އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 46 ސިކުންތު
ކުދިން ތަރުބިއްޔަތުކުރުމަކީ މަންމައިންނަށް އެކަނި ހާއްސަވެފައި އޮންނަ ކަމެއް ނޫނެވެ. އެކަމަކު ޒަމާނުއްސުރެ އާންމުގޮތެއްގައި ކަން ހިނގަމުން އައީ އެއާ ތަފާތުކޮށެވެ. ކުދިން ތަރުބިއްޔަތުކުރުމަކީ މަންމައިންނަށް ހާއްސަވެފައި އޮތް ޒިންމާއެއްގެ ގޮތުގައި އެންމެ ކުރިއްސުރެ އަޅުގަނޑުމެންގެ މުޖުތަމަޢުއިން ބަލައިގެންފައި އޮތީމަ އެވެ. އެކަމަކު އެހެން ހުރި ކިތަންމެ ކަމެއް މިހާރު އަޅުގަނޑުމެން މިތިބީ ބަދަލުކޮށްގެންނެވެ. އެހެންވީއިރު މި ވިސްނުމާއި އުޅުންވެސް ބަދަލު ނުކުރާންވީ ސަބަބެއް ނެތެވެ.
މިހެން ދެންނެވިޔަސް ކުދިން ތަރުބިއްޔަތުކުރުމުގައި ބައްޕައިން ހަރަކާތްތެރިވާ މިންވަރު ކުރިއަށްވުރެ މިހާރު އިތުރެވެ. ދެމަފިރިން ވަޒީފާއަށް ދާންޖެހުން އެއީ އޭގެ އެއް ސަބަބަށް ވެދާނެ އެވެ. ވަކިން ދިރިއުޅޭ ކުދި އާއިލާތަކުން އެ މަންޒަރު ފެންނަލެއް ވަކިން ގިނަ އެވެ. އެކަމަކު ކުދިން ބެލުމުގައި ހަރަކާތްތެރިވާ ގިނަ ބައްޕައިން އަދިވެސް ގަބޫލުކުރަނީ އެއީ ކުދިންގެ މަންމައަށް ފަސޭހަކޮށްދޭން ކުރާ ކަމެއްގެ ގޮތުގަ އެވެ. ކަން އޮތީ އެހެނެއް ނޫނެވެ. އެއީ ކުދިންގެ މަންމައަށް ކޮށްދޭ ކަމަކަށްވުރެ ބޮޑަށް ކުދިންނަށްޓަކައި ބައްޕަގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާ އެކެވެ.
ކުދިން ތަރުބިއްޔަތުކޮށް ބެލެހެއްޓުމުގައި ބައްޕައިންގެ ދައުރު އިތުރުވުމަކީ ވަރަށް ބޮޑެތި ފައިދާތެކެއް ކުދިންނަށް ކުރާ ކަމެކެވެ. މަންމަގެ ބަނޑުގައި ކުއްޖާ އޮންނަ ދުވަސްވަރު ބައްޕަގެ ފަރާތުން ކުއްޖާގެ މަންމައަށް ލިބޭ އެހީތެރިކަމަކީ ކުދިންގެ ތަރުބިއްޔަތުގައި ބައްޕަގެ ދައުރު ފެށޭ ހިސާބެވެ. އޭގެ ސަބަބުން ކުއްޖާ ބައިގެންދިއުމާއި، ދުވަސް ނުފުރާ ވިހެއުން ފަދަ ކަންކަން ދިމާވުމުގެ ފުރުސަތު ކުޑަވާނެއެވެ.
ކުއްޖާގެ އެންމެ ޅަފަތުގެ ދުވަސްވަރަކީ މައިންބަފައިންގެ އަޅާލުން ހުރިހާ ވަގުތެއްގައި ކަހަލަ ގޮތަކަށް ބޭނުންވާނެ ދުވަސްތަކެކެވެ. މިދުވަސްތަކުގައި ކުއްޖާގެ މަންމައެކޭ އެއްގޮތަށް ބައްޕަވެސް ކުއްޖާއަށް އަޅާލުން ދިނުމުގައި އަމަލީގޮތުން ބައިވެރިވުމަކީ ކުއްޖާގެ ހެދިބޮޑުވުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރެއް ކުރާނެ ކަމެކެވެ. ކުއްޖާއަށް ކާންދިނުމާއި، ނެޕީ ބަދަލުކުރުމާއި އަދި ނިދީގައި އޮވެ ހޭލެވިގެން ކުއްޖާ ރޮއިގަންނަ ވަގުތު ބައްޕަ ކުއްޖާ މަސަލަސްކުރަން އުޅުން ފަދަ ކަންކަމަކީ ކުއްޖާއަށް ރައްކާތެރިކަން އިތުރަށް އިހްސާސްކުރެވޭނެ ކަމެކެވެ.
ކުދިން އެންމެ ކުޑައިރު ގިނަ ކަންކަން ދަސްކުރަނީ ކުޅުމުގެ ތެރެއިންނެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި، މައްސަލަ ހައްލުކުރުން ފަދަ އެތައް ހުނަރެއް ކުދިންނަށް އެންމެ ފުރަތަމަ ދަސްވަނީ އޭގެ ތެރެއިންނެވެ. ތަރުބިއްޔަތާ ގުޅޭ އިލްމުގެ ގިނަ މާހިރުން ބުރަވާ ގޮތުގައި ކުދިންނާއެކު ކުޅުމުގައި ބައިވެރިވެގެން ބައްޕައަށް ބޮޑު ތަފާތެއް ނެރެވިދާނެ އެވެ. ވަކިން ހާއްސަކޮށް ކުއްޖާގެ ހެލިފެލިވުން އިތުރުކުރުވާ ފަދަ ކުޅިވަރުތަކުގައި ބައްޕަ ކުއްޖާއާއެކު ބައިވެރިވުމަކީ ކުއްޖާގެ ސިކުނޑި ތަރައްގީވުމަށް އިތުރަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި އެ ތަޖުރިބާކާރުން ބުނެފައި އެބަހުއްޓެވެ.
ކުދިންގެ ތަރުބިއްޔަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްކަމަކީ ނަމޫނާ ދެއްކުން ކަމަށް ވާއިރު ބައްޕަގެ ވިސްނުން ހުންނަ ގޮތާއި، އުޅުން ބަހައްޓާ ގޮތް ގިނަފަހަރަށް ވެގެންދަނީ ކުދިންގެ ވިސްނުމާއި އުޅުން ބައްޓަންކުރުމުގައި ބޭނުންކުރާ ސަމުގާއަށެވެ. ވަކިން ހާއްސަގޮތެއްގައި ފިރިހެންކުދިންނަށް އޭގެ އަސަރުކުރާލެއް ބޮޑެވެ. ސިޓިންގ ރޫމްގެ ސޯފާގައި މެޗް ބަލަން އިނދެފައި ކުއްޖާ ގާތު ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި ޓީވީ ނިއްވާލުމަށްފަހު ކުއްޖާގެ އަތުގައި ހިފައިގެން ކުއްޖާއާއެކު ނަމާދަށް ދިއުން މުހިންމު ވަނީ އެހެންވެއެވެ. ކުދިންނަށް ފެންނަ ހިސާބުގައި މަންމައާ ހުތުރު ބަހުން މުހާތަބުކޮށްފައި ކުއްޖާގާތު ސްކޫލްގައި ކުދިންނާ ނުތޮޅޭށޭ، ބަސްއަހައިގެން އުޅޭށޭ ބުނުމުން ބަސް އެހުމަކީ ކޮބައިކަން ކުއްޖާއަށް އޮޅެއެވެ. ކުދިން ގާތު ވަކި ގޮތަކަށް ޢަމަލުކުރަން ބުނާއިރު އެކަން ފުރަތަމަ ފެންނަންޖެހޭނީ ބައްޕަގެ ފުށުންނެވެ.
ކުދިންނާއެކު ބައްޕަ ވަގުތު ހޭދަކުރާނަމަ ކުދިންނާ ވީހާވެސް ގިނައިން ވާހަކަދެއްކުން މުހިންމެވެ. އެކަން އެގޮތަށް ކުރެވޭނަމަ ކުދިންގެ ވާހަކަދެއްކުމާއި، އެހެން މީހުންނާ މުއާމަލާތުކުރުން ފަދަ ކަންކަން ކުއްޖާއަށް އަވަހަށް ދަސްވާނެ އެވެ. މިކަންކަން ކުއްޖާއަށް އަވަހަށް ދަސްވުމަކީ ކުދިންގެ ނަފްސާނީ ހެދިބޮޑުވުމަށާއި، އިޖްތިމާއީ ހުނަރުތައް ހަލުއިކަމާއެކު ތަރައްގީވުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ކުދިން ބޮޑެތިވަމުން އަންނަ ވަރަކަށް އެކުދިންގެ ކަންކަމުގައި ބައްޕައިން ހަރަކާތްތެރިވާ މިންވަރު މަދުވާކަން ފާހަގަވެ އެވެ. ކުދިން ހެދި ބޮޑުވަމުން އައިސް ފުރާވަރަށް އަރާ އުމުރަކީ ބޮޑެތި ބަދަލުތަކެއް އެ ކުދިން ތަޖުރިބާކުރަން ފަށާ ދުވަސްވަރެކެވެ. ކުށްތަކަށް އެންމެ ފަސޭހައިން ހުށަހެޅޭ އުމުރަކީ ވެސް މިއީ އެވެ. ރަށްޓެހިން ހޯދައި އެމީހުންނާއެކު އެކި ކަންކަން ތަޖުރިބާކުރަން ފަށަނީ ވެސް މި އުމުރުގަ އެވެ. ކުދިންގެ ހަޔާތުގެ މިހާ މުހިއްމު ހިސާބެއްގައި ބައްޕަ ކުދިންނާއެކު ހުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މި އުމުރުގައި ނުރަގަޅު ކަންކަމަށް ހިތްވަރުދޭ އެކުވެރިންގެ މަޅިން ކުދިން ސަލާމަތްކުރުމަށް އެންމެ ބޮޑަށް އެހީތެރިވެދޭނެ އެއް ކަމަކީ ބައްޕަގެ ފަރާތުން އެކުދިންނަށް ލިބޭ އަޅާލުމާއި ނަސޭހަތެވެ.
ކުދިން ބެލުމާއި، ތަރުބިއްޔާތުކުރުމުގައި މަންމަ އާއި ބައްޕަ ހިއްސާވުމުން ދެ މީހުންނަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބެ އެވެ. އާއިލީ ހަމަޖެހުން ދެމިއޮތުމަށްޓަކައި އެކަކަށްވެސް މާ ބޮޑަށް ބުރަ ނުވެ ގޭތެރޭގެ ކަންކަން އިންތިޒާމްވެފައި އޮތުން ވަރަށް މުހިއްމެވެ. މީގެ ނަތީޖާއަކަށް ވާނީ ދެމަފިރިންގެ ހާސްކަން ކުޑަވުމެވެ. ދެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވުމެވެ. އޭރުން ތުއްތު ދަރިފުޅު ނުކާން ބޮޑާ ހޭކިއަސް މަންމަ އެކަން ތަހައްމަލުކުރާނީ ހިތްހެޔޮކަމާ އެކު އެވެ. ދަރިފުޅަށް ޤުރުއާން ކިޔަވައިދޭން އިންނަ ބައްޕަ ކިތަންމެ ފަހަރަކު ދަރިފުޅަށް ބުނެދޭން ޖެހުނަސް އެކަން ކުރާނީ މަޑުމައިތިރި ކަމާއެކު ލޯބިންނެވެ. މިއިން ކޮންމެ ކަމެއްގެ ފައިދާ ކުރަނީ ކުދިންނަށެވެ. އެކުދިންގެ ތައުލީމާއި، އުޅުމުން ފެނުން ގާތީ ޕޮޒިޓިވް ކަންކަމެވެ.
ހަބަރު: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
Advertisement
15 ޖޫން 2025