އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު
އަހުރެން ފަށާނީ ކުޑަކުޑަ ވާހަކައަކުންނެވެ! އަޑުއަހާށެވެ!
އެއީ ވަރަށް ދަތިޙާލުގައި އުޅެމުންދިއަ އަންހެން ކުއްޖެކެވެ. މުސްކުޅިވެފައި ތިބި މަންމައާއި ބައްޕަ ބަލަހައްޓަނީ އޭނާކުރާ މަސައްކަތުންނެވެ. ކުރާ މަސައްކަތަކީ ރެސްޓޯރަންޓެއްގެ ވެއިޓަރުކަމެވެ. ދަތިޙާލުގައި އުޅެމުންވެސް ކާއެތިކޮޅަކަށް އެދި ސަލާންޖަހަން އަންނަ މީހުންނަށް ކާއެއްޗެތި ގަނެފައި ދެއެވެ.
އެއްދުވަހަކު ކާނެ އެއްޗަކަށް އެދިގެން ސަލާންޖަހަން އައި މީހަކަށް އޭނާ ޕާރުސަލެއް ގަނެދީފައި ބުންޏެވެ. "ހިފައިގެން ގޮސް ބޭރުގައި ކައިލާށެވެ! ފަޤީރުންނަށް މިތަނުގައި އިނދެގެން ކެއުމަކީ މަނާކަމެކެވެ."
އެއިގެ 2،3 ދުވަސް އެފަޤީރު މީހާ އަންހެން ކުއްޖާ އާއި ބައްދަލުކުރިއެވެ. މަސައްކަތް ނިންމާފައި ނުކުތްތަނުންނެވެ. އެދުވަހު އެދުނީ ކާނެ އެއްޗަކަށް ނޫނެވެ. ސުވާލުކުރީ އޭނާގެ ދިރިއުޅުމުގެ ޙާލަތާއި ބެހޭގޮތުންނެވެ. އެކުއްޖާ ފޮރުވުމެއް ނެތި ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.
އެއިގެ 2، 3 ދުވަސްފަހުން އެއްރޭ އަންހެން ކުއްޖާ އުޅޭ ގޭގެ ދޮރުގެ ރަނގަބީލު ޖެހުމުން ދޮރުހުޅުވިއިރު ކުރިމަތީގައި ހުރީ ވަރަށް ނަލަހެދިގެން ހުރި މީހެކެވެ. މަގުމަތީގައި އޭނާ އައި ކާރުވެސް އޮތެވެ. މަރުޙަބާ ކިޔައި ގެއަށް ވެއްދުމުން އެމީހާ ބޭނުންވީ މަންމަ ޢާއި ަބއްޕަ ދެކެލުމަށެވެ. އެކަމުގައި ނުބައެއް ނެތުމުން ގެންގޮސް ދެއްކިއެވެ. ދެމީހުންވެސް ތިބީ ވަރަށް ބަލި ޙާލުގައެވެ.
އޭނާ އަންހެން ކުއްޖާގެ އަތަށް ފައިސާކޮޅެއް ދީފައި ބުނީ މަންމަމެންގެ ބޭނުންތައް ފުއްދައިދިނުމަށެވެ. ދެން ބުނީ އަނެއް ދުވަހު އޭނާގެ އޮފީހަށް ގޮސް ބައްދަލުކުރުމަށެވެ. އެހެންވެ އަނެއް ދުވަހު އެކުއްޖާ ދިއުމުން އެމީހާ ބުންޏެވެ. "އަހުރެން ނުއެނގުނުކަން އެއީ މައްސަލައެއް ނޫނެވެ. އަހުރެން ކަލެޢާއި ފުރަތަމަ ދުވަހު ރެސްޓޯރަންޓުން ބައްދަލުކޮށް ކާނެ އެއްޗަކަށް އެދުނީ މިހެދުމުގައި ހުރެއެވެ." އެހެން ބުނެފައި އެހެދުން ނަގައި ދައްކައިލުމުން އަންހެން ކުއްޖާ ދިއައީ ސިއްސައިގެންނެވެ.
އެވަޤުތު ޒުވާން ފިރިހެން ކުއްޖަކު އެތަނަށް އައުމުން އެމީހާ ބުންޏެވެ. "މިއީ އަހުރެންގެ ދެވަނަ ދަރިފުޅެވެ. ތިއަ ރެސްޓޯރަންޓަށް ކާން ގޮސްއުޅުމުގެ ތެރެއިން ކަލޭ ފެނި ކަލެއަސް ސިއްރުން ކަލޭގެ ފޮޓޯ ނަގައިގެންގޮސް މަންމައަށް ދައްކާފައި ބުނީ ކަލެޢާއި ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ އަހުރެން މިކުރިކަމަކީ ކަލޭގެ ޙާލަތާއި އަޚްލާޤް ދަސްކުރުމެވެ. އިމްތިޙާނުން ކަލޭ ފާސްވެއްޖެއެވެ. ރުހޭނަމަ ދެކުދިން ކައިވެނިކުރަންވީއެވެ." އެހިސާބުން ދެކުދިންގެ ކައިވެނީގެ ކަންކަން ހަމަޖެހި ކައިވެނި ކުރެވުނެވެ.
ދެން ރަނގަޅަށް އަޑުއަހާށެވެ! އެއްވެސް މީހަކާ ދިމާލަށް މަތިން ފައިސާތަކެއް ނުއޮހޭނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ކޮންމެވެސް މަގަކުން ތަނަވަސްކަން ދެއްވަވާނީއެވެ. އެއަންހެންކުއްޖާ ނިކަމެތި ޙާލުގައި ބުރަ މަސައްކަތްކުރުމުން ލިބޭ ފައިސާކޮޅުން މަންމަމެންގެ ކަންކަން ކޮށްދީ ބަލަހައްޓަމުން އަދި ނިކަމެތިންނަށްވެސް ވެވެން އޮތް ވަރަކުން އެހީތެރިވާތީ ތަނަވަސްކަމާއި އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތް ނިކަން ދެކި ބަލާށެވެ! ޢިބްރަތް ޙާޞިލުކޮށް އުފާވެރި ދިރިއުޅުމަކަށް އެދިގެން މަސައްކަތްކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ
Advertisement
20 ޖޫން 2025