އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު
މަރުޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާއިން ނިންމައިފިއެވެ.
މިއީ ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށް ފަންޑު ރެއިޒް ކުރުމަށްފަހު، އިތުރަށް ލިބުނު ފައިސާއިން ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫޢެކެވެ.
ހިދުމަތް ޖަމިއްޔާއިން އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ފައިސާ ހޯދަން ފަށާފައިވާ ކަމަށެވެ. އަދި އެ އިޢުލާނު ކުރިތާ 24 ގަޑިއިރު ނުވަނީސް، މިސްކިތް އެޅުމަށް ބޭނުންވާ ހަތް ލައްކަ ރުފިޔާ ހަމަވެފައިވާ ކަމަށް ޖަމިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ.
މިއަދު ހިދުމަތް ޖަމިއްޔާއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގިނަ ފަރާތްތަކުން އަދިވެސް އެ ފަންޑަށް ފައިސާ ޖަމާކުރަމުންދާ ކަމަށެވެ. އަދި ބަންގްލަދޭޝްގައި މިސްކިތް ބިނާކުރުމަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ފައިސާ ލިބެމުންދާތީ، ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރަން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.
ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ފަންޑަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތް މިސްކިތު ފަންޑު އެކައުންޓު ނަންބަރު 7770000141496 އަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޖަމިއްޔާއިން ބުނެފައިވެއެވެ.
މަރުޙޫމް ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވެފައިވަނީ ހިދުމަތް ޖަމިއްޔާއިން ދިން ދަޢުވަތަކަށް މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް މިދިޔަ ހޯމަ ދުވަހު ވަޑައިގަންނަވަނިކޮށް އެ ޤައުމުގެ އެއަރޕޯޓުގައެވެ.
މާތްﷲ ޝެއިޚް ފަރީދުގެ ފާފަފުއްސަވާދެއްވައި ރަހްމަތްލައްވަވައި ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރްދައުސްގައި ލައްވާށިއެވެ. އަދި ޝެއިޚްގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން
Advertisement
11 ޖޫން 2025