އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 24 ސިކުންތު
މުސްލިމަކަށް ވެވޭނީވެސް އަދި މުސްލިމެއްގެ ގޮތުގައި ދެމިހުރެވޭނީވެސް ޝިރުކު ކުރުމުން ސަލާމަތްވެ ހުރެވިގެންނެވެ. އަދި ޝިރުކުރުންމަތީގައި މަރުވެއްޖެ މީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ނުދެއްވަވާނެތެވެ. ވީމާ މިއީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ފާފަތަކެވެ. ވީމާ މިދައްކާ ވާހަކަތަކަށް ސަމާލުވާށެވެ.
މުސްލިމް ބައެއް މުޖުތަމަޢުތަކުގައި ކަންކަމަށް ބޭނުންވުމުން މަރުވެފައިވާ މީހުންގެ ކިބައިން ވާތްގަށް އެދެއެވެ. އޭނާއަށް ބޭނުންޖެހިފައިވާ ކަންތައް ފުދުން އެދި އެމީހުން މެދުވެރިކޮށް ދުޢާކުރެއެވެ. އެމީހުންނަކީ ދުނިޔޭގައި އުޅުނު ހެޔޮލަފާ ތަޤްވާވެރިން ކަމުގައިވުމުން މަރުވުމަށްފަހުގައިވެސް އެމީހުންގެ ކިބައިން ފައިދާއެއްލިބިދާނެ ކަމުގެ އުންމީދުގައެވެ.
ނަމަވެސް އެއީ އެއްވެސް އަބްލެއް ޙަޤީޤަތެއް އެކުލެވިގެންވާ ކަމެއް ނޫނެވެ. ކިތަންމެ މާތް، ކިތަންމެ ބޮޑު ތަޤްވާވެރިއެއް ނަމަވެސް މަރުވުމުން އެމީހަކަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެންމެ ކުޑަމިނުން މީހަކަށްޓަކައި ހެޔޮ ދުޢާއެއްވެސް ކޮށެއް ނުދެވޭނެއެވެ. އަދި އެމީހުންގެ މަހާނަތައް ކައިރިއަށް ގޮސް ކިތަންމެ ބާރަށް ރިޔަސް އަޑެއްވެސް އެމީހުންނަކަށް ނުއިވޭނެއެވެ.
އެކަން ބަޔާން ކުރައްވަވައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ.
"ތިޔަބައިމީހުން އެފަރާތްތަކަށް ގޮވިޔަސް، އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެތެވެ. އަދި އެގޮވުން އެފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން ޝަރީކު ކުޅަކަމާމެދު ޤިޔާމަތް ދުވަހުން އެފަރާތްތައް އިންކާރު ކުރާނެތެވެ. ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާކަލާނގެ ފަދައިން ކަލޭގެފާނަށް ޚަބަރު ދޭނެ ހަމަ އެކަކުވެސް ނެތެވެ." (ފާޠިރް: 14)
މީސްތަކުންނޭވެ! ވަސްވާސްދީގެން މިފަދަ ކަންކަން ކުރުވަނީ ޝިރުކު ކުރުވުމަށެވެ. މިބުނި މަގުން މަރުވެފައިވާ މީހުންގެ ކިބައިން ވާގިނޭދޭ މުޖުތަމަޢުތަކުގައި ވަސްވާސްދޭނީ ޞިޙުރުވެރިންނާއި ފާލުބަލާ މީހުންގެ ގާތަށް ދިއުމަށެވެ. ޖެހިގެން އުޅޭ މައްސަލައިގެ ޙަޤީޤަތް އެމީހުންނަށް އެނގޭނެ ކަމާއި ޙައްލު ހޯދައިދެވޭނެކަން ވިސްނައިދެވޭނެއެވެ.
ޝައިޠޯނާގެ މި މަޅީގައި ގިނަ ބައަކު ޖެހެއެވެ. އެމީހުންގެ ގާތަށް ގޮސް ކަންކަން އޮޅުންފިލުވަން މަސައްކަތްކުރެއެވެ. އެހިސާބުން އެމީހާއެވަނީ ޝިރުކުރެވޭ މީހަކަށެވެ. އެކަންކޮށްފި މީހެއްގެ ނަމާދު 40 ދުވަސްވަންދެން ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް އޮތް ބަސްފުޅުން އެކަމުގައި ހުރި ބިރުބޮޑުކަން އެނގިގެންދެއެވެ.
މިއީ މީސްތަކުން ލައްވައި ޝިރުކު ކުރުވަން ޝައިޠޯނާ އެންމެ ގިނައިން ބޭނުންކުރާ 2 އުކުޅެވެ. ވީމާ ހޭލުންތެރިވެ މިފަދަ އެއްވެސް ކަމެއް ނުކުރާށެވެ. ނުއެނގިހުރެ ޝިރު ކުކުރެވޭ މީހަކަށްވެގެން ހިނގައިދާނެއެވެ. މިހެން ބުނި ނަމަވެސް ޙަޤީޤަތަކީ ނުއެނގި ހުރެއެއް ނޫނެވެ. މިބާވަތުގެ ކަންކަން ކުރުމުން އެއީ ޝިރުކު ކުރެވުންކަން އެންމެންނަށްވެސް އެނގޭނެތީއެވެ. އަދި ޝިރުކުރުންމަތީގައި ހުއްޓައި މަރުވެއްޖެނަމަ އެމީހެއްގެ ފާފަ ފުއްސަވައި ނުދެއްވަވާނެކަން ނުއެނގޭ މީހަކުވެސް ނުހުންނާނެއެވެ. ވީމާ ޝިރުކު ކުރުން ހިމެނިދާނެ އެއްވެސް ކަމެއް ނުކުރަން ވަޞިއްޔަތް ކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
15 ޖޫން 2025