އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 58 ސިކުންތު
އަހަރެންނަކީ އެންމެ ކުޑައިރުންސުރެ ފިރިމީހާ އާއިއެކު ނޫނީ އެއްވެސް ޖިންސީ ގުޅުމެއް ނުހިންގަން ޢަޒުމްކަނޑައަޅައި އެކަން އެމަގުން ހިންމަވައި ދެއްވެވުން އެދި ދުޢާކުރަމުން އައި އަންހެނަކީމެވެ.
ފުރަތަމަ އެވިސްނުން އައީ ދީނުގެ މާގިނަ ކަންތައްތަކެއް އެނގިގެނެއް ނޫނެވެ. ކީފައިވާ ބައެއް ވާހަކަތަކުން ފިރިމީހާއަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އަންހެނާގެ ޢިއްފަތްތެރިކަން ނުވަތަ ބިކުރުވެރިކަން ކަމުގައި އޮޅުންފިލާފައިވާތީއެވެ. ކޮންމެ ގޮތަކުން ނަމަވެސް އަލަތު ފިރިމީހާއަށް އެ ހަދިޔާދޭން ނިންމައިގެން ހުރުމުންނެވެ.
ޢިއްފަތްތެރި އަންހެނާއަށް ﷲ ދެއްވަވާނެ މަތިވެރި ނިޢްމަތްތައް އެނގުނީ މެލޭސިޔާގެ އިސްލާމީ ޔުނިވަރސިޓީގައި ކިޔަވަންފެށިފަހުންނެވެ. އެކަންކަން އެނގުމުން ކުރިންސުރެ އެގޮތުގައި ހުރެވުނީތީ ވަރަށް އުފާވެސް ވިއެވެ.
މެލޭސިޔާގައި ކިޔަމަންހުރީ ދައްތައެއްގެ ގާތުގައެވެ. ފްލެޓުގައި ދިރިއުޅެނީ ދައްތަ އާއި ދައްތަގެ ފިރިމީހާ އާއި ދެމަފިރިންގެ 2 ދަރިންނާއި އަހަރެންނެވެ. ބައްޕަ ބަލިވެގެން މާލެ އައުމުން ގޭގައި ތިބީ އަހަރެންނާއި ޅިޔަނާއި ދައްތަގެ ދެކުދިންނެވެ.
ދައްތަ ފުރިތާ އެއިރުވާނީ ގާތްގަނޑަކަށް ހަފްތާއެއްހައި ދުވަހެވެ. އެއްރޭ ދެ ކޮއްކޮ ނިންދެވުމަށްފަހު އައިސް ކޮޓަރިއަށްވަދެ ނިދަން އޮށޯންނަން ތައްޔާރުވިތަނާ ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވިއިރު ދޮރުމަތީގައި ހުރީ ޅިޔަނެވެ. ހުރީ ކުޑަކުޑަ ސޯޓެއް ލައިގެންނެވެ. ދޮރުހުޅުވުމާއިއެކު ކޮޓަރިއަށް ވަދެއްޖެއެވެ.
ވަނުމަށްފަހު ދޮރު ތަޅުލިއެވެ. އެހިސާބުން ކަންކަން ގޯސްވެއްޖެކަން އިޙްޞާޞްކުރެވި ވަރަށް ބިރުގަތެވެ. ކިތަންމެ ވަރަކަށް އަޑުގަދަކުރިނަމަވެސް އަޑުއިވޭނެ މީހެއް، އެހީތެރިވާނެ މީހެއް ނެތްކަން އިޙްޞާޞްވުމުން މާޔޫސްވެ ގޮތް ހުސްވިއެވެ. ނަމަވެސް އަހަރެން ނިންމީ އަނިޔާކޮށް އަހަރެންގެ މައްޗަށް ގަދަވެގަނެގެން ނޫނީ އަހަރެންގެ ގައިގައި ބީހުނަ ނުދިނުމަށެވެ.
އެވަގުތު އައި ވިސްނުމަކީ ދެކޮޅު ހެދުމުގެ ބަހެއް ނުބުނެ އޭނާ ދައްކާ ވާހަކަތައް އަޑުއެހުމަށެވެ. އެހެންވެ ކެތްތެރިވީމެވެ. ޅިޔަނުގެ ވާހަކަތަކުގެ އަޑުއިވުމުން ސަލާމަތްވެވޭނެ އިތުރުގޮތެއް ނެތްކަމަށްވެސް ވިސްނުނެވެ. ނަމަވެސް ދެކޮޅުވެރިކަމުގެ ބަހެއް ނުބުނެހުރެ މޫނުން ހިނިތުންވުންވެސް ދައްކަމުން ފާޚާނާތެރެއަށް ދެމިގަތީމެވެ. އަދި އެތެރެއިން ތަންޑުއެޅީމެވެ.
ޔުނިގަ އުޅޭ ރައްޓެހި ދިވެހި ފިރިހެންކުއްޖަކަށް ފޯނުން މެސެޖުކޮށްފައި ދިމާވެގެން އެޅޭކަންތައް ކިޔައިދީ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދޭން އައިސްދިނުމަށް އެދުނީމެވެ. އެއިރު ޅިޔަނު ދޮރުގައ ތަޅަމުން ގެންދެއެވެ. ދޮރުފަތް ވައްޓާލަން އުޅޭހެންވެސް ހީވާހައި ބާރަށް ތަޅަމުން ގެންދެއެވެ.
އަހަރެން ގެންދިއައީ ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރަމުންނެވެ. ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމެވެ. އެޙާލަތުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ކަމުގައި ދަންނަވަމުން ގެންދިއައިމެވެ.
20 ވަރަކަށް މިނިޓްތެރޭގައި ފްލެޓްބެލް ޖަހާއަޑު އިވެން ފެށުމުން ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ނުލިބުނެވެ. ބެލްޖަހާތާ އެތައް އިރެއްފަހުން ޅިޔަނު ގޮސް ދޮރުހުޅުވިއެވެ. ދޮރުހުޅުވުމާއިއެކު ދިވެހި ދެކުއްޖަކާ މެލޭސިޔާ ދެކުއްޖެއްގެ އަޑު އިވުނުކަން ޔަޤީންކުރެވުމުން ފާޚާނާއިން ނުކުމެ ސިޓިންގރޫމަށް ދިއައިމެވެ.
އެމީހުންނާއި ބައްދަލުވުމުން އެންމެންގެ ކުރިމަތީގައި ޅިޔަނު ކަންތައް ކުރިގޮތް ކިޔައިދިނީމެވެ. އަދި ފްލެޓުން އަހަރެން ހަމައެވަގުތު ނެރެގެން ޔަތީމްޚާނާއަކަށް ނަމަވެސް ގެންގޮސްދިނުމަށް އެދި އާދޭސްކުރީމެވެ.
ޅިޔަނު ސައިޒުވީ އެހިސާބުންނެވެ. މެލޭސިޔާ ކުއްޖަކު ބޭނުންވީ ފުލުހުން ގެންނާށެވެ. ނަމަވެސް އަހަރެން ބޭނުންވީ ދައްތަ ނެތުމުން މައްސަލަ އިހަށް ބާއްވާފައި ފްލެޓުން ނުކުތުމަށެވެ. އެކަން ޤަބޫލުކޮށް އަހަރެން ނެރެން ވެގެން ޕެކްކުރަން ބުނުމުން ޅިޔަނު ރޯންފެށިއެވެ. ތަފާތު ވާހަކަތައް ދައްކަންފެށިއެވެ. ދެން ދުވަހަކުވެސް އެބާވަތުގެ ކަމެއް ނުކުރާނެކަމަށް އެންމެންގެ ކުރިމަތީގައި ހުވާކުރަންވެސް ފެށިއެވެ. މާފަށްވެސް އެދުނެވެ. އަދި އަހަރެން ގެއިން ހިނގައްޖެނަމަ ދައްތައަށް އެނގި ދެމަފިރިންގެ ކައިވެނި ރޫޅޭނެކަމަށްވެސް ބުންޏެވެ.
އަހަރެންނަށް މުހިންމުވީ އަހަރެންގެ ސަލާމަތެވެ. އަހަރެން ބުނީމެވެ "ތިއަފަދަ ޖަނަވާރަކާއިއެކު ދިރިއުޅުމަށްވުރެ ދައްތައަށް ވެސް ފައިދާ ބޮޑުވާނީ ޖަނަވާރުގެ ކިބައިން ސަލާމަތްވުމެވެ. ނޫނީ ޢާއިލާއިން މަންމަވެސް ދޫނުކޮށް ކަލޭ އެންމެންނަށް އަނިޔާވެރިވާނެއެވެ."
އެކުދިންނާއިއެކު ވޭނަށް އެރުމުން ލިބުނު ހިތްހަމަޖެހުން ބުނެދޭކަށް ނޭނގެއެވެ. މިނިކާވަގެއްގެ އަތްދަށުން ސަލާމަތްވެވުމުން ލިބޭނެ ހިތްހަމަޖެހުން ލިބުނެވެ. އެހެންވެ ގެންދަނީ ކޮނަތަނަކަށްތޯ ވެސް ސުވާލެއް ނުކުރަމެވެ.
ދޮޅުގަޑިއެއްހައިއިރު ދުއްވުމަށްފަހު ވޭން ވެއްދީ ބޮޑު ގަނޑުވަރެއް ފަދަ ގެއެއްގެ ޕޯޓިކޯއަށެވެ. އަދި ފައިބަން ބުނުމުން ފޭބީމެވެ. އެހިސާބުން މީހަކު އަހަރެންގެ ފޮށިވެސް އަތުލިއެވެ. ގޭތެރެއަށް ވަންއިރު މުސްކުޅި އުމުރުގެ ދެމަފިރިއަކު ތިއްބެވެ. އެކުވެރިންގެ ތެރެއިން މެލޭސިޔާ ކުއްޖަކު ބުނެލި ހަމައެކަނި ބަހަކީ "އާންޓީ! މަގޭ ފްރެންޑް ރަނގަޅަށް ބަލަހައްޓައިދޭތި!" އެވެ. އެހެން ބުނެފައި އެކުވެރިން ދިއައީއެވެ.
އަހަރެން ޔުނިއަށް ގެންގޮސްދީ ގެނެސްދީ ހެދީވެސް އެގޭ ކާރުގައެވެ. އެކުވެރިންނާއި ޔުނި ނޫންތާކުން ބައްދަލެއް ނުވެއެވެ. މިބުނީ އެއްވެސް އެކުވެރިއަކު އަހަރެން ހޯދަން އެގެއަށް ނުވެސް އަންނަ ވާހަކައެވެ. ކޮލެޖުން ކިޔަވައި ނިމުނު އިރުވެސްމެއެވެ.
މިކިޔައިދިނީ މީގެ 10 އަހަރު ކުރީގެ ވާހަކައެކެވެ. އަދިވެސް އަހަރެން މިއިންނަނީ ހަމަ އެގޭގައެވެ. އެގެއިން ދެން ނުކުންނާކަށްވެސް ނުޖެހޭނެއެވެ. އިން ޝާ ﷲ އަދި ނުކުންނަން ބޭނުމެއްވެސް ނޫނެވެ.
އެ ހަޑިމުޑުދާރު ޅިޔަނުގެ ޙަޔާތަށް ދިމާވިގޮތުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ހަމައެކަނި މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަންވީ ކޮންމެ ކަނބަލަކުވެސް ޢިއްފަތްތެރިކަން ޙިމާޔަތްކުރާށެވެ! އެކަމަށް މަސައްކަތްކުރާ ކޮންމެ އަންހެނަކަށްވެސް ﷲ މަގުދައްކަވާނެތެވެ. އެންމެ ނުރައްކާތެރި ޙާލަތުގައިވެސް ބުއްދީގެ ބޭނުންކުރާށެވެ! ﷲ އަށް ދުޢާކުރާށެވެ! ރައްކައުތެރިކަމަށް އެދޭށެވެ. ﷲ ގެ ރަޙްމަތް މިންވަރުކުރައްވަވާނެ ގޮތް ނުވެސް އެނގޭނެއެވެ.
އަހަރެން އެންމެ ކުޑައިރުންސުރެ ބޭނުންވިކަންތައް ފުދުނެވެ. އަހަރެންގެ ފިރިމީހާ އާއި އަހަރެންގެ ހަށިގަނޑު ޙަވާލުކުރީ ހަމަ އިއްފަތްތެރިކަމާއިއެކުގައެވެ. އަދި ކީއްހެއްޔެވެ؟ ކައިވެނީގެ ކުރިން އެންމެ ކުޑަމިނުން ދޮނެއް ދީފައެއްވެސް އަދި އަހަރެންގެ ގައިން ދޮނެއް ނަގާފައެއްވެސް ނުވާނެއެވެ!
އަހަރެންގެ އެންމެ ބޮޑު އިލްތިމާސަކީ ފުރަތަމަ ތިމާ ﷲ އަށް ކިޔަމަންތެރިވުމެވެ. އެއަށްފަހު ﷲ ގެ ޙަޟްރަތުން ވާގިއެދުމެވެ. ކަންކަން ފަހިވެގެންދާނީ ތަރުތީބު އޮޅުވައިނުލުމުން ކަމެވެ!
- ޝިއު (މިއަދުނޫހުގެ ކިޔުންތެރިއެއް)
Advertisement
11 ޖޫން 2025