އެކަމަކު މި ދަރުސްއަށް ފަހު އިސްލާހުވެ ރަނގަޅުވާން ބޭނުންވާ ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި، އެ ވިސްނުން އައީ ސުވަރުގެ އަދި ނަރަކައިގެ ވާހަކަތަކާއި ދީނުގެ ސާފު މައުލޫމާތު ފަރީދު އެ ދުވަހު ދެއްވި ދަރުސްއިން ލިބިގެންނެވެ. ވަރަށް ހިތްހެޔޮކަމާ އެކު ފަރީދު އެ ދުވަހު އޭނާއަށް އިތުރު މައުލޫމާތު ދެއްވި ކަމަށް ބުންޏެވެ.
"މިހާރު އޭނާ ނަމާދުކޮށް ރޯދަ ހިފަ އެވެ. ހައްޖުކޮށްފި އެވެ،" ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި ޓެކްނޮލޮޖީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގާ "މަގުއޮޅިފައިވާ އެތައް އަންހެނުންނާއި ފިރިހެނުން، ޝައިހްގެ ނަސޭހަތުގެ ސަބަބުން ހިދާޔަތް ލިބި އަނބުރާ ދީނަށް ރުޖޫއަވިއެވެ. އަދި ދީނުގެ މަގުގައި ވަރުގަދައަށް ސާބިތުވެ ތިއްބެއެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި، ޝައިޚުގެ ނަސޭހަތާއި ދަރުސްތަކުން، މީހުންނަށް ބޮޑަށް އަސަރު ކުރަނީ، ހަޔާތުގެ އެކި މިސާލުތަކާ އޭނާ ގުޅުވާލައްވާ ގޮތުންނެވެ. އެ ވާހަކަތައް، ހާއްސަކޮށް ޒުވާނުންނަށް ގަބޫލު ކުރަން ފަސޭހަވާ ކަމަށް އެ މީހުން ބުނެ އެވެ. އިބްރަތްތެރި ވާހަކަތައް އޭނާ ކިޔައިދެއްވަ އެވެ. މި ފަހުން އެންމެ ގިނައިން ނަސޭހަތްދެއްވީ މަރާއި ނަމާދާ ގުޅޭ ގޮތުންނެވެ.. އިންސާނަކު މަރުވުމަށްފަހު ދުނިޔެމަތީގައި އެމީހެއްގެ ޒިކުރާ އާކުރުމަށް ދިރިތިބީންނަށް އެމީހަކަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެމީހަކަށްޓަކައި ދެމިގެންދަނިވި ޞަދަޤާތެއް ކުރުން ކަމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސްދައުރެއް އަދާކުރެއްވި ަޟީލަތުއްޝައިހް އިބްރާހިމް ފަރީދު އަހްމަދު ރަޙިމަހުﷲ އަޅުގަނޑުމެންނާ ވަނީ ވަކިވެ ވަޑައިގެންފައެވެ. ޝައިޚް އިސްލާމް ދީނަށް ކޮށްދެއްވި ޚިދުމަތަކީ އަޅުގަނޑުމެންގެ ދުލާއި ޤަލަމުން ކިޔާދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެކެވެ.
ޝޭޚް އަޅުގަނޑުމެންނަށް ދޫކުރެއްވި ހެޔޮ ނަޞޭހަތާއި ޢިލްމުން ﷲ ތަޢާލާގެ އިރާދަފުޅާއެކު، އަޅުގަނޑުމެން އަދިވެސް ފައިދާ އެބަ ލިބިގަންނަމުއެވެ.
ޝައިޚް ފަރީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ޞަދަޤާތެއް ކުރަން، އެބޭފުޅާގެ ޢިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެއެވެ.
އެހެންކަމުން އެބޭފުޅާގެ ނަމުގައި ބަންގްލާދޭޝްގައި މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުން މިފެށުނު މަސައްކަތުގައި ބައިވެރި ވެލައްވަމާތޯއެވެ.
މާތް ﷲ ޝެއިޚްގެ ފާފަ ފުއްސަވައިދެއްވައި ރަޙްމަތްލައްވައި ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި ޝެއިޚުގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވާށިއެވެ. އާމީން
(މިއީ މިއަދުނޫހުގެ ޚާއްޞަ ބައިވެރިންގެ ތެރޭގައި ހިމެނޭ ލޯފަން ބައިވެރިއަކު އަމިއްލަފުޅަށް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.)
Advertisement
11 ޖޫން 2025