އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 56 ސިކުންތު
އެކުންފުނީގެ އޮފީހުގައި އަހުރެން ވަޒީފާ އަދާކުރާތާ 3 ވަނަ އަހަރެވެ. ލިޔުމެއްގައި ސޮއިކުރުވަން ވެރިމީހާގެ ގާތަށް ދިއުމުން ފައިލް އަތުލާފައި ބުނީ ބޭޒުމަތީގައި ހުރި ފައިސާތައް ނެގުމަށެވެ. އެއީ އަހުރެންނަށް ދޭން ބަހައްޓާފައި ހުރި ފައިސާ ކަމަށެވެ. އެހީއަކަށް ނުއެދޭ ކަމަށާއި އެހީއަކަށް ނުއެދެނީސް ފައިށާތަކެއް ދިނުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ އެއްވެސް ޚާއްޞަ ބޭނުމެއް ނެތްކަމަށާއި ދޭހިތްވުމުން ދިނީ ކަމަށެވެ.
އެހެން ބުނުމުން ބުނީމެވެ. "މައްސަލައެއް ނެތެވެ. އެކަމަކު ފައިށާގައި އަތްލާނީ ފަހުން އެއްވެސް ބަދަލަކަސް ނުއެދޭނެކަމަށާއި މިއީ ދިން ހަދިޔާއެއް ކަމަށް ބޮސްގެ އަތުން ލިޔެލާފައި ނޯޓެއް ނަމަވެސް ދިނީމައެވެ.
ބޮސްބުނީ ބޮސްއާއި އެގޮތަށް ވާހަކަ ނުދެއްކޭނެ ކަމަށާއި މުވައްޒިފުންނަށް އޮންނާނީ އަންގާ ގޮތަށް ކަންތައްތައް ކުރުން ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "އަންގާ ގޮތަށް ކުރަންޖެހޭނީ އޮފީހުގެ މަސައްކަތެވެ. ބޮޑެތި ހަދިޔާގައި ހިތާއި ދެކޮޅަށް ހިފުމަކީ ކުރަންޖެހޭ މަސައްކަތެއް ނޫނެވެ."
ބޮސް ރޅިގަދަވިއެވެ. "މާގިނަ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. ވަޒީފާ ބޭނުންނަމަ ފައިސާތައް ހިފައިގެން ނުކުންނާށެވެ! ފައިސާތައް ނުގެންދާނަމަ ނުކުންނަ ގޮތަށް ގެއަށްދާށެވެ!"
ވަރަށް ދެރަވިއެވެ. ނަމަވެސް ޤަޞްދުކުރީ ފައިށާގައި އަތްނުލުމަށެވެ. ވަޒިފާ ގެއްލުނީތީ ދެރަވީވަރުން ރޮވުނެވެ. މޫނު ފުހެމުން ނުކުމެވުނީ މެދަމްގެ ކުރިމައްޗަށެވެ. އެއީ ވަރަށް ހިތްހެޔޮ އަންހެނެކެވެ. ރޮނީ ކީއްވެގެންތޯ ސުވާލުކުރުމާއިއެކު އަތުގައި ހިފައިގެން ބޮސްގެ ކޮޓަރިއަށްވަދެ ސޯފާގައި ދެމީހުން އިށީނދެފައި ސުވާލުކުރުމުން ބުނީމެވެ. "މެޑަމްގެ ހިތްހެޔޮކަމަށް ޝުކުރުވެރިވަމެވެ. ރޮވުނީ ވަޒީފާއިން ވަކިކުރީމައެވެ. ވަޒިފާއިން ވަކިކުރީ ބޮސްގެ މޭޒުމަތީގައި އެހުރި އެހެރަ ފައިސާތައް ބޮސްދިނީމާ ނުހިފީމައެވެ. ނުހިފީ އެހީއަކަށް ނުއެދެނީސް އެހައިގިނަ ފައިސާ ދިން ސަބަބު ނުބުނީތީއެވެ. ހިފައިފިނަމަ ބަދަލުގައި ކަމެއްކޮށްދޭން އަޅުގަނޑަށް ނުޖެހޭނެ ކަމަށް ބޮސްގެ ނޯޓެއް ވިޔަސް ދޭން އެދުނީމަ ނުދިނީމައެވެ."
މެޑަމް ތެދުވެގެންގޮސް ބޮސްގާތުގައި ހުއްޓިފައި ގޮނޑިން ތެދުވަން ބުނުމުން ސުވާލުކުރީ އަންހެނަކު ބުނާހައި ވާހަކައެއް ޤަބޫލުކުރަނީހެއްޔެވެ؟" މެދަމް ޖަވާބު ނުދިނުމުން ގޮނޑިން ތެދުވީމާ މެދަމް ގޮނޑީގައި އިށީނދެފައި ބުންޏެވެ. "ވަރަށް ގިނަ ދުވަހު އޮފީހަށް ނައިސްހުރެފައި މިއަދު މިއައީ ގޮތް ނުއެނގޭ ކަނަކަމަށް އެކައުންޓުން ޚަރަދުކުރާވަރު މާބޮޑުވީމާ ކަމުގެ ޙަޤީޤަތް އެނގޭތޯ ބަލަންވެގެންނެވެ. ދެން އެކަމަށް ކުރަންޖެހޭ އިތުރު މަސައްކަތެއް ނެތެވެ. މިއޮތީ އެނގިފައެވެ. އަނބިމީހާގެ ވަޒީފާއިން އަހުރެން ވަކިކުރަން ފަސޭހަވާނީ ކަލެއަށެވެ. އަހުރެންގެ ފިރިއެއްގެ ވަޒިފާއިންނާއި ކުންފުނީގެ މަސައްކަތުން އަހުރެން ކަލޭ މިވަޤުތުން ފެށިގެން ވަކިކޮށްފީމެވެ. ކޭޝްކާޑާ، ތަޅުދަނޑިފަތްޗާ ކާރުގެ ތަޅުދަނޑި މޭޒުމަތީގައި ބާއްވާފައި އަވަހަށް ނުކުމެގެންދާށެވެ!"
އެހެން ބުނެފައި ކޮމްޕެނީ ސެކްޓްރީ ގެނެސް ފިރިމީހާއަށް ކުންފުނީގެ އެއްވެސް ބޭންކް މުޢާމަލާތެއް ނުކުރެވޭނެ ގޮތް ހަމަޖައްސަން އެންގުމުން ފިރިމީހާ ރޯން ފެށިއެވެ. ނަމަވެސް މެޑަމް އިސްއުފުލައި ބަލައިވެސް ނުލުމުން ޖެހުނީ ނުކުމެގެންދާށެވެ. އަޅުގަނޑަށް ޕްރަމޯޝަންދީ އިތުރު މަސައްކަތްތައް ހަވާލުކުރިއެވެ. މުސާރަވެސް ދެގުނައަށް ބޮޑުކޮށްދިނެވެ.
އަޅުގަނޑަށް ކުރެވިފައިވާ މިތަޖުރިބާ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީ ތަންތަނުގައި ވަޒީފާ އަދާކުރާ އަޅުގަނޑުފަދަ ނިކަމެތި އަންހެންކުދިންނަށް ޢިބްރަތަކަށްވާނެ ކަމުގައެވެ. އަޅުގަނޑު އެފައިށާގައި ނުހިފީ ފައިސާއަށް ބޭނުންނުވާތީއެވެ. އަޅުގަނޑުގެ މުސްކުޅި ބައްޕައާއި މަންމަ ބަލަމުން އައީ ވަރަށް ނިކަމެތި ޙާލުގައި ހުރެގެންނެވެ. އެއިރުވެސް އެކައުންޓުގައި އެއްވެސް ފައިސާއެއް ނެތެވެ.
ބުނެލަން ބޭނުންވަނީ ދަތިޙާލުގަ އުޅެންޖެހޭ ކޮންމެ އަންހެނަކީ ފައިސާއިން ގަނެލެވޭނެ އަންހެނެއް ކަމަށް ހީވެސް ނުކުރާށެވެ! އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
- ސީނާޒް / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ
Advertisement
19 ޖޫން 2025