އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރި އިތުރުވާވަރަށްވެސް ނިޢުމަތްތައް ދެއްވާނެ މީހުން-

ފުރި އިތުރުވާވަރަށްވެސް ނިޢުމަތްތައް ދެއްވާނެ މީހުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 29 ސިކުންތު

"އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، އެއުރެންގެ ޖަޒާއަކީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. اللَّه އެއުރެންނަށް ރުހިވޮޑިގެންވެތެވެ. އަދި އެއުރެން އެކަލާނގެ (ދެއްވި ނިޢްމަތް) އަށް ރުހިގެންވެތެވެ. އެ ނިޢްމަތް ލިބޭހުށީ، އެމީހާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވި މީހަކަށެވެ."

(އަލްބައްޔިނަ: 8) 

ކުރިން ވާހަކަ ދެއްކުނީ މިއާޔަތުގެ ކުރިއަށް އޮތް އާޔަތާއިބެހޭގޮތުންނެވެ. "ހަމަކަށަވަރުން، އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ." 

އެއަށްފަހު މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ އީމާންވެ ޞާލިޙް ހެޔޮ ޢަމަލުތައް ކުރާ މީހުންނަށް ދެއްވަވާނެ ނިޢްމަތްތަކެވެ. 

އަހުރެމެން މުސްލިމުންގެ ހުރިހާވެސް އުންމީދުތަކަކީ މިއާޔަތުގައި ބަޔާން ކުރައްވަވާފައި އެވާ ނިޢްމަތްތައް ލިބުމެވެ. އެހެންކަމުން ދިރިއުޅުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންވީ މި ނިޢްމަތްތައް ލިބޭނެ މަގުން ކަންކަން ކުރުމަށެވެ. އެކަން ޙައްޤުވާނެ މަގުން ޢަމަލުތައްކުރާ މީހަކު ދެދުނިޔޭގައިވެސް މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ދުނިޔޭގައި ތިބެ ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް ސުވަރުގެއާއި ސުވަރުގެއިން ލިބޭނެ ނިޢްމަތްތަކުގެ ފުރިހަމަކަން ޚިޔާލަށްވެސް ނުގެނެވޭނެއެވެ. ސުވަރުގެ ވައްދަވާ އެންމެ ފަހު މީހާއަށް މުޅި ދުނިޔޭގެ 10 ގުނަ ދެއްވަވާކަން ހިތްމައްޗަށް ގެނެސްބަލާށެވެ! އެއިގެ މާނައަކީ ދުނިޔޭގައިވާ ތަނަވަސް އެންެމެންގެ ހުރި ތަނަވަސްކަމަށްވުރެވެސް 10 ގުނަ އިތުރުވުން ނޫންހެއްޔެވެ؟ އެހެންކަމަށްވާއިރު ދުނިޔޭގެ ހުރިހާ ބިލިއަނަރުންނާއި މިލިއަނަރުންނާއި ތަނަވަސްކަން ލިބިގެންވާ އެންމެންނަށް ލިބިފައިވާ މިންވަރަކީ ޛައްރެއްގެ މިންވަރަށްވުރެވެސް ކުޑަ މިންވަރެއް ނޫންހެއްޔެވެ؟ 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި ކިތަންމެ ބޮޑު ފަޤީރެއްގެ ގޮތުގައި ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ކަންބޮޑުނުވާށެވެ! އީމާންވެ ހެޔޮ ޢަމަލުތައްކޮށް ،ިއާޔަތުގައި ބަޔާންކުރައްވަވާފައިވާ ނިޢްމަތްތައް ލިބިގަންނަން މަސައްކަތްކުރާށެވެ. ޙަޤީޤީ މުއްސަނދިންނަކީ ސުވަރުގެ ވަދެވި ސުވަރުގޭގެ މަތިވެރި ނިޢްމަތްތައް ލިބޭނެ މީހުންނެވެ. 

މިއާޔަތުން އެނގެންމިދަނީ ސުވަރުގެ ވައްދަވާނީވެސް އަދި ހުރިހާ ނިޢުމަތްތައް ދެއްވަވާނީވެސް ﷲ ތަޢާލާއަށް ބިރުވެތިވި އަޅުންނަށް ކަމެވެ. މިކަމުން ލިބިގަންނަންޖެހޭ ފިލާވަޅަކީ ހެޔޮ ޢަމަލުތައް ކުރިނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިނުވެ ފާފަކުރާ މީހުން ސުޗަރުގެ ނުވައްދަވައިފާނެ ކަމެވެ. 

ދުނިޔޭގެ ތަނަވަސްކަމާއި ބައްދައި އޮޅުލަން ވަޤުތުތައް ނަގައިނުލާށެވެ! ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް