އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ނިކަމެތި ޙާލުގަ ހުއްޓާ ކައިވެނިކޮށް ތަނަވަސްކަމުގަ ގެންގުޅެންފެށީމާ އަގުވަޒަންކުރުމުގެ ބަދަލުގަ ބޭވަފާތެރިވުމުގަ ހައްދުފަހަނައަޅައިދިއަ ފިރިއެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ނިކަމެތި ޙާލުގަ ހުއްޓާ ކައިވެނިކޮށް ތަނަވަސްކަމުގަ ގެންގުޅެންފެށީމާ އަގުވަޒަންކުރުމުގެ ބަދަލުގަ ބޭވަފާތެރިވުމުގަ ހައްދުފަހަނައަޅައިދިއަ ފިރިއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 1 ސިކުންތު

އަޅުގަނޑު ކައިވެނިކުރީ އަމިއްލައަށް ދިރިއުޅުމެއް ހޯދުމަށްފަހުގައެވެ. ވަޒީފާ އަދާކޮށްގެން އަމިއްލައަށް ފްލެޓެއް ގަނެ ވަޒީފާއިން ވަކިވެ އަމިއްލައަށް ވިޔަފާރިވެސް ކުރަމުންނެވެ. 4 މުވައްޒިފުން ގެންގުޅެމުންނެވެ. ކައިވެނިކުރީ އެއްވެސް ތަނަވަސްކަމެއް ނެތް ޒުވާނަކާއިއެވެ. އެއީވެސް އިޚްލާޞްތެރިވާނެ ކަމުގެ އުންމީދުގައެވެ.  

ކައިވެންޏަށްފަހު އޭނާގެ ކިބައިން ފެނުނު ރަނގަޅު ކަންކަމަށް ބަލައި އަޅުގަނޑުގެ ވިޔަފާރީގެ ތެރެއަށް އޭނާ ވެއްދީމެވެ. ނަމަވެސް ކޮންޓްރޯލެއް ނުދެމެވެ. ކޮންޓްރޯލް ބޭއްވީ އަޅުގަނޑުގެ އަތުގައެވެ. އެހެނަސް އޭނާއަށް ބައެއް އިޚްތިޔާރުތައް ދިނީމެވެ.  

ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެންޏަށް 6 އަހަރުވީއިރު 2 ދަރިން ވަނީ ލިބިފައެވެ. ފިރިމީހާގެ އުޅުމަކުން އެއްވެސް ބަދަލެއް ނުދައްކައެވެ. ޝައްކުކުރެވޭނެ އެއްވެސް ކަމެއްވެސް ނުފެންނާތީ ހުރީ ވަރަށް ބޮޑަށް އިތުބާރުކޮށްގެންނެވެ.  

އެއްދުވަހެކެވެ. އޮފީހުގައި އިންދާ ބައްދަލުކުރަން އަންހެނަކު އައެވެ. އައީ 2 އަހަރުގެ ކުޑަކުއްޖަކު ގޮވައިގެންނެވެ. އެހެންވެ ހީކުރެވުނީ އެއީ ކޮންމެވެސްކަމަކަށް ދަތިވެގެން އެހީތެރިކަމަކަށް އެދިގެން އައި އަންހެނެއް ކަމަށެވެ. އެހެންވެ ވަރަށް ކަމޭހިތައި އޯގާތެރިކަމާއިއެކު ވާހަކަދެއްކީމެވެ.  

އާނއެކެވެ! އޭނާ އައީ ހަމަ ވަރަށް ބޮޑު ކަމަކަށް ބޭނުންވެގެންނެވެ. ދިރިއުޅެވޭނެ ގޮތެއް ނެތިގެންނެވެ. ނަމަވެސް ދިނީ މުޅިން ތަފާތު މެސެޖެކެވެ. ކިޔައިދިނީ ސިކުނޑި ސިއްސުވައިލި ވާހަކައެކެވެ.  

އޭނާއަކީ ފިރިމީހާގެ ލޯބިވެރިއެކެވެ. ދަރިފުޅަކީވެސް ފިރިމީހާއަށް ކައިވެނީގެ ބޭރުން ލިބިފައިވާ ދަރިއެކެވެ. އެވަރުން ފުދުނީއެއް ނޫނެވެ. އޭނާގެ ޝަކުވާއަކީ ކައިވެނިކުރާނެ ކަމަށްބުނެ ހުރިހާ ގުޅުމެއް ހިންގަމުން އައިސް މިހާރު އޭނާ ދޫކޮށްލާފައި އެހެން އަންހެނަކާއި ގުޅިގެން އުޅޭކަމެވެ. އޭނާއަށް ޚަރަދުނުކުރާ ކަމެވެ. އެކަމުގެ ހެކިތައްވެސް އެނާގެ ފޯނުން ދެއްކިއެވެ.  

ދޭނެ ޖަވާބަކަށް ވިސްނާލަން އިރުކޮޅަކު މަޑުކޮށްލީމެވެ. އެއިރު ފިރިމީހާވީ އޭނާގެ ތިމާގެ މީހަކު ފުރުވަން އެއާޕޯޓަށްގޮހެވެ. އެހެންވެ ފިރިމީހާ އަންނަންދެން އޭނާ ކޮޓަރީގައި ބެއިންދީމެވެ. ފިރިމީހާ އައީ ގަޑިއެއްހާއިއރު ފަހުންނެވެ.  

ފިރިމީހާއަށް އޭނާ ފެނުމުން ދިއައީ ސިއްސައިގެންނެވެ. ފުރަތަމަ އުޅުނީ ނުވެސްދަންނަ އަންހެނަކަށް ހަދާށެވެ. ބުނީ އޭނާ އެހަދަނީ ހުސްދޮގު ކަމަށެވެ. ދެކެފަރިތަކަމުގެ ގުޅުން ނޫން އެއްވެސް ގުޅުމެއް ނުބާއްވާކަމަށެވެ.  

އޭނާ ރޯންފެށިއެވެ. ބުނީ ދަރިފުޅުގެ ޑީއެންއޭ ހަދައިފިނަމަ ދޮގުމިހަދަނީ ކާކުކަން އެނގޭނެ ކަމަށެވެ. ފިރިމީހާ އަނގަ ބަންދުވެ ދޮގުިހެދުން ހުއްޓައިލީ އެހިސާބުންނެވެ. ފިރިމީހާ މިހާރު ގުޅިގެން އުޅޭ ކުއްޖާއަށް ފޯނުކުރަން އޭނާ އުޅެން ފެށުމުން ފިރިމީހާ ރުޅިގަދަވެ ފޯނުއަތުލަންވެސް އުޅުނެވެ. އެހިސާބުން ނަންބަރު ހޯދައިގެން އަޅުގަނޑު އޭނާއަށް ވީޑިއޯކޯލެއްކޮށްފައި ފިރިމީހާ ދައްކާފައި އެއީ ކާކުތޯ އެހުމުން ތިއައީ ބޮޑު ބަކައްޓެކޭ ކިޔާފައި ފޯނުކަނޑައިލީއެވެ.

އަޅުގަނޑަށް ބުނެވުނެވެ. މަކަރުވެރި ފިރިހެނުން ދުނިޔޭގައި އުޅޭ ވާހަކަވެސް އަޑުއަހަމެވެ. އެކަމަކު ތިއަވަރުގެ އެކަމަށް އަރައިހުރި މީހަކު އަދި ނުދެކެމެވެ. ދެރައީ ލިބިފައި ތިބި 2 ދަރިންގެ ބައްޕައަކީ ތިއަވަރުގެ ނުބައި ނުލަފާ އަނިޔާވެރިއަކަށްވީތީއެވެ. އަތުގައި އެންމެ ލާރިއެއް ނެތި ހުއްޓާ ކައިވެނިކޮށް ބޭނުންވާ ހުރިހާ ކަންކަން ކޮށްދީގެން އުފަލުގައި ގެންގުޅުނީމާ ތިއަދިން އިނާމު ވަރަށް ރަނގަޅަށް ބަލައިގެންފީމެވެ. އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތެވެ. ރަޅުދަނޑިފައްޗާއި ފޯނު ބާއްވާފައި މިތަނުން ނުކުމެގެންދާށެވެ. އަހަރެންގެ ލޮލަށް ފެންނަ ހިސާބަށްވެސް ދެން ނާންނާށެވެ. 

އަޅުގަނޑު އެއަންހެންކުއްޖާއަށް ވަޒީފާއެއް ދިނީމެވެ. އުޚުތެއް ފަދައިން ހެޔޮކޮށްހިތައިގެން ގެންގުޅުނީމެވެ. މިހާރުވެސް މިގެންގުޅެނީއެވެ. އަޅުގަނޑު އޭނާ އާއިމެދު ދެކެނީ އަޅުގަނޑުގެ ދިރިއުޅުން ސަލާމަތްކޮށްދިން އުޚުތެއްގެ ގޮތުގައެވެ. އޭނާއަށް ކުރެވުނު ކުށަކަށް ނުބަލަމެވެ. އެއީ މަކަރުވެރި ފިރިހެނެއްގެ މަޅީގައި ޖެހެވޭ ކޮންމެ އަންހެނަކަށްވެސް ކަންކަން ކުރެވޭނެ ގޮތް ކަމަށްވާތީއެވެ.  

އެކަނި 2 އަހަރު ހުރެފައި މިހާރު މިއުޅެނީ ކައިވެނިކޮށްގެންނެވެ. ފިރިމީހާ އަދި ވަރަށް ރަނގަޅެވެ. ނަމަވެސް ކުރީގެ ފިރިމީހާ ކަންކަންކުރިގޮތުން ފުރިހަމައަށް އިތުބާރުކުރަން އަދިވެސް ވަރަށް އުނދަގުލެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކުރީގެ ފިރިމީހާ ބާވަތުގެ ބޮޑެތި "ބަކަރިން" ވަރަށް ގިނަވެއްޖެއެވެ. އެކަކަށް ލަނޑުދީފައި އަނެކަކަށް ލަނޑުދީފައި ދުވާ ފިރިހެނުން ވަރަށް ގިނަވެއްހެއެވެ. އެހެން އުޅޭ އަންހެނުންވެސް ނޫޅެއެކޭ ނުބުނަމެވެ. އެކަމަކު މައްސަލައަކަށްވަނީ އެބާވަތުގެ ފިރިހެނުންގެ އަވާޖެހި ދަރިންވެސް ހޯދޭ ފެންވަރަށް އަންހެނުންނަށް ކަންކަން ކުރިއަށް ގެންދެވޭތީއެވެ. ލިބޭ ދަރިން ނުބެލިގެން ޙާލުގައި ޖެހެނީ އަންހެނުންކަމަށްވާއިރުވެސްމެއެވެ. 

އަޅުގަނޑަށް ވިސްނޭގޮތުން ފިރިހެނުންނަށް އެމީހުން ބޭނުންވާ ގޮތަކަށް ކަންކަން ކުރަން ފުރުޞަތުލިބެނީ އަންހެނުންނަށް ވިސްނާނުލެވި އެފުރުޞަތު ފިރިހެނުންނަށް ދެވޭތީއެވެ. ވީމާ ޙައްލަކަށް އޮތީ އަންހެނުން ހޭލުންތެރިވުމެވެ.

 

- ޙަފްޞާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް